Kulhudhuffushi Hospital Dhevana Faharah NII aa Havaalu Kurun Buhdhiveri?
image
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު--- ފޮޓޯ: ކުޅުދުއްފުށި ކޮމް
0 ކޮމެންޓް
 

ކުޅުދުއްފުށީ ހޮސްޕިޓަލު އެންއައިއައި އާ ދެވަނަ ފަހަރަށް ހަވާލުކުރުން ބުއްދިވެރި؟

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިންގަން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ސަރުކާރުން މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަވާލުކުރުމާއި ގުޅިގެން އެ ހޮސްޕިޓަލުން އެންމެ ގިނައިން ހިދުމަތް ހޯދަމުންދާ ފަރާތްތަކަމަށްވާ ހއ. ހދ އަދި ށ. އަތޮޅުގެ ރައްޔިތުން ފޮނި އުއްމީދުތަކެއް ކުރަންފެށިއެވެ. އެފަދަ އުންމީދުތަކެއް ކުރަންފެށީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ދެމުންދިޔަ ހިދުމަތްތަކުގެ ފެންވަރު މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަކަށް ބަދަލުކުރުމުން ރަނގަޅުވާނެތީއެވެ. އަދި ސިއްހީ ހިދުމަތްތައް ހޯދުމަށް އިރުއިރުކޮޅާއި މާލެ އަށް ކުރަންޖެހޭ ދަތުރުތައް ވެސް މަދުވާނެކަމަށް ދެކިގެންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލު،ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާ ހަވާލުކުރުން.

މިދިޔަ ޖޫން މަހުގެ 21 ގައި ނިމްސް ހޮސްޕިޓަލު ހިންގާ، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާ ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލު ހިންގަން ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށެވެ. އެއެއްބަސްވުމުގައި ވާގޮތުން ހަވާލުކުރެވޭތާ އެއްއަހަރާ ހަތަރު މަހުގެ ތެރޭގައި އެތަން މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހެއެވެ. މިހެންކަމުން މިއަހަރުގެ ނޮވެމްބަރު މަހުގެ 21 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހެއެވެ.

ނޫރުލް އިސްލާމާއި ހަވާލުކުރި ފުރަތަމަ ހަ މަސް.

ނޫރުލް އިސްލާމާއި ހަވާލުކުރިތާ ގާތްގަނޑަކަށް މިހާރު ހަތްމަސް ދުވަސް އެވަނީ ވެފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ދަަށަށް ގޮސްފައިވާކަމުގެ އަޑުތައް ފެތުރެންފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރު އެހޮސްޕިޓަލުގެ ހާލަތު ދަށަށް ގޮސްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތާރީހުގައި ވެސް އެހޮސްޕިޓަލު ދެކެފައިނުވާހާ ދަށަށް ގޮސްފައެވެ.

ފަރުވާދޭނެ ޑޮކްޓަރަކު ނެތި މާބަނޑު އަންހެނަކު ބަނޑުގައި ރިއްސަ ރިއްސާ އޮއްވާ ކައިރީގައި އެހީތެރިވެދޭނެ ނަރުހަކާ ނުލާ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ ނިމްސްއާ ހަވާލުކުރިތާ ހަމަސް ދުވަސް ނުވަނީހެވެ. ޑޮކްޓަރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ އެތަށް ބަޔަކު ކައިރި ރަށްތަކުގެ ހޮސްޕިޓަލުތަކަށް ފޮނުވާ ހިސާބަށް ކަންތައްތައް ދިޔައެވެ.

އެފަދަ މައްސަލަތައް ފެންމަތިވާން ފެށުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިންގުމާއި ހަވާލުވި ނިމްސްގެ %80 ހިއްސާދާރު ފައިޒަލް ހާނައި އެކުންފުނީގެ %20 ހިއްސާދާރު އަލީ އުސައިދު، އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފެށިއެވެ. އެގޮތުން ފައިޒަލް ހާން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް ރައީސް އަބްދުﷲ ޔާމީނަށް ސިޓީ އެއް ފޮނުވާފައެވެ. އަދި އެތުމަތުތައް ދޮގުކޮށް އުސައިދު ވަނީ މީޑިއާ މެދުވެރިކޮށް އެސިޓީއަށް ރައްދުދެއްވާފައެވެ.

އެމައްސަލަތައް އިންތިހާއަށް މައްޗަށް ދިއުމުން ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގެވުމާއި ވަގުތީ ގޮތުން ހެލްތު މިނިސްޓްރީ އިން ހަވާލުވީ، އެހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނިމްސްއަށް ދިހަ ދުވަހުގެ މުއްދަތެއް ދީފައެވެ. އެމުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް، ނިމްސް އިން ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވި މައްސަލަތައް ހައްލުކުރެވިފައިވާކަމަށެވެ. އަދި ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ނިމްސްގެ އިންޓަނޭޝަނަލް އޮޕަރޭޝަން މެނޭޖަރ އަހުމަދު ނަސީރު ވިދާޅުވީ، އެހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު މީގެކުރިން ދަށްވި ވަރަށް ދަށް ނުވާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީއަށް އެސިޓީ މެދުވެރިިކޮށް ދީފައިވާކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު

ލިޔުމަކުން ހުރިހާ މައްސަލައެއް ހައްލުވިކަމަށް ބުނުމުން ނިމުނީކީ ނޫނެވެ. ހެލްތު މިނިސްޓްރީ އިން ދިހަ ދުވަހުގެ މުއްދަތު ހަމަވިއިރު ހަގީގަތުގައި އެއްމެ މައްސަލައެއް ވެސް ހައްލުވެފައެއް ނެތެވެ. މައްސަލަތައްވީ އިތުރެވެ.

ނަން ހާމަނުކުރުމަށްއެދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން މީހަކު ބުނީ، ސީޓީއާއި އެމްއާރުއައި ވޯޑު ތަޅާލާ އެތަން ހެދުމުގެ މަސައްކަތް ކުރަން ފަށާފައިވީނަމަވެސް މިހާރު އެމަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ.

އެމަސައްކަތް ހުއްޓުނީ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ނިމްސް އިން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީކަަމަށް އެމީހާ ބުނެއެވެ. އަދި މެޑިކަލް ވޯޑް ތަޅާލުމާއި ގުޅިގެން ކުޑަކުދިންގެ ވޯޑާއި ގައިނީ ވޯޑު އެއްކޮށްލާފައިވުމުން އެނދުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަމަށް މައުލޫމާތު ދިން މީހާ ބުނެއެވެ.

އެމީހާ ބުނީ، ދިހަ ދުވަހުގެ މުއްދަތަކަށް ސާޖަރީއެއް ހެދުމަށްޓަކައި ބޭރުން ގެނައި ޑޮކްޓަރަކަށް އާސަންދަ އިން އެޑޮކްޓަރުގެ ޕޭމަންޓް ދީފައިވާކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު ސްކޭން ޑޮކްޓަރެއްގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން މެދުކެނޑުމަކަމަށް ފަހު އަލުން ލިބެން ފަށާފައިވަނީ މިޔަ ހަފްތާގެ ތެރޭގައިކަމަށް އެމީހާ ބުނެއެވެ.
ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ގެންގުޅުނީ އަޅުވެތިކޮށްގެންކަމަށް އެމީހާ ބުނެއެވެ. މިހެންކަމުން ނިމްސްއަށް ދެވަނަ ފުރުސަތެއް ދޭން ހޮސްޕިޓަލުގެ %99 މުވައްޒަފުން ދެކޮޅުކަމަށް އެމީހާ ބުނެއެވެ.

ނޫރުލް އިސްލާމުން ބޭރުން ގެނެސްފައިވާ އާރިޔާ ނަަމަކަށް ކިޔާ މީހަކު އާސަންދަގެ ބިލުތައް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމަށް އެމީހާ ތުހުމަތު ކުރެއެވެ. އަދި އާރިޔާ ކިޔާ މީހާ ހޮސްޕިޓަލުގައި ބުދު ބެހެއްޓި ކަމަށް އެމީހާ ބުނެއެވެ.

އަދި އެމައްސަލަ މެނޭޖްމަންޓާއި ހަމައަށް ގެންދިޔަ ނަމަވެސް އެމައްސަލަ ބަލާފައި ނުވާކަމަށް އެމީހާ ބުނެއެވެ.

ހޮސްޕިޓަލުގައި ބޭނުންކުރާ ޑިސްޕޯސަބަލް ގްލޯވްސް ހުސްވެ، ވޭތުވެ ދިޔަ އެއްމަހެއްހާ ދުވަހުގެ ތެރޭގައި އުޅެމުންދަނީ ވަރަށް ދަތިކޮށްކަމަށް އެމީހާ ބުނެއެވެ. އެގޮތުން ކޮންމެ ޝިޕްޓެއް ނިމެންދެން އެމީހަކު ބޭނުންކުރާ އަންގިއެއް
ގެންގުޅެންޖެހޭއިރު އެ އެއްޗެހި ބޭނުން ކުރަނީ ދޮވެގެންކަމަށް އެމީހާ ވީއެފްޕީއާ ވާހަކަ ދައްކަމުން ބުންޏެވެ.

އުތުރުގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު މިހިސާބަށް ގޮސްފައިވާއިރު އެހޮސްޕިޓަލު ހިންގަން ދެވަނަ ފަހަރަށް ނޫރުލް އިސްލާމާއި ހަވާލުކޮށްފިނަމަ މިހާރު އެހޮސްޕިޓަލު ދަށަށް ގޮސްފައިވާ މިންވަރަށްވުރެ އިތުރަށް ދަށަށް ދާނެކަމަށް ހދ. ހއ. އަދި ށ. އަތޮޅުގެ ގިނަ ބަޔަކު މިއަދު ގަބޫލުކުރެއެވެ. އަދި އެފަރާތްތަކުން ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ބޭރުގެ ބަޔަކާއި ހަވާލުކުރުމުގެ ކުރިން ހިދުމަތް ދެމުންއައި ގޮތް މާރަނގަޅުކަމަށެވެ.
ހިޔާލު