Zameerge Faadu Kiun Qasimge Villaa ah!
image
ޓޫރިޒަމް މިނިސްޓަރު ޒަމީރު ރައީސް ޔާމީނާއެކު---ފޮޓޯ:ރައީސް އޮފީސް
0 ކޮމެންޓް
 

ޒަމީރުގެ ފާޑު ކިއުން ގާސިމްގެ ވިލާއަށް!

ވެރިކަން ކުރާ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީދަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފާޑު ވިދާޅުވެއްޖެއެވެ.
ރުމާލު 2 ޖަގަހާގައި ބޭއްވި އެ ޖަލްސާގައި ޒަމީރު ވިދާޅުވީ ވިލާއިން ފަސް ރިސޯޓު ނަގައިގެން އެ ރިސޯޓުތައް ނުހަދާ ތިބޭތާ 13 އަހަރު ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާތަނަށް 13 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ ވިލާއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަނީ ހައްދަވައިގެން ނޫން ކަމަށާއި އެ ތަފާސް ހިސާބުތަކަކީ މީރާގެ ދައުވާތަކުން ވެސް ފެންނަން ހުރި ތަފާސް ހިސަާބުތައް ކަމަށެވެ.

"ފަސް ރިސޯޓުގެ މައްސަލާގައި 189 މިލިއަން ރުފިޔާއަށް ދައުވާ ކޮށްފައޭ އެއޮތީ. އެ ދައުވާ މިހާރު ސްޕްރީމް ކޯޓާ ހަމައަށް ދިޔަ އިރުގަ އަޅުގަނޑު މިދަންނަވާ ވާހަކައަކީ ދައުލަތަށް އެބައޮތޭ އެންމެ އާދައިގެ ކޮންޒަވޭޓިވް އެސްޓިމޭޓެއް ހެދިކަމުގައިވީ ނަމަވެސް 13 ބިލިއަން ރުފިޔާ ރައްޔިތުންނަށް ގެއްލުންވެފައޭ އޮތީ،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ގާސިމުގެ ވިލާ ކުންފުންޏާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ ގާސިމާ ޖައްސާލައިގެން ކުރަމުންދާ ކަންތައްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަމުން ދަނީ މިރާއްޖެއަށްޓަކާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެއީ މިރާއްޖޭގެ ދެން ތިބި ވިޔަފާރިވެރިންނާއި ރާއްޖޭގެ އިގްތިސާދުގެ ހައްގުގައި އަޅުގަނޑުމެން ކުރާ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އެއް ނުރައްކަލަކީ ސެޓެލްމެންޓު އެގްރިމެންޓު ހަދައިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތިބުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ. ޒަމީރުވަނީ ކުރިއަށް އޮތްތަނުގައި ވެސް ސެޓެލްމެންޓު އެގްރިމެންޓު ހަދައިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތިބުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ގޮވާލައްވާފައެވެ.
ހިޔާލު