Raafulhithah gendhiya mahsala villa kunfunin court ah hushahalhaifi
image
ފަން އައިލެންޑް ރިސޯޓް--ފޮޓޯ ފަން އައިލެންޑް
0 ކޮމެންޓް
 

ރާފުޅިތައް ގެންދިޔަ މައްސަލަ ވިލާ ކުންފުނިން ކޯޓަށް ހުށަހަޅައިފި

މުދާ ހިފެހެއްޓުމުގެ ކޯޓު އަމުރެއް ނެތި، ވިލާގެ ފަން އައިލެންޑް ރިސޯޓުގައި ހުރި ބައެއް ބަނގުރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ވިލާ ކުންފުނިން ކޯޓަށް ހުށަހަޅައިފިއެވެ.
ކޯޓު އަމުރެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މައްސަލަ ބަލައިދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާ ކުންފުނީގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ކަސްޓަމްސް އިން ހިފެހެއްޓި ރާފުޅިތައް އަނބުރާ ހޯދައިދިނުމަށް އެ މައްސަލާގައި އެދިފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ބަލައިފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ކަސްޓަމްސް އިން ވަނީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓުތަކަށް އަރާފައެވެ.

ފުލުހުންނާއި ކަސްޓަމްސްއިން އެ ރިސޯޓުތަކަށް އަރާ ފާސްކުރީ، ވިލާ ހޮޓެލްސްގެ ރިސޯޓެއް ކަމުގައިވާ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ.

ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށް ވިލާގެ ވަކީލުން ވަނީ ބުނެފައެވެ.

ރޯޔަލް އައިލެންޑްގެ އިތުރުން ވިލާގެ ރިސޯޓްތަކަކީ ސަން އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.

ސަން އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ހިދުމަތް ދިނުން ހުއްޓާލީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީއެވެ.
ވިލާ ރިސޯޓްސް
ހިޔާލު