Bodethi Mashruothah Harudhanaa Kamaaeku Gendhiun Muhimmu: IMF
image
ބްރިޖު އަޅަމުންދާ ސަރަހައްދު---ފޮޓޯ:ހައުސިން މިނިސްޓްރީ
0 ކޮމެންޓް
 

ބޮޑެތި މަޝްރޫއުތައް ހަރުދަނާކަމާއެކު ގެންދިއުން މުހިއްމު: އައިއެމްއެފް

ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވެގެންދާނެ ކަމަށާއި މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުން މުހިއްމު ކަމަށް އިންތަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފްގެ ވަފުދު މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު އިއްޔެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވަފުދުގައި އިސްކޮށް ހުންނެވި ފިލިޕް ކަރަމް ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، އާބާދީ އެއްފަސްކުރުމަށް މަގުފަހި ވެގެންދާނޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު، ދަތުރު ފަތުރު އަދި އެހެނިހެން އިޖްތިމާއި އަދި އަސާސީ ހިދްމަތްތައް ފޯރުކޮށް ދިނުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބޭނޭ ކަމަށް ބެލެވޭ ކަމަށެވެ. އޭގެއިތުރުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ފިލިޕް ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމު،" ފިލިޕް ވިދާޅުވިއެވެ.

ފިލިޕް ވިދާޅުވި ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަން އެކަށޭނެ މިންވަރަކުން ކުރިއަރައި އިންފްލޭޝަން ދަށް މިންވަރެއްގައި ހިފެހެއްޓޭނެކަމަށް ބެލެވެއެވެ. އަދި ފިސްކަލް އާއި އެކްސްޓާނަލް ސެކްޓަރގެ ހާލަތު މިހާރު އޮތް މިންވަރުގައި ހުންނާނެ ކަމަށް ވެސް ބެލެވެއެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރަން ޖެހޭނެ މިންވަރު އިތުރުވެގެންދާނެތީވެ ކަރަންޓް އެކައުންޓް ދަރަނި އިތުރުވެ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށް އިތުރުކުރިއެރުމެއް ލިބޭނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ވެސް ފިލިޕް ވިދާޅުވިއެވެ.

ފިލިޕު ވިދާޅުވި ގޮތުގައި އިގްތިސާދު ކުރިއެރި ނަމަވެސް ގޮން ޖެހުންތައް ބޮޑެވެ. އޭގެ ތެރޭގައި ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދިއުމާއި، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ.
ހިޔާލު