ކަސްޓަމްސުން މިހާރު އެންޑޯޒް ކުރަމުންދާ ޖީއެސްޕީ ސެޓިފިކެޓްގެ ބަދަލުގައި އެކްސްޕޯޓަރުން އަމިއްލައަށް މުދަލުގެ އޮރިޖިން ބަޔާންކޮށް "ސްޓޭޓްމެންޓް އޮފް އޮރިޖިން" ފުރިހަމަ ކުރަމުން ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ނޯވޭ އަދި ސްވިޒްލެންޑްގެ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސް (ޖީ.އެސް.ޕީ) ސްކީމްގެ ދަށުން ޑިއުޓީ އިނާޔަތް ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
މިހާރު ކަސްޓަމްސުން އެންޑޯޒް ކުރަމުންދާ "ސެޓިފިކެޓް އޮފް އޮރިޖިން އޭ ފޯމް" (ޖީއެސްޕީ ސަޓިފިކެޓް) ގެ ބަދަލުގައި އެކްސްޕޯޓަރުން އަމިއްލައަށް މުދަލުގެ އޮރިޖިން ބަޔާންކޮށް "ސްޓޭޓްމެންޓް އޮފް އޮރިޖިން" ފުރިހަމަ ކުރަމުން ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތަށް ސްޓޭޓްމެންޓް އޮފް އޮރިޖިން ފުރިހަމަކުރުމަށްޓަކައި، ރެޖިސްޓާޑް އެކްސްޕޯޓަ ސިސްޓަމްގައި، އެ ގައުމެއްގެ ކަމާބެހޭ އިދާރާ މެދުވެރިކޮށް އެކްސްޕޯޓަރުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ރާއްޖޭގެ އެކްސްޕޯޓަރުން ރެޖިސްޓާޑް އެކްސްޕޯޓާ ސިސްޓަމްގައި ރަޖިސްޓްރީކޮށް ބަލަހައްޓަމުން ގެންދަނީ ކަސްޓަމްސުންނެވެ.
"އަލަށް ތައާރަފުކުރެވޭ ސެލްފް ސެޓިފިކޭޝަން ސިސްޓަމް މެދުވެރިކޮށް ސްޓޭޓްމެންޓް އޮފް އޮރިޖިން ފުރިހަމަކުރުމަށްޓަކައި ރެޖިސްޓާޑް އެކްސްޕޯޓަ ސިސްޓަމް މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ހިދުމަތް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އޮފީހުން ލިބެމުންދާނެ" ކަސްޓަމްސުން ބުނެއެވެ.
ރެޖިސްޓާޑް އެކްސްޕޯޓަ ސިސްޓަމްގައި އެކްސްޕޯޓަރުން ރަޖިސްޓްރީވުމަށް އެދޭ ފޯމު އީޔޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އެ ފޯމު އޮންލައިންކޮށް ފުރިހަމަ ކުރުމަށްފަހު، ފޯމުގެ ކޮޕީ ކަސްޓަމްސަށް ހުށަހަޅާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކަސްޓަމްސުން ބުނެއެވެ.