TC balikoh New alun thaavaluge 1 vana ah
image
ޓީސީ ނިއު ބައްދަލު ކުރި މެޗެއް ފޮޓޯ:---
0 ކޮމެންޓް
 

ޓީސީ ބަލިކޮށް ނިއު އަލުން ތާވަލުގެ އެއްވަނައަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދައިފިއެވެ.
މި މެޗުން ނިއު ރޭޑިއަންޓް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައެވެ. ދެވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ފަސް މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ އެވެ.

ނިއު ރޭޑިއަންޓް އިން މެޗް ރަގަޅަށް ފަށައިގެން އެ ޓީމުން ވަނީ ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗްގެ 11 ވަނަ މިނިޓްގައި އަލީ ފާސިރު ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

މި މެޗްގައި ނިއު ރޭޑިއަންޓް އިން ޓީސީގެ ގޯލު ހުޅުވާލާފައިވަނީ މެޗްގެ 17 ވަނަ މިނިޓްގައި އެޑްރިއަން ގަލާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން އަލީ ފާސިރު ނަގައިދިން ހުރަސް ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނިއު ރޭޑިއަންޓް އިން މި މެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަބްދުﷲ މިދުހަތު ފަހުމީ އެވެ. އޭރިޔާ ތެރެއަށް ވަދެ މިދުހަތު ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފަ ވަނީ ގޯލުގެ ތެރެއަށެވެ.

ޓީސީން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗްގެ 67 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިޔާ ތެރެއަށްވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ހިޔާލު