Siyaasee Masrahugai Mivanee Kihineh?
image
ރައީސް ޔާމީނައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް އިސްބޭފުޅުން---ފޮޓޯ:ރައީސް އޮފީސް
އިބްރާހީމް ތައްޔިބު
1 ކޮމެންޓް
 

ސިޔާސީ މަޝްރަހުގައި މިވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ އަނެއްކާވެސް ހަލަބޮލިވެ، ވާނުވާ ނޭގުމެއްގެ ތެރޭގައެވެ. އަނެއްކާވެސް އޭ މިފާހަގަކުރީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ގިނަގުނަ ހަލަބޮލި ދުވަސްވަރުތަކެއް ރާއްޖެ ދެކެފައިވާތީއެވެ. 2012 ވަނަ އަހަރުގެ ކުރީކޮޅު ހޫނުވެގެން ދިޔަ ހަލަބޮލިކަމާއި، އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވަށައިގެން ހިނގައިދިޔަ ހަލަބޮލި ދުވަސްތަކަކީ ފާހަގަކޮށްލެވޭ ތާރީހީ ދުވަސްވަރުތަކެކެވެ. ވާނުވާ ނޭގުމެއްގެ ތެރޭގައޭ މިފާހަގަކުