Dhunfathuge Isthiumaal Nukuraa Geybisee Thakah Inaam Dhenee
image
1 ކޮމެންޓް
 

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބީސީތަކަށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް އިނާމު ދިނުމާބެހޭ އުސޫލު، ހެލްތު މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އުސޫލުގައިވާ ގޮތުން "ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް ދޭ އިނާމު" އަކީ ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް ދިވެހި އާއިލާތައް ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ ފެންވަރުގައި ހެލްތު މިނިސްޓްރީ ދޭ އިނާމެކެވެ.

އުސޫލުގައިވާ ގޮތުން އިނާމު ލިބޭނީ ތިން ޝަރުތެއް ފުރިހަމަވާ ނަމައެވެ. އެއީ ދިވެހި ގޭބިސީއެއް ކަމުގައިވުމާއި އެ ގޭބިސީއެއްގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ދުވަސް ވެފައިވުމާއި ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީއެއްކަން ކުރާ ސާވޭ އިން ކަނޑައެޅިފައިވުމެވެ.

އަހަރަކު އެއް ފަހަރު ދިނުމަށް ކަނޑައެޅިފައިވާ އެ އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، އެކަމަށްޓަކައި ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމިޓީއަކުންނެވެ.

އެ އިނާމު އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ކަމަށާއި އިނާމަށް މުއްދަތު ގުނަން ފަށާނީ އެ ތާރީހުން ފެށިގެން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުސޫލުގައިވާ ގޮތުން އެ އިނާމު އެ ގޭބިސީއަކަށް ދިނުމަށްފަހު، އެ ގޭބިސީއެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އިނާމަށް އެދި ހުށަހަޅާނީ، ހެލްތު މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާނުކުރުމުން، އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ހިޔާލު

ބުރޯ

މީ ލޭބަލް ކުރަން ކުރާކަމެއް، ކޮންމެވެސް އެހެން ކަމަކާ އޫޅޭ