Masahkai Nukuraa Vaguthah Faisaa Negumakee Vahkamekeve.
image
ހުސައިން ޝަމީމް
7 ކޮމެންޓް
 

މަސައްކަތް ނުކުރާ ވަގުތަށް ފައިސާ ނެގުމަކީ ވައްކަމެކެވެ.

އަޅުގަނޑު މިހާރަކަށް އައިސް މީހުންނަށް ފާޑު ނުކިޔާ ވޭތޯ ބަލަމެވެ. ޚާއްޞަކޮށް ޖުޑީޝަރީއާބެހޭ ގޮތުން ބިނާކުރަނިވި ފާޑުތައް ނުކިޔައި ވޭތޯ ވަރަށް ބަލަމެވެ.
ވަޒީފާގެ ވަގުތުގައި އޮފީހުން ބޭރުގައި (ވަޒީފާއާގުޅޭ ކަންކަން ފިޔަވައި، އެހެނިހެން ކަންކަމުގައި) ހޭދަކުރާ ވަގުތަށް މުސާރައިން އުނިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް އަޅުގަނޑު ތާއީދުކުރަމެވެ. އެއީ ވަރަށް ރަނގަޅު، ހަރުދަނާ ނިންމެވުމެކެވެ. އެނިންމެވުން، ޤާނޫނީ ގޮތުން ކަމުނުދާކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުން އެނިންމެވުން ބަދަލުކުރަން އެންގި އެންގުން އަޅުގަނޑަކަށް ކަމަކުނުދެއެވެ. އެޓަރނީ ޖެނެރަލްގެ ޤާނޫނީ ނުކުތާއާމެދު އަޅުގަނޑު ސުވާލެއް ނުއުފައްދަމެވެ. އަޅުގަނޑުގެ ނުތަނަވަސްކަން އޮތީ، އެ ނިންމެވުން ބިނާކުރެއްވި ދީނީ އަދި އަޚްލާޤީ ބިނާއާމެދުއެވެ. އެސަބަބު އަދި ފަހުން ދަންނަވާނަމެވެ.

ދެން އޮތީ ޖުޑީޝަރީއެވެ. އޮންލައިން ނޫހެއްގައި އޮތީ، ޖުޑީޝަރީގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަރާތުން ސަލާމް ބުނުމާއި ރަސްމީ ގަޑީގައި އޮފީހުން ބޭރުގައި އުޅުމުގެ މައްސަލަ އެއްގޮތަކަށްވެސް ދިމާނުވާ ކަމަށެވެ. ޖުޑީޝަރީގެ ބޭފުޅަކު އެފަދަ ބަސްފުޅެއް ވިދާޅެއް ނުވާނެއެވެ. ޖުޑީޝަރީގެ އޮފިސަރަކު އެވާހަކަ ވިދާޅުވިނަމަ، (އެއީ ހަމަ އަޞްލުވެސް އެބޭފުޅުން ވިދާޅުވި ވާހަކަ ފުޅެއްނަމަ) އެއީ ރޯ މަރު، ބުހުތާނު ދޮގެކެވެ.

އަޅުގަނޑުވެސް ބައެއް ވައިބަރު ގްރޫޕްތަކުގައި އުޅެމެވެ. އެގްރޫޕްތަކުގައި ޖުޑީޝަރީގައި މަސައްކަތްކުރައްވާ ބައެއް އަޚުންނާއި އުޚުތުންވެސް އުޅުއްވައެވެ. އެބޭފުޅުންގެ ހެނދުނުގެ ފަރިއްކޮޅު، ގަޑިން 9 ޖަހާއިރު، ރެސްޓޯރަންޓުތަކުގައި ހިއްޕަވާ ވާހަކައާއި، އެމަންޒަރުތަކުގެ ފޮޓޯތައް ފެންނަ ދުވަސް މަދެއް ނޫނެވެ. ހިތާމަ ހުރި ނަމަވެސް، މިއީ ޙަޤީޤަތެވެ. ފަނޑިޔާރުންނަށް ބަލާއިރު، 9 ޖަހާއިރު ހުޅުމާލެއިން ފުރާ ފެރީގައި އަޅުގަނޑާ ފަނޑިޔާރުންނާ ބައްދަލުވާ ދުވަސްތައް މަދެއް ނޫނެވެ. ދެން އޮތީ ތަމްރީނުވާ ފަނޑިޔާރުންނެވެ. ދާދި މިދާކަށްދުވަހު، އަޅުގަނޑު ޖަސްޓިސް ބިލްޑިންގަށް ދިޔައިރު، އެންމެ ފަހުން ހުވާކުރެއްވި މެޖިސްޓްރޭޓުން ތަމްރީނުވަނީއެވެ. 9:30 ގައި ވަޑައިގަތީ ސަޔަށެވެ. އެނބުރި ވަޑައިގަތީ ގަޑިއެއްހައިއިރު ފަހުންނެވެ. އަނެއްކާ 2 ގަޑިއިރު ފަހުން މެންދުރުގެ ފަރިއްކޮޅެވެ. ހަމަ ރަނގަޅަށް "ތަމްރީނު" ވަނީއެވެ. އެއްވެސް ހަމައެއް ލަމައެއް ނެތުން، އެއީ ހަމައަކަށް ވީމާ، ތަމްރީނުގެ ބޭނުމެއް ނޯންނާނެއެވެ. ޖުޑީޝަރީގެ ހުރިހާ ބޭފުޅުންނެއް ނޫނެވެ. އަޅުގަނޑު މިދެންނެވި ބޭފުޅުންނަށް، އެއީ ކޮން ބޭފުޅުންނެއްކަން އެނގިވަޑައިގަންނަވާނެއެވެ.

