Hate Message Liyaanama Bayaku Konme Fadha Kamehves Kuranveethah!?
image
ޝަހީދު ހުސައިން އާދަމް ބިލްޑިންގް--ފައިލް ފޮޓޯ ރައީސް އޮފީސް
7 ކޮމެންޓް
 

"ހޭޓް މެސެޖް" ލިޔާ ނަމަ ބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކުރަން ވީތަ!؟

މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެދޭ ގޮތަށް ނުވަތަ "ހޭޓް މެސެޖް" ލިޔާ މީހަކަށް ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމަކީ ވަރަށް ބޮޑު ވާހަކައެއްކަމަށް ފެނެއެވެ. އެފަދަ ވާހަކައެއް ރައްޔިތުންގެ އެންމެ އިސް ހާދިމް ވިދާޅުވުމަކީ ހަމަ އެންމެ ރަނގަޅު ވާހަކައެއްތޯ ސުވާލު ކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ އެ ސުވާލު ކުރަން މި ޖެހެނީ ވެސް ނުހަނު ބިރުވެރިކަމާ އެކުގައެވެ. ސަބަބުތައް ބައިވަރު އެބަ ހުއްޓެވެ.
ރައީސް ނުވަތަ ރައްޔިތުންގެ އެންމެ މަތީ އިސް ހާދިމް އެފަދަ ވާހަކައެއް ވިދާޅުވުމަކީ ބިރުވެރިކަން އިތުރުވާނެކަމެއް ނޫން ބާއްވައެވެ. ނަފްރަތު އުފެދޭގޮތަށް ނުވަތަ "ހޭޓް މެސެޖް" ލިޔާ މީހަކަށް ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަމަށް ރައީސް ވިދާޅުވުމަކީ ހަމަ ހަގީގަތުގައިވެސް މައްސަލައެއް ނޫންތޯ އެވެ.

ގައުމުގެ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އިންތިހާއަށް އޮތް ވަގުތެއްގައި އެއް ބަޔަކަށް ނަފްރަތުގެ މެސެޖެއްކަމަށް ބެލެވޭ މެސެޖް އަނެއް ބަޔަކަށް އެފަދައިން ގަބޫލުނުކުރެވިދާނެ އެވެ. ނަމަވެސް ހަގީގަތްވާނީ ހަގީގަތަށެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ.

ރައްޔިތުންގެ އެންމެ އިސް މަގާމުގައި ހުންނަވާ ބޭފުޅަކަށް ނުދެއްކޭނެ ވާހަކަ އާއި ނުކުރެވޭނެ ކަންކަން ހުންނާނެ ނޫން ބާއްވައެވެ. އެއީ ރައީސް ޔާމީނެއް ރައީސް މައުމޫނެއް ރައީސް ނަޝީދެއް ރައީސް ވަހީދެއް ކިޔާނެކަމެއް ނެތެވެ. ބައެއް ފަހަރު މަގާމުގެގޮތުން ނުދެއްކޭނެ ވާހަކަ އާއި ނުކުރެވޭނެ ކަންކަން ހުންނަ ވާހަކަ އަބަދުވެސް މީހުން ދައްކައެވެ. އެގޮތުން ނަފްރަތު އުފެދޭގޮތަށް މެސެޖް ލިޔާ މީހަކަށް ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ވިދާޅުވުމަކީ ރައީސްކަން ކުރައްވާ ބޭފުޅަކަށް ދެއްކޭނެ ވާހަކައެއް ކަމަށް ނުފެނެއެވެ.

ރައީސް އެ ވާހަކަ ވިދާޅުވިއިރު އެވާހަކަ ވިދާޅުވެގެން ލިބިދާނެ ގެއްލުމާއި ފައިދާ އަކީވެސް ކޮބައިތޯ ބަލައިލަން ޖެހެއެވެ. މި ސުވާލަށް ޖަބާވު ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށެވެ. ނަމަވެސް ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ނުކުރެވޭނެ ކަންކަމާއި ނުދެއްކޭނެ ވާހަކަ ވެސް ހުންނާނެ އެވެ.

ދައުލަތެއްގެ ގޮތުގައި ގައުމެއް ހިންގާއިރު ނަފްރަތު އުފެދޭ ގޮތަށް މެސެޖް ލިޔުމުން އެ މެސެޖް ލިޔުނު މީހަކަށް އަދަބު ދިނުމަކީ ފަރުދުންގެ ޒިންމާއަކަށް ވެއްޖެ ނަމަ، ޖަންގަލީގެ އުސޫލާ ތަފާތެއް އޮތް ކަމަކަން ނުފެނެއެވެ. ނަމަވެސް އިންސާނީ ދަރިފަސްކޮޅުގެ އާންމު އުސޫލަކީ އިންސާފުވެރިކަމާއެކު ކުށްވެރިންނަށް އަދަބު ދިނުމެވެ. އަދި ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން އަދަބުދީ އިންސާފު ގާއިމުކުރުމެވެ.

ސުވާލަކީ ރައީސްގެ ވާހަކަފުޅުން ބާރު ލިބެނީ އެމަގަށް ބާއްވައެވެ. ނުވަތަ ލިބިގެންދާ މެސެޖަކީ މަންފާ ކުރާ ފަދަ މެސެޖެއްތޯ ވެސް ސުވާލު ކުރަންޖެހެއެވެ. ނަމަވެސް މި ސުވާލުތަކަށް ފަސޭހައިން ޖަވާބެއް ނުލިބޭނެއެވެ. ސަބަބުތައް ގިނަ ކަމުންނެވެ.

މިލިޔުން ލިޔަމުންދާއިރު އުފެދޭ ސުވާލަކީ ރައީސް އެ ވިދާޅުވާ ފަދަ މެސެޖަކަށް މި ލިޔުން ވެދާނެ ބާއްވަ އެވެ. އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާ ހިނދު ކުށުން ބަރީއަވުމަށާއި އިސްލާހު ވުމަށް ފުރުސަތު ލިބެންޖެހޭނެއެވެ. އަދި ގައުމެއްގެ ގޮތުގައި މި ގައުމު ހިނގާ ނަމަ މީހުންގެ ނަފްރަތު ލިބޭ މެސެޖް ލިޔާ މީހާ އަށް އަބަދު ދޭ ބަޔަކީ އާދައިގެ ރައްޔިތުންނަށްވާ ނަމަ ދެން ކުރާނެ ކަމެއް ނެވެ.

އެކާވީސް ވަނަ ގަރުނުގައި ކަންކަން ކުރަން ޖެހޭނީ އެގޮތަކަށް ނޫނެވެ. ކަން ކުރަންވާނީ އެކަންކަން ކުރަން އޮންނަ މަގުންނެވެ. ރާއްޖޭގައި ކަންކަން ހިންގަންޖެހޭނީ އިސްލާމްދީނުގައި ހުރި އުސޫލުތަކާއެއްގޮތަށް އިންސާނުން ގަބޫލް ކުރާ ތަހުޒީބީ މަގުން ނެވެ. ނަފްރަތުގެ މެސެޖެއް ލިޔާ ނަމަ އެ މެސެޖަކީ މުޖުތަމުގެ ހަމަޖެހުމަށް އޮތް ބިރެއްކަމަށް ވާނަމަ އެކަން ކުރި މީހާ އާ މެދު ފިޔަވަޅު އަޅަންޖެހޭނެވެ.

އެ މީހާ އާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލާފައި ހުއްޓާ އެކަމުގެ އިންސާފު ގާއިމް ކުރަން އެހެން ބަޔަކު ނުކުންނަން ޖެހޭ ހިސާބަށް ގައުމުގެ ކަންކަން ގޮސްފައިވާ ނަމަ މި ގައުމަކީ މިއަދުގެ ދުނިޔޭގައި ކިހާ ހިސާބެއްގައި އޮތް ގައުމެއްތޯ އަހައިނުލާނެ މީހަކު ހުންނާނެ ބާއްވަ އެވެ.

މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެދޭ ގޮތަށް ނުވަތަ "ހޭޓް މެސެޖް" ލިޔާ މީހުންނާ ސުވާލުކޮށް އެކަންކަން ރަނގަޅު ކުރުމުގެ ހުނަރާއި ބާރުވެރިކަމާއި ކެރުން މިގައުމުގެ މުއައްސަސާތަކުގައި ނެތީތޯ މިއީ މިއަދު އުފައްދަންޖެހޭ ސުވާލެކެވެ. އެފަދަ މެސެޖް ލިޔާ މީހުންގެ އުނދަގޫ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ބޮޑުވެގެން އުޅޭއިރު ފިޔަވަޅު ނޭޅުމަކީ ބޮޑުވެގެންވާ މައްސަލަ އެކެވެ.

މުޖްތަމައުގެ ތެރޭގައި ނަފްރަތު އުފެދޭގޮތައް ނުވަތަ "ހޭޓް މެސެޖް" ލިޔާ މީހަކަށް ރައީސް އެވިދާޅުވާގޮތަށް ބަޔަކު ކޮންމެފަދަ ކަމެއްވެސް ކުރާ ހިސާބަށް ނުގޮސް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ކަމާބެހޭ މުއައްސަސާތަކުގެ އެންމެމަތީ މަސްލަހަތަށް ހަދަންޖެހެއެވެ. އެހެން ނޫން ނަމަ ހިތާމަވެރި އެތައް ކަމަކާ ކުރިމަތިލާން ޖެހުމުގެ ބިރު މިހާރު ނެތް ބާއްވައެވެ.
ހިޔާލު

އިބްރާ

ދެންވެސް " ހޭޓް މެސެޖް" ނުލިޔާތި. ރައީސް އެވިދާޅުވާހެންވެދާނެ.

ހުއްބުލްވަތަން

ރައީސަކު ދައްކައިގެން ނުވާނެ ވާހަކަވެސް ހުންނާނެ، ހިތާމައީ މިހާރަކަށް އަައިސް އެފަދަ ގިނަ ވާހަކަ ރައީސްގެ ފުށުން އަޑުއިވޭކަން. އެހެންކަމުން ހަނދާންވަނީ މުސްކުޅި ހަރުބަހެއް، "އެ ކަންވާރަކުން ނުކުންނާނީ އެ ކަންވާރެއްގައި ހުރި އެއްޗެކޭ".

ކަނބުލޮ

މީޑިޔާތަކުން ވާހަކަ ގެނެސްދެވޭ ގޮތާ ރާގާ މަގްސަދު ހުރީ ކިހިނެތްތޯ. ނަފްރަތު އުފެދޭ ހުރިހާ ގޮތަކަށް މީޑިއާތަކުން ހަބަރު ގެންނަނީވެސް

ގޯސް

ވަރައްބޮޑު ގޯހެއް ރައީސް އެހެދީ..ކުށްކުރުމައް ހިތްވަރުދީފައި މިއޮތީ..

ހޭޓްމެެސެޓް

ހޭޓް މެސެޖް ލިޔެގެން އެއްވެސް މީހަކު ފުލުހަށް ހާޒިރުކޮށްފަ ވޭތޯ. ދީނަށް ފުރައްސާރަކޮށް ސޯސަލް މީޑިޔާގަ މިނިވަންކަމާއެކު އެއްޗެހި ނުލިޔެވޭނެކަމަށް ބުނިއިރު އެއިން އެކެއްގެ ތަހުގީގެއް ހިންގާފަވޭތޯ.

އަޙްމަދު

އެން.ޑީ.ޕީ އަށް އެކަނިތަ ދުލުގެ މނިވަންކަން އޮންނަންވީ./ 2018 ޔަގީން

ޢަލި

ދީނައް ފުރައްސާރަ ކުރުމުގެ ނަތީޖާ ހިތި ވާންޖެހޭނެ އަބުރާ ބެހުމައް ވުރެ