Rohingya Muslimunnai Dhekolhah Jareemaathah Hingi Kamah Askariyyaage Thahugeegah Saabitheh Nuvi
image
މިޔަންމާ އަސްކަރީ އޮފިސަރުންތަކެއް---
1 ކޮމެންޓް
 

ރޮހިންޔާއާއި ދެކޮޅަށް ޖަރީމާ ހިންގި ކަމަށް އަސްކަރިއްޔާގެ ތަހުގީގަށް ސާބިތެއް ނުވި

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާފައިވާކަން ސާބިތު ނުވާ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ކުރި ތަހުގީގަށް ފަހު ބުނެފިއެވެ.
މިޔަންމާގެ އަސްކަރިއްޔާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެތެރޭގައި ހިންގި ތަހުގީގަށްފަހު ނެރެފައިވާ ނަތީޖާގައި ބުނެފައިވަނީ ރޮހިންޔާ އަންހެނުން ރޭޕުކޮށް، މީހުން މަރާ، ގެތަކުގައި ރޯކޮށް ފޭރުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އަދި އެކަމަށް އާއްމުން ހެކިދޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ރިޕޯޓު އެކުލަވާލާފައިވަނީ ހާހަކަށްވުރެ ގިނަ އާއްމުންނާ ވާހަކަ ދައްކާ ހެކި ބަސް ނަގައިގެންނެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖަރީމާތައް ހިންގާފައިވަނީ ރޮހިންޔާގެ ޓެރަރިސްޓުންނެވެ.

އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާއާއި ދެކޮޅަށް އޮޕަރޭޝަނެއް ފެށީ އަސްކަރީ އޮފިޝަލުންތަކެއް މަރާލުމުންނެވެ.

މިޔަންމާގެ އަސްކަރިއްޔައިން ޖަރީމާތައް ނުހިންގާ ކަމަށް ބުނި ނަމަވެސް އަސްކަރިއްޔައިން ޖަރީމާ ހިންގި ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެތެރޭގައި އދއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލު އަގުވާމީ އެތައް ޖަމިއްޔާއެއް ހިމެނެއެވެ.

އަސްކަރިއްޔާއަށް ފިލުމަށް ހަ ލައްކައެއްހާ ރޮހިންޔާ މީހުންވަނީ އެ ގައުމު ދޫކޮށް އެކި ގައުމުތަކަށް ގޮސްފައެވެ.

އަސްކަރިއްޔާގެ އެ ރިޕޯޓަށް ވެސް ބައެއް ޖަމާއަތްތަކުން ވަނީ ފާޑު ކިޔާފައެވެ. އެމްނެސްޓީ ފަދަ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުން އަސްކަރިއްޔާއިން އެއްވެސް ކަމެއް އިސްލާހު ކުރަން ބޭނުން ނުވާކަން ހާމަކޮށްދެއެވެ.

ރޮހިންޔާއާއި ދެކޮޅަށް ޖަރީމާތައް އަސްކަރިއްޔައިން ހިންގި އިރު އެ ސަރަހައްދުގެ ކޮމާންޑަކަރަށް ހުރި ޖެނެރަލް މައުންގް މައުންގް ސޮއެ މިހާރުވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އެއީ ކީއްވެކަން އަސްލަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.
މިޔަންމާ
ހިޔާލު

ރައްކާ

އަމިއްލައަށް ޖަރީމާ ހިންގާފަ އަމިއްލައަށް މައްސަލަބަލަނީ އަމިއްލަ ރިޕޯރޓެއްހަދަނީ. މީ ޖޯކެއް.