Adeebge Beysfaruvaa ah Huras Elhumakee Qaanoonee Kusheh: Ali Hussain
image
ގާނުނީ ވަކީލު އަލީ ހުސައިން---
2 ކޮމެންޓް
 

އަދީބުގެ ބޭސްފަރުވާއަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް: އަލީ ހުސައިން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ހޯދުމަށް ހުރަސް އެޅުމަކީ އެންޓި ޓޯޗަ ގާނޫނުގެ ދަށުން ކުށެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ބޭސްފަރުވާ ލިބުމަކީ އަދީބަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެ ހައްގު އަދީބުގެ ފުށުން ނިގުޅައިގަތުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެއީ ދައުލަތުން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ްއަމަލެއް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބު އެތެރެ ހަށީގައި ސިސްޓެއް ވަނީ އުފެދިފައެވެ. އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ ވަނީ އަދީބުގެ ލޮލަށް ޖެހިފައެވެ. ގްލޮކޯމާއަކީ ލޮލުގެ އެތެރޭގައި ޕްރެޝަރު ބޮޑުވުމަށް ކިޔާ މެޑިކަލް ނަމެކެވެ. އެގޮތަށް ދިމާވުމުން ލޮލާ ސިކުނޑިއާއި ގުޅިފައި ހުންނަ އޮޕްޓިކް ނާރަށް ގެއްލުންވެ ފަރުވާ ނުދެވިއްޖެ ނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ އަދީބު ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދީފި ނަމަ ފިލާފާނެ ކަމަށެވެ. އަނިލް ވިދާޅުވީ އަދީބުގެ މައްޗަށް 33 އަހަރުގެ ހުކުމް އިއްވާފައިވާ ކަމަށާއި އޭގެތެރޭގައި ދައުލަތަށް ހިޔާނާތްތެރިވުމާ ރައީސްގެ ފުރާނަފުޅު ދުއްވާލެވޭ ފަދަ އަމަލު ހިންގުން ހިމެނޭ ކަމަށެވެ. އަދި އިތުރު މައްސަލަތަކުގެ ތަހުގީގު ކުރެވެމުންދާ ކަމަށާއި އިތުރު މައްސަލަތަކުގައި ދައުވާ ކުރެވެމުންދާ ކަމަށް އަނިލް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާތަކަށް ހިޔާނާތްތެރިވީ ކަމުގެ ތުހުމަތު ކުރެވޭ އިރު، 80 މިލިޔަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ފައިސާ ނުލިބިވާ ކަމަށެވެ. އޭގެތެރެއިން ގިނަ ފައިސާތަކެއް ރާއްޖެއިން ބޭރުގައި ހުރުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށާއި އަދީބު ފިލައިފި ނަމަ އެ ފައިސާ ލިބުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ. އެހެންކަމުން އަދީބު ފިލަން ފުރުސަތު ދިނުމަކީ ސަރުކާރަށް ދަތި ކަމެއް ކަމަށް އަނިލު ވިދާޅުވިއެވެ.

ނަމަވެސް އަދީބުގެ ހައްގުތައް ފުރިހަމަކޮށްދޭން ޖެހޭނެ ކަމަށާއި ބޭސްފަރުވާ ކޮށްދޭން ޖެހޭނެ ކަމަށް އަނިލު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުން ތަކެއްޗާ ޑޮކްޓަރުން ގެނެސްގެން އަދީބަށް ބޭސްކުރަން ޖެހުނު ނަމަވެސް އެކަން ކުރަން ޖެހޭނެ ކަމަށް އަނިލް ވިދާޅުވިއެވެ.
ހިޔާލު

ހުސެން

ސަރުކާރުން ރައްޔިތުންނައް އޮޅުވާލުމަކީ ސަރުކާރު ފާފަވެރިވާކަމެއް.
ކަދީނުއަށް އެގޭތަ؟؟؟؟

ކަދީނު

އަލީމެން ސަރުކާރަށް އޮޅުވައިލަން އުޅުމަކީ ބޮޑުވެގެންވާ ކުށެއް؟