Rohingya Anhen Kudhin Alhuge Gothugai Hashivikkumuge Viyafaarithakah Vikkanee
image
ރޮހިންޔާ އަންހެނުންތަކެއް---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

ރޮހިންޔާ އަންހެން ކުދިން އަޅުންގެ ގޮތުގައި ހަށި ވިއްކުމުގެ ވިޔަފާރިތަކަށް ވިއްކަނީ

މިޔަންމާގެ އަސްކަރިއްޔާއަށް ފިލުމަށް ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް އެތެރެވި ބައެއް އަންހެން ކުދިން އަޅުންގެ ގޮތުގައި ހަށިވިއްކުމަށް ވިޔަފާރި ކުރަމުންދާ ކަމަށް އަލް ޖަޒީރާއިން ބުނެފިއެވެ.
ބައިނަލް އަގުވާީ ބައެއް ޖަމިއްޔާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ހަށިވިއްކާ ތަންތަނަށާއި އަނބިންގެ ގޮތުގައި ޅަ އަންހެން ކުދިން މީހުންނަށް ވިއްކުމަކީ ކުރިން ވެސް ބަންގުލަދޭޝްގައި ހިންގަމުން ގެންދާ ކަންތައްތަކެކެވެ. ނަމަވެސް ރޮހިންޔާ ރެފިއުޖީންނާއެކު އެކަންތައް މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އަލްޖަޒީރާއިން އިންޓަވިއު ކުރި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ބުނެފައިވާ ގޮތުގައި އޭނާ ބަންގުލަދޭޝަށް ދިއުމާއެކު އޭނާއަށް އެހީވާނެ ކަމަށް ބުނެ ދެ އަންހެނަކު އޭނާއާއި ބައްދަލު ކުރިއެވެ. އަދި އޭނާއަށް އެހީތެރިވެދީ ރަނގަޅު ފިރިއަކު ހޯދައިދޭނެ ކަމަށް ބުނެ ގެންދިއުމަށްފަހު ފައިސާ އަތުލައިގެން ފިރިހެނަކަށް އޭނާ ވިއްކާލީއެވެ.

އަލްޖަޒީރާއިން އދއާއި އެހީދޭ ބައެއް ޖަމިއްޔާތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ރޮހިންޔާ އަންހެނުން ހަށި ވިއްކުމުގެ ވިޔަފާރިތަކަށް ވިއްކާ މިންވަރުދަނީ އިތުރުވަމުންނެވެ. އެ ވިޔަފާރީގެ ޝިކާރައަކަށް އެންމެ ބޮޑަށް ވަމުންދަނީ އާއިލާގެ އެހެން މެންބަރުން މަރުވެފައިވާ ނުވަތަ ނުތިބޭ އެކަނިވެރި އަންހެން ކުދިންނާއި އަންހެނުންނެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން ބުނި ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރިތަކަށް އަންހެން ކުދިން ވިއްކުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ހަށިވިއްކުމުގެ ވިޔަފާރިތަކުގެ ތެރެއަށް ބަންގުލަދޭޝްގެ ގޭންގުތަކުން ވަންނަމުންދާ ކަމަށާއި އެ ގޭންގުތަކުން އެހީ ފޯރުކޮށްދޭ ބައެއް ޖަމިއްޔާތަކަށް ވެސް އިންޒާރުދީ ބިރު ދައްކަމުންދާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
ހިޔާލު