Qaumee Football Teamthakuge Rasmee Sponsor akah BML
image
ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ ބީއެމްއެލް
1 ކޮމެންޓް
 

ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ބީއެމްއެލް

ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ބީއެމްއެލް އާއި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމު އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެއެވެ.

އެއާއެކު އެ ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ. އަދި ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ސަޕޯޓުކުރުމަށް ބޭނުންކުރާ ދިދަ އާއި ބެނަރ އަދި އެހެނިހެން ތަކެތި ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންވަނީ ބީއެމްއެލްގެ ބްރޭންޑިންގ ޖަހައިގެން ހަދާފައިވާ ގައުމީ ޓީމުގެ އާ ޖާރޒީ ދައްކާލާފައެވެ. އަދި ބީއެމްއެލް އިން ވަނީ އެފްއޭއެމް ޓްރެވަލް ކާޑުގެ ނަމުގައި ހާއްސަ ޕްރިޕެއިޑް ކާޑެއް މިއަދު އިފްތިތާހުކޮށްފައެވެ. ސީނިއަރ ގައުމީ ޓީމު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރެއްގައި އެކާޑު ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ ގައުމީ ޓީމުތަކުން ގިނަ ކާމިޔާބުތަކެއް ހޯދާތަން ދެކެން ހުރިހާ ދިވެހިންވެސް ބޭނުންވާ ކަމަށެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލް އިން އަދާކުރެވޭނެ ދައުރު، އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް ބޭނުންވާ ކަމަށާއި މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީވުމަށް ބޭނުންވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފަޔަރ އަދި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިރިހެން ސީނިއަރ ޓީމަށް އެންޑްރޫ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ހިޔާލު

އަލީ

އެއްވެސް ގައުމެއްގެ ގައުމީ ފުޓްބޯޅަ ޓީމް ޖޯޒީގަ އިޝްތިހާރު ޖަހާފަ ހުއްޓައެއް އަދި ނުދެކެން... އެކަމަކު ރާއްޖޭ ގައުމީ ޓީމް ޖާޒީގަ ތަންކޮޅެއް ކުރިންވެސް މިކަންކުރި