ޖުޑީޝަރީގައި އިދާރީ މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަކީ، އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ވަރަށް ހީވާގި، ކަމަށް ކަމޭ ހިއްތަވާ ބޭފުޅުންނެވެ. ނަމަވެސް، އިސްނާނުން ދިރިއުޅެނީ ހަމައެކަނި ވަޒީފާ އަދާކުރާކަށް ނޫނެވެ. ޢާއިލީ ދިރިއުޅުމާއި، އަނބިދަރިންނާއި ގާތްތިމާގެ މީހުންނަށްވެސް ވަގުތު ދެވެންވާނެއެވެ. ޖުޑީޝަރީން ދަންވަރު ޙުކުމް ކުރެއްވުން އާދަޔަކަށް ހެއްދެވުމުން، އިދާރީ ބޭފުޅުންނަށް، އެބޭފުޅުންގެ ޢާއިލާއެކު ވަގުތު ހޭދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެކަމުގެ ނުރަނގަޅު އަސަރުތައް އެތައް ބަޔަކަށް ކުރާ ކަމެކެވެ.

ކުރީގެ ނުކުތާއަށް އަނބުރާ ދަމާތޯއެވެ. ޤާނޫނީ، އަޚްލާޤީ އަދި ދީނީ ނަޒަރަކުން ވިސްނާއިރު، ތިމާ މަސައްކަތް ނުކުރާ ވަގުތަކަށް ފައިސާ ހޯދުމަކީ ވައްކަމެކެވެ. މަސައްކަތް ނުކުރާ ވަގުތަށް ފައިސާ ދެނީ ރައްޔިތުންގެ ފައިސާ (ދައުލަތުގެ ބަޖެޓުން) ކަމަށްވާނަމަ، އަދި އެފާފަ މާ ބޮޑެވެ. އެކަމުގެ ބޮޑުކަން ސިފަކޮށްދެއްވި ރަސޫލުﷲ (ޞ) ގެ ހަދީޘްފުޅުގެ މާނައިގައިވަނީ، ޙަލާލުނޫން ގޮތެއްގައި ހޯދާ ފައިސާއިން ކައިފި މީހެއްގެ ދުޢާ، 40 ދުވަސް ވަންދެން އިޖާބަ ނުކުރައްވާނެ ކަމަށެވެ. ވީމާ، ސިވިލް ސަރިވސް ކޮމިޝަނުގެ ނިންމެވުމާ އެއްގޮތަށް ޤާނޫނު ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ، އެޓަރނީ ޖެނެރަލް މިހާރު ކުރައްވަންޖެހޭނެ ކަމެކެވެ. އެކަން ނުކުރައްވާނަމަ، މިވައްކަމުގައި އެމަނިކުފާނުވެސް ބައިވެރިވީކަމަށް ބަލަންޖެހެއެވެ. ވަޒީފާ އަދާކުރައްވާ ބޭފުޅުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެ، ތިމާ ގެއަށް ގެންދާ ފައިސާގެ ޙަލާލުކަމާމެދު އަދި އެއްފަހަރު ވިސްނާވަޑައިގަތުން ކީއްތޯއެވެ؟

އެޑިޓަރުގެ ނޯޓު:
އަޒުހަރު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން ޝަމީމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގެ އިތުރުން ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ޝަމީމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ހިޔާލު

މޮޑީ

ކާޑުޖަހާފަ ނުކުމެ ކެފޭތަކުގަ ސިޔާސީ ޓްވީޓްކުރަންތިބޭ ކޯޑިނޭޓަރުންނޯ؟

ހަމަ ބުނެލީ

ހަމަ އަގުނުދީ މަސައްކަތް ކުރުމާ އަގު ނުދީ މަސައްކަތް ކުރުމަކީ ވެސް ވައްކަން

މަ

ހެނޑުނު 8:30 ގައި ބައެއް ސަރީއަތް ފެށޭ އެކަމު ގަޑިިޖެހެނީ 10:00 އެއީ ކިހިނެއް

ޑިމޮކްރަސީ

ޜަގަޅު އުޖޫރައެއްދީފަ ކަޑަންވީ ހަމައެކަނިiސިވިލްސރވަނޓުންގެއަތުންއެންމެ 3000 ރުފިޔާ ދީފައެއްގޮތްނެތިއްޔާއަނެއްގޮތަކުންވެސް އޭގެން ލާރިނުކެޑިގެންތެޅޭތީ ތީތިi ކަޑަ

ޑޮކްޓަރު

މޮޑަން އޯގަނައީޒޭޝަނަލް ބީހޭވީޔާގަ މުއައްޒަފުން ބަކަރީތަކެއްހެން ތަޅުލައީގެން ނުގެންގުޅޭ..އެއީ ބޯދާ ޒަމާނުގެ ގޮތެއް..

ޑީޕީ

އެހެންވީމަ 2017 ވަނައަހަރުވެ ސާނަވީ އަދި މަތީސާނަވީ ގެ ދިވެހި އަދި އިސާމް ޕޭޕަރ ހެދިމީހުންނާ، އެމީހުންނަށް ފައިސާދިން މީހުންނަކީވެސް ވަގުންނޭ ބުނެވިދާނެ.

ވައިޓޭ

ނޭނގޭ ވާހަކަ ނުދައްކާ... ފަނޑިޔާރުންގެ ރަސްމީ ޑިއުޓީ ފެށޭނީ 10:00 ގައި. އެބޭފުޅުން ގަޑި ޖެހޭނީ 10:00 އަށް ފަހު.