Haasa ehyah beynun vaa kudhinnah Zaha ge farathun 6000 pounds ge hadhiyaaeh
image
ޒާހާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާއެކު ފޮޓޯ:--
0 ކޮމެންޓް
 

ޒާހާގެ ފަރާތުން 6000 ޕައުންޑްސްގެ އަގު ހުރި ހަދިޔާއެއް

ކްރިސްޓަލް ޕެލެސްގެ ކުޅުންތެރިޔާ ވިލްފްރެޑް ޒާހާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޕާވާ ޗެއާ ފުޓްބޯޅަ ޓީމަކަށް 6000 ޕައުންޑްސްގެ އަގު ހުރި އިލެކްޓްރޯނިކް ގޮނޑިތަކެއް ހަދިޔާ ކޮށްފިއެވެ.
24 އަހަރުގެ ޒުވާން ވިންގަރް ޒާހާ މި ގޮނޑިތައް ހަދިޔާ ކޮށްފައިވަނީ ކްރިސްޓަލް ޕެލެސް ފައުންޑޭޝަނުގެ ދަށުން ހިންގަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޕަވާޗެއާ ފުޓްބޯޅަ ޓީމެއް ކަމަށްވާ "ވީގަލްސް"އަށެވެ. ޒާހާ ވީގަލްސަށް ހަދިޔާ ކޮށްފައިވަނީ ކިތަށް ގޮނޑިކަމެއް އޭނާ ނުވަތަ އެ ކްލަބުންވެސް ހާމަ ކޮށްފައެއް ނުވެއެވެ. ޒަހާ ހަދިޔާ ކޮށްފައިވާ މޮޑެލްގެ ޕަވާޗެއާ ގޮނޑިއެއްގެ ބާޒާރުމަތީ އަގު އުޅެނީ 6000 (115700 ރުފިޔާ) ޕައުންޑްސްގައި ކަމަށް ކްރިސްޓަލް ޕެލެސް ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

"އަހަރެން ކުޑަ އިރުއްސުރެ ދިރި އުޅުނީ ހަމަ މިތާގައި. މިހާރު އަހަންނަށް އެހީވެވެން އޮތް ވަގުތު އެހީވުމަކީ އަހަރެންގެ ޒިންމާއެއް." ގޮނޑިތައް ހަދިޔާ ކުރުމަށްފަހު މިޑީޔާތަކާއި ވާހަކަ ދައްކަމުން ޒާހާ ބުނެފައިވެއެވެ.

މީގެ ކުރިން ކްރިސްޓަލް ޕެލެސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށްފަހު އަލުން އެޓީމާއި ގުޅިފައިވާ ޒާހާ ދަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި އެޓީމް ރެލިގޭޝަނުން ސަލާމާތްވެ ތާވަލުގެ ކުރިއަށް ޖެހިލުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ކްރިސްޓަލް ޕެލެސް ވަނީ މިދިޔަ ހަފްތާގައި އާސެނަލް 3-0 ގެ ނަތީޖާއަކުން ބަލިކޮށް ފުޓްބޯޅައިގެ ދުނިޔެ ހައިރާން ކޮށްލާފައެވެ.

ހިޔާލު