Rohingya ge Kuda Kujjaku Furaana Salaamai Kurumah 4 KM ah Fathaifi
image
ރޮހިންޔާގެ ކުޑަ ކުއްޖަކު--
0 ކޮމެންޓް
 

ރޮހިންޔާގެ ކުޑަ ކުއްޖަކު ފުރާނަ ސަލާމަތްކުރުމަށް 4 ކިލޯމީޓަރަށް ފަތައިފި

މިއީ މިޔަންމާގެ ރޮހިންޔާގެ ކުޑަ ކުއްޖަކު، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް މިޔަންމާއިން ބަންގްލަދޭޝްއަށް ކަނޑު ފަތާފައި ކުރި ބިރުވެރި ދަތުރުގެ ވާހަކައެވެ.
އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުން ކަނޑު ފަތާފައި ހަތަރު ކިލޯމީޓަރުގެ ދަތުރެއް ކޮށް މިޔަންމާއިން ބަންގްލަދޭޝްއަށް ދިޔައީ ނަބީ ހުސައިން ނަމަކަށް ކިޔާ އުމުރުން 13 އަހަރުގެ ކުއްޖެކެވެ.

އެ ކުއްޖާއަށް ފަތަން ނޭނގޭ ކަމަށާއި މިއީ އޭނާއަށް ކަނޑު ފެނުނު ފުރަތަމަ ފަހަރު ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ނަބީ ހުސައިން، ކަނޑު ހުރަސްކޮށް ފަތާފައިދިޔައީ ކުޑަ ތެޔޮ ހަމެއްގެ އެހީގައެވެ.

ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިނގަމުންދާ ލާ އިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ކަނޑު ހުރަސްކޮށް ރޮހިންޔާގެ އެތައް ބަޔަކު ދަނީ ބަންގްލަދޭޝްއަށް ހިޖުރަކުރަމުންނެވެ. ބަންގްލަދޭޝްއަށް ހިޖުރަކުރުމުގެ ތެރޭގައި އެތައް ބަޔަކު ވަނީ ގެނބިގެން މަރުވެފައެވެ.

"އަހަރެން ބިރުގަނޭ މަރުވާން، އަހަރެން ފުރަތަމަ އެ ބިރުވެރި ދަތުރުފެށިއިރު ހީކުރީ އެއީ އަހަރެންގެ އެންމެ ފަހު ދުވަސްކަމަށް" އަލް އަރަބިއްޔާއާ ވާހަކަ ދަށްކަމުން ނަބީ ބުންޏެވެ.

ނަބީއަށް އޭނާގެ މައިންބަފައިން ވީތަނެއް މިހާރު ނޭނގެއެވެ. ދިރިހުރިކަމެށް ނުވަތަ މަރުވި ކަމެއްވެސް ނޭނގެއެވެ. ނަބީގެ މޫނުމައްޗަކުން އެއްވެސް އުފާވެރިކަމެއް ފެންނަން ނެތްއިރު ކުރި ސުވާލުތަކަށް ޖަވާބުދެމުން އައީ މޫނާއި ލޮލުގެ އިޝާރާތުންނެވެ.

ނަބީއަކީ މިޔަންމާގެ ފަރުބަދަ މަތީ ހިސާބުގަނޑުގައި އާއިލާއާއިއެއްކޮށް ދަނޑުވެރިކަން ކުރަމުން އައި ކުޑަ ކުއްޖެކެވެ. ނަބީއަށް ވަނީ، އޭނާ އުޅޭ އަވަށުގެ ހުރިހާ ގެތަކެއްގައި ހުޅުޖަހާފައިވާ މަންޒަރުވެސް ފެނިފައެވެ.

އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުން ނަބީ ބަންގްލަދޭޝްއަށް ދާން އޭނާގެ މައިންބަފައިން އެންމެ ފުރަތަމަ ދެކޮޅު ހެދިއެވެ. ނަމަވެސް މިޔަންމާގައި ތިބެގެން ރައްކާތެރިކަން ނެތްކަން އެނގުމުން، ބަންގްލަދޭޝްއަށް ހިޖުރަކުރާ މީހުންނާއެކު ދިއުމުގެ ހުއްދަ ދިނެވެ.

އޭރު ނަބީގެ ދެ ބޭބެއެއް ވަނީ ބަންގްލަދޭޝްއަށް ދިޔުމަށް ފުރާފައެވެ. ނަމަވެސް އެ މީހުންނަށް ބަންގްލަދޭޝްއަށް ދެވުނު ކަމެއް ނުވަތަ ނޫންކަމެއްވެސް ނަބީއަކަށް ނޭނގެއެވެ.

ނަބީ އޭނާގެ ދަތުރު ފެށީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު 23 މީހުންނާއި އެއްކޮށެވެ. އަދި އޭނާގެ އާއިލާ އޭނާ އެ ދަތުރު ފެށި ތަނަށް އައިސް ހުއްޓެވެ.

ނަބީގެ އޭނާގެ މަންމައާއި މުހާތަބުކޮށް ބުނި އެންމެ ފަހު ބަހަކީ: "މަންމާއެވެ! އަހަންނަށް ދުއާކޮށްދެޗެވެ! އަބަދުވެސް ދުއާ ކޮށްދެއްޗެވެ!" މި އަސަރުގަދަ ބަސްކޮޅެވެ.
ހިޔާލު