TC balikoh New Radiant Ooredoo Dhivehi Premier League Championkan Hoadhaifi
image
0 ކޮމެންޓް
 

ޓީސީ ބަލިކޮށް ނިއު ރޭޑިއަންޓު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިފި

ޓީސީ ބަލިކޮށް ނިއު ރޭޑިއަންޓު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަދު ހަވީރު މި ދެޓީމު ބައްދަލު ކުރި މެޗު ނިއު އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ދެވަނަ މިނިޓްގައި އަލީ ފާސިރު ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފައެވެ. ފާސިރު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަޝްފާގު ނަގައިދިން ހުރަހެއް ޓީސީގެ ކުޅުންތެރިއަކު ދިފާއުކޮށް ޖައްސާލުމުން ލިބުނު ބޯޅަ އޭރިޔާ ތެރޭގައި ހުރެ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި ގަލާޑޯގެ ލަނޑާއެކު އެޓީމުން ލީޑު ފުޅާކުރިއިރު މެޗްގައި ނިއު ރޭޑިއަންޓުން ޖެހި ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލީ ފާސިރު އެވެ.

ޓީސީން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗްގެ 79 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން މަހުދީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

މި މެޗް ކާމިޔާބު ކުރުމާއެކު ނިއު އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 36 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް ޓީސީ އަށް 13 މެޗުން ލިބިފައިވަނި 29 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް މާޒިޔާ 24 ޕޮއިންޓް ލިބިފައިވާއިރު ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ލީގުގައި މިރޭ އަދި މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ހިޔާލު