Kanthahthah Dhaa Gothun Insaafu Libeythaneh Nufeney: Faris
image
ފާރިސް މައުމޫން---
0 ކޮމެންޓް
 

ކަންތައްތައް ދާ ގޮތުން އިންސާފު ލިބޭ ތަނެއް ނުފެނޭ: ފާރިސް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ކަންތައްތައްދާ ގޮތުން އިންސާފު ލިބޭތަން ނުފެންނަ ކަމަށް ވިދާޅުވެ ދައުލަތަށް ފާޑު ވިދާޅުވެއްޖެއެވެ.
ފާރިސް އެހެން ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ފާރިސް އެހެން ވިދާޅުވީ ދައުލަތުން ފާރިސްއާއި ދެކޮޅަށް ހުށަހެޅި ފާރިސްގެ ފޮރެންސިކު ރިޕޯޓާއި ގުޅިގެން ހިމަނާފައިވާ ބައެއް މައުލޫމާތު ނުބައިކޮށް ހުށަހަޅާފައި ހުރުމުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ ހުރިހާ ބާރެއް ލިބިތިބެ އެފަދަ ކަންތައްތައް ކުރުމަށްފަހު އެއީ ކުށް ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފާރިސްވަނީ އޭނާ ހުންނަވަނީ ބަންދުގައި ކަމަށާއި ދިފާއު ތައްޔާރު ކުރުމަށް ވަކީލުންނާއި ބައްދަލު ކުރުމަށް އެކަށިގެންވާ ވަގުތާ ފުރުސަތު ނުލިބޭ ކަމަށެވެ. ފާރިސް ވަނީ ބަންދުގައި ބަހައްޓަވަނީ ވެސް ދިފައު ވުމަށް ފުރުސަތު ނުދިނުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ކަންކަން ދާ ގޮތުން އިންސާފު ނުލިބޭ ކަމަށް ފާރިސް ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ވަގުތުން ފާރިސް ހުއްޓުވާ، އެގޮތަށް ވާހަކަ ނުދައްކަން އަންގަވާފައެވެ. ގާޒީ ވަނީ އިންސާފު ނުލިބޭ ކަމަށް ވިދާޅުވީ ކޮން ފަރާތަކަށް ނިސްބަތްކޮށްތޯ ސުވާލު ކުރައްވާފައެވެ. ފާރިސް އެހެން ވިދާޅުވީ ވަކި ފަރާތަކަށް ނިސްބަތްކޮށް ނޫން ކަމަށް ވިދާޅުވުމުން ގާޒީ ވިދާޅުވީ މައްސަލާގައި ވަކި ގޮތެއް ނިންމާފައި ނުވަނީސް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ވާހަކަ ނުދައްކަވަން އަންގަވާފައެވެ.

ގާޒީ ވަނީ ފާރިސްގެ ފަރާތުން އެދުނު ކަންކަން މިހާތަނަށް އައިއިރު ވެސް ކޯޓުން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަކީލުންނައި ގިނަ ވަގުތު ބައްދަލު ކުރުމުގެ ފުރުސަތު ދޭން އަންގާފައިވާނެ ކަން ފާހަގަ ކުރެއްވިއެވެ.

ފޯނުގެ ފޮރެންސިކު ރިޕޯޓައި ގުޅިގެން ފާރިސްގެ ވަކީލުން ފާހަގަކޮށްފައިވާ މައްސަލައަކީ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ފޯނަށް ލިބުނު އެއްޗެހިތަކެއް ފާރިސްއާއި ދެކޮޅަށް ބޭނުން ކުރާ މައްސަލައެވެ. ފާރިސްގެ ވަކީލުން އެ މައްސަލަ ފާހަގަ ކުރުމުން ތާރީހުތައް އޮޅުމަކުން އެގޮތަށް ޖެހުނީ ކަމަށާއި އެ އެއްޗެއްސަކީ ފޯނު ފުލުހުން އަތުލުމުގެ ކުރިން ލިބިދފައިވާ އެއްޗެހިތަކެއް ކަމަށް ވަނީ ބުނެފައެވެ.
ހިޔާލު