Tharaaveeh Namaadhu Kurumah Bidheyshee Haafizun Genaumah Hudhadhey Usooleh Aanmukohfi
image
ފޮނަދޫ ބަރާސީލު މިސްކިތް---ފޮޓޯ:ސާލިހާ
0 ކޮމެންޓް
 

ތަރާވީޙް ނަމާދުކުރުމަށް ބިދޭސީ ޙާފިޡުން ގެނައުމަށް ހުއްދަދޭ އުސޫލެއް އާންމުކޮށްފި

ރަމަޟާން މަހުގެ ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ހުއްދަދޭ އުސޫލެއް އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އުސޫލުގެ ދަށުން ބިދޭސީ ހާފިޡުން ގެނެވޭނީ އެ މިނިސްޓްރީން ހާފިޡުން ގެނައުމަށް ހުއްދަ ދިނުމުންނެވެ.

އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން ހާފިޡުން ގެނައުމަށް ހުއްދަދޭނީ، ޙަތިމްކޮށް ތަރާވީހް ނަމާދުކުރާ މިސްކިތްތަކަށް އެރަށެއްގެ އާބާދީގެ ނިސްބަތުންނެވެ. އުސޫލުގައި ވާ ގޮތުން 500 އާއި 1500 އާ ދެމެދުގެ އާބާދީގެ ރަށްރަށަށް އެއް ހާފިޡް، 1500 އާއި 3000 އާ ދެމެދުގެ އާބާދީގެ ރަށްރަށަށް ދެ ހާފިޡު ގެނައުމުގެ ހުއްދަ ލިބޭނެއެވެ. އަދި 3000 ން މަތީގެ އާބާދީގެ ރަށްރަށަށް ތިން ހާފިޡުންގެ ހުއްދަ ލިބޭނެއެވެ. 500 އިން ދަށުގެ އާބާދީގެ ރަށްރަށަށް ހުއްދަދޭ ހާފިޡުންގެ އަދަދެއް އުސޫލުގައި ބަޔާންކޮށްފައިނުވެއެވެ.

ބިދޭސީ ހާފިޡުން ގެނައުމުގެ ހުއްދަ އަށް އެދޭއިރު ގެންނަން ބޭނުންވާ މީހާގެ ލިޔުންތައް ހުށަހަޅަންޖެހެއެވެ. އޭގެ ތެރޭގައި ހާފިޡު ކަމުގެ ސެޓްފިކެޓާއި ޕާސްޕޯޓް ކޮޕީ އާއި ވަނަވަރު ހިމެނެއެވެ. އަދި ސުންނަތް ޖަމާއަތުގެ މީހެއްކަން އަންގައިދޭ ލިޔުމާއި އުފަން ގައުމުުގެ ޕޮލިސް ރިޕޯޓު ހުށަހަޅަންޖެހެއެވެ.

ބިދޭސީ ހާފިޡުން ގެނައުމުގެ ހުއްދައަށް އެދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ގެނައުމަށް އެދޭ ބިދޭސީ ހާފިޡް، ރާއްޖެއަށް ގެނައުމަށްފަހު އޭނާ ރާއްޖެއިން ފުރުވާލެވެންދެން، އޭނާގެ އެންމެހާ ޒިންމާ އެފަރާތުން އުފުލާނެކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަންޖެހެއެވެ. އަދި ވޭތުވެދިޔަ އަހަރު ބިދޭސީ ހާފިޡަކު ގެނެސްފައިވާ ނަމަ، އެ ހާފިޡަކު ފުރުވާލިކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

ރާއްޖެއިން ބޭރުން ބިދޭސީ ހާފިޡުން ގެނައުމަށް ބޭނުންވާ ހުރިޔާ ލިޔެކިޔުންތަކެއް އެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ 25 ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އެ އުސޫލަށް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ހިޔާލު