Hakathainn Current Ufadhaa Nizaamun Hidhumai Dheyn Bayakaa Havaalukohfi
image
ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ އެންވަޔަރަންމަންޓް
0 ކޮމެންޓް
 

އިޔާދަކުރަނިވި ހަކަތައިން ހއ. އަތޮޅަށް ކަރަންޓް ދޭން ބަޔަކާ ހަވާލުކޮށްފި

ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ހިދުމަތް ދޭން ޗަންގް ޒޫ ޓްރީނަރ ސޯލާ އެނާޖީ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހީމެވެ. ޗަންގް ޒޫ ޓްރީނާ ސޯލާ އެނާޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ބްރަޔަންއެވެ.

އެ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މަސައްކަތުގެ ޖުމްލަ އަގަކީ 10.4 މިލިއަން ދިވެހި ރުފިޔާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް މިހާރު ނިމި ބައެއް ރަށްރަށުގައި އެޚިދުމަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރެވިގެން ދިޔައީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބައެކެވެ.

އެ ފިޔަވަހި އަމާޒުކުރެވިފައިވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކަމަށާއި އެގޮތުން އެ ރަށްރަށުގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރު (3.3 މެގަ ވޮޓް) އާއި، 2.5 މެގަވޮޓް އަވަރ ގެ ބެޓެރިއާއި، ކޭބަލާއި އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑްތައް ހުރިހާ ރަށެއްގައި ބެހެއްޓިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

" މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ޤާއިމުކުރެވިގެންދާނެ" އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރެވި ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެ ކަމަށެވެ.

" ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރު ކޮށްފަ. އަދި އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ 30 އިންސައްތަ އާއި އެއްވަރުގެ ޢަދަދަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފަ" އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެހެން އަތޮޅުތަކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ.
ހިޔާލު