Qasimge Muvazzafun Sarukaaru Cunfunithakai Gulhumah Dheyhavaa Gothah Govaalavvaifi
image
ވިލާގެ ރިސޯޓެއްގެ މުވައްޒަފުންތަކެއް---
0 ކޮމެންޓް
 

ގާސިމްގެ މުވައްޒަފުން ސަރުކާރު ކުންފުނިތަކާ ގުޅުމަށް ދޭހަވާ ގޮތަށް ގޮވާލައްވައިފި

ބަނގުރަލުގެ މައްސަލާގައި ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކުގައި ތިބި މުވައްޒަފުން އެ ވަޒީފާތަކުން ވަކިވެ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކާ ގުޅުމަށް ގޮވާލެއްވިކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ ޕީޕިއެމްގެ ރުމާލު ދޭއް ޖަގަހާގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުން ދަތިތަކާ ކުރިމަތިވާ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ދަތިވާތީ ދެރަވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މުޅި މުޖުތަމައުގެ ހައްގުގައި ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުން އެކަމުން ދިފާއުވާ ދައްކަން އޮތް ވާހަކައަކަށް ވެގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހުއްޓުމަކަށް އަންނަ ރިސޯޓުތަކާއި ދަތިތައް ކުރިމަތިވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެ ރިސޯޓޫތަކުގައި ވަޒީފާ އަދާ ކުރުން ނޫން ޗޮއިސްއެއް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު ދެރަވޭ ފަރުދުންނަށް ވަޒީފާގަ ތިއްބެވި ވަކިވަކި ބޭފުޅުންނާ ދޭތެރޭގައި އެބޭބޭފުޅުން މަގާމުތަކުން ވަކިވަމުންދާ ވާހަކަ ވިދާޅުވީމަ. އެއީ ރިސޯޓުތައް ބަންދުވާތީ ނޫނީ ބައެއް ބޭފުޅުންގެ ރިސޯޓުތަކުން ހީނަރުކަން އަންނާތީ ޓެކްސް ނުދައްކައިގެން. އެކަމަކު އެބޭފުޅުންނަށް ޗޮއިސްއެއް އެބައޮތް. އެބޭފުޅުންނަށް އޮތް ޗޮއިސްއަކީ މިއަދު ވެސް އަޅުގަނދު މިދަންނަވަނީ މިއަދު އިރާދަ ކުރެއްވިއްޔާ ސަރުކާރުގެ ގާބިލުކަން އެބަ ހުރި، ސަރުކާރު ކުންފުނިތަކުގަ ގާބިލުކަން އެބަހުރި، މުސާރަ ނުދޭ ކުންފުނިތަކުން ކެނޑިގެން އާދާ ސަރުކާރު ކުންފުނިތަކަށް،" ރައީސް ޔާމީން ގޮވާލެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ރިސޯޓުތަކުން ދޭ ވަރުގެ މުސާރައެއް ސަރުކާރު ކުންފުނިތަކުން ވެސް ދޭނެ ކަމަށެވެ.

ރައީސް ޔާމީން އެހެން ގޮވާލެއްވި އިރު ގާސިމް އިބްރާހީމްގެ އެކިއެކި ކުންފުނިތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރާއިރު ބައެއް މުވައްޒަފުން ވަޒީފާއިން ވެސް ދަނީ ވަކި ކުރަމުންނެވެ.
ހިޔާލު