Yaameen ge Marah Insaafu Hoadhaidheveyvaruge Muahsasaa eh Hingaatha!?
image
ޔާމީން ރަޝީދު---ފޮޓޯ:ސޯޝަލް މީޑިއާ
2 ކޮމެންޓް
 

ޔާމީނުގެ މަރަށް އިންސާފު ހޯދައިދެވޭވަރުގެ "މުއައްސަސާ"އެއް ހިނގާތަ!؟

ދިވެހި ގައުމަކީ އެއްބައިވަންތަ އެއްބައެއްވަންތަ އެއް ދީނަކަށް އުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ އަމާން ގައުމެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން ދެމިއޮތެވެ. އެކަމަކު މި ދިވެހި ބިމަކީ ދުނިޔޭގެ އެހެން ގައުމުތަކާ މާ ބޮޑު ތަފާތެއް ނެތް ހަމަނުޖެހުމާއި ނާއިންސާފުން ފުރިފައިވާ ބިމެއްގެ ގޮތުގައި މިފަހުގެ ތާރީހުގައި ވަނީ ފެންނަން ފަށާފަ އެވެ. ދީނާއި، ސިޔާސީ ފިކުރުގެ ތަފާތުތަކާ ހުރެ އުފެދޭ ދެބަސްވުންތައް ހަމަނުޖެހުމަށް ބަދަލުވެގެން ގޮސް އެއް ބަޔަކު އަނެއް ބަޔަކު މަރާ ހިސާބަށް މިއަދު މިގައުމުގެ ކަންކަން ގޮސްފައިވާއިރު، އިންސާފު ލިބޭނެ މަގެއް ނެތްކަމަށް ބުނެ ވާހަކަ ދައްކާ ވާހަކަތަކުން ގައުމުގެ ކުރިމަގާ މެދު ޒުވާން ޖީލުގެ އިތުބާރު ގެއްލިގެން ނުދާނެ ބާއްވައެވެ.
މިހާތަނަށް ޖަވާބު ނުލިބޭ ކިތައް ހާދިސާ ހިނގައިފިތޯއެވެ؟ އެންމެ ފުރަތަމަ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އެވެ. އެތައް ސުވާލުތަކަކުން ފުރިފައިވާ، އަދިވެސް އިންސާފު ލިބިފައި ނުވާ މަރެކެވެ. އެއަށްފަހު ކުރިމަތިވީ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލުވާލި ހާދިސާ އެވެ. މިއަދާ ހަމައަށް ވެސް އެކަމުގެ ފަހަތުގައިވާ ބަޔަކު ހޯދިފައި ނުވާއިރު، ދިވެހި މަޔަކަށް ކޮންމެ ދުވަހަކު ދިރިއުޅުމާ ކުރިމަތިލާން ޖެހިފައި ވަނީ ލޮބުވެތި ދަރިފުޅަށް ވީނުވީއެއް ނޭނގުމުގެ ފުން ހިތާމައާ އެކުގަ އެވެ. މިއީ އިންސާފުތޯ އެވެ؟

ޑރ. އަފްރާޝީމާއި، ރިޟްވާން އަށް ދިމާވި ހިތްދަތި ގޮތުގެ ހަނދާނުގައި އަބަދުމެ ދުވަސްތައް ހޭދަ ކުރަމުން ދަނިކޮށް، ދެން މި ކުރިމަތިވީ އަނެއްކާ ވެސް ގަބޫލުކުރަން ދަތި ހާދިސާއެކެވެ. ލިޔުންތެރިޔާ އަދި އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރެވެ. މިކަން ފެންމަތިވުމާއެކު އެންމެން ވެސް ފާޅުކުރަން ފެށީ އެއް ހިޔާލެކެވެ. އެއީ އެކަން ކުރި ބަޔަކު ނުފެންނާނެ ކަމާއި، އިންސާފު ނުލިބޭނެ ކަމުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ ގައި ބަލާލި ކޮންމެ ދިމާލަކުން ޒުވާނުންގެ ފިކުރު ހުރީ މިގޮތަށެވެ. ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ އާއި، މުއައްސަސާތަކަށް އޮތް އިތުބާރު ނުގެއްލޭތޯ މިއީ މިއަދު ކުރަމުންދާ ސުވާލެކެވެ.

ޔާމީންގެ މަރަށް 48 ގަޑިއިރު ވެގެން ދިޔައިރު، މީހަކު ހައްޔަރުކޮށްފައި ނުވުމުން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެންމެން ވެސް މަޑުކޮށްގެން ތިބީ ފުލުހުންގެ ތަހުގީގާ ބެހޭ ރަސްމީ ބަހެއް ހާމަކުރާނެ ވަގުތަކަށެވެ. އެކަމަކު އަންގާރަ ދުވަހުގެ ހަވީރު ފުލުހުން ބޭއްވި ޕްރެސް ކޮންފެރެންސް ވެގެން ދިޔައީ ނޫސްވެރިއަކު ބުނި ގޮތުން ނަމަ "ބޮޑު ޑިސަޕޮއިންޓްމަންޓަކަށެވެ". އެތައް ސީސީޓީވީ ކެމެރާއަކުން ލިބިފައިވާ ވީޑިއޯ ފުޓޭޖް ބެލުމަށް ފަހު އެންމެ ތިން ފޮޓޯގެ މައްޗަށް އެކުލެވިގެންވާ ވީޑިއޯ އެއް ނޫސްވެރިންނާ ހިއްސާ ކުރުމަކީ ތަހުގީގުގައި ކުރިއެރުން ލިބުންތޯއެވެ؟

މިކުށް ކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެމީހުންގެ ނަމާއި، ވަނަވަރު ހާމައެއް ނުކުރެވެ. ނުސާފު ތިން ފޮޓޯ އާއްމު ކުރުމަށް ފަހު އެދުނީ އާއްމުންގެ އެހީތެރިކަމަށެވެ. މިއަދާ ހަމައަށް އައިއިރު ވެސް، އެމީހުން ހައްޔަރު ކުރެވިފައެއް ނުވެއެވެ. އާއްމުންނަށް އެހީވެވޭނީ ވެސް ތަންކޮޅެއް ތަފްސީލުކޮށް މައުލޫމާތު ހާމަކޮށްގެން ނޫންތޯ އެވެ؟ އެކަމަކު މިއާ ހިލާފަށް އިއްޔެގެ ޕްރެސް ކޮންފެރެންސް ފެށުމުގެ ކުރިން ވެސް ފުލުހުން ނޫސްވެރިންނަށް އެންގީ ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ދެން އޮތީ އެހެން ވާހަކަ އެކެވެ. ޔާމީންގެ މަރާ ގުޅިގެން ފުލުހުންނަށް މައުލޫމާތު ދިނުމަށް މަސައްކަތް ކުރި މީހަކަށް ދިމާވި ގޮތުގެ ވާހަކަ އެވެ. ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ޔާމީންގެ އެކުވެރި، އެމީހާ ބުނެފައި ވަނީ ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ގުޅުމުން އަމަލު ކޮށްފައި ވަނީ ވަރަށް "ޒިންމާދާރުކަން ކުޑަ ގޮތެއްގައި" ކަމަށެވެ. އެކަމުން ފުލުހުންގެ "ގާބިލްކަމެއް ނެތްކަން" ހާމަވާ ކަމަށް އޭނާ ދެކެއެވެ.

ހުރިހާ ކަމެއް އެގޮތަށް ހުރިއިރު، ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ވަކި މުއައްސަސާއެއް ކުށްވެރި ނުކުރައްވާނެ ކަމަށެވެ. ޑރ. އަފްރާޝީމާއި ރިޟްވާންގެ މައްސަލަ ފަދަ ހަގީގަތް ހޯދިފައި ނުވާ އެތައް މައްސަލައެއްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ގައުމުގެ މުއައްސަސާތަކުން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ފާހަގަކުރައްވާފަ އެވެ. ބޮޑެތި މައްސަލަތަކުގެ ހަގީގަތް ނުހޯދެވުމަކީ ހަމައެކަނި ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުން ނަމަ މަރުގެ މައްސަލަތަކަށް އޮތް ހައްލަކީ މަރުގެ ހުކުމް ތަންފީޒު ކުރުމެވެ. "ކްރިމިނޮލޮޖީގައި މިފަދަ ބޮޑެތި ކުށްތައް މަދު ކުރުމަށް އޮތް އެންމެ ބޮޑު ޑިޓެރިންގް އިފެކްޓަކީ" މިފަދަ ހުކުމްތައް ތަންފީޒު ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ދިވެހި މުއައްސަސާތަކާއި ކޯޓުތަކުގެ ގާބިލްކަމާ މެދު އެތައް ބަޔަކު ސުވާލު އުފައްދާ، އެތަންތަނުގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރާއިރު، އެފަދަ މުއައްސަސާތަކުން ކުރާ ތަހުގީގާއި، ކުރާ ހުކުމްތަކުގެ އިންސާފުވެރިކަން ރައްޔިތުންނަށް ކަށަވަރު ކުރެވޭނެ ގޮތްތައް ހުރިތޯ މިއީ ވެސް މިއަދު ކުރަމުންދާ ބޮޑު ސުވާލެކެވެ. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ މުޅި ސިސްޓަމް "އޯވާހޯލް" ކުރުން ނޫންތޯ އެވެ. ހުރިހާ މުއައްސަސާތަކެއްގައި ތިބި ވެރިން ބަދަލުކޮށް، އިސްލާހީ ބަދަލު ގެނައުމެވެ. އެ ނޫން ގޮތަކަށް މިއަދު މިގައުމުގެ ހާލަތު ބަދަލު ކުރެވޭނެ ގޮތެއް އެބަ އޮތްތޯ އެވެ. އެކަން ނުކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން ވިސްނަވާނަމަ، ދިވެހި ގައުމުގެ ވަލިއްޔުލްއަމްރަށް ދަންނަވަށް އޮތީ "ނޮޓް އިން މައި ނޭމް" އެވެ.
ހިޔާލު

ޖައިސަމް

ބުނަން ބޭނުންވާ އެތި ވަރަށް ބޮޑު. އެކަމު ކުރުކޮށްލާނަން. އެފަދަ މުއައްސަސާއެއް ދިވެހި ރާއްޖެއަކު ނެތް. އަދި މިސަރުކާރުގަ މިނިވަންކޮށް މުއައްސަސާއެއް ނުވެސް ހިންގޭނެ.

އޭނަ

ވަރަށް ރަނގަޅު ލިޔުމެއް. ހުރިހާ މުއައްސަސާ އެއްގެ ވެރިން ބަދަލުކުރަންޖެހޭ. ޚާއްސަކޮށް، އެޗުއާރސީއެމް ގައި ތިބި ކަހަލަ އިންސާނީ ހައްޤަކީ ކޮބައިކަންވެސް ނޭނގޭ، މައްސަލައެއްގެ ކަނޑެއް ފަޅެއް ދެނެގަންނަން ނޭގޭ މެންބަރުން ތައް ނަގާ އެެއްލާލަން ވެއްޖެ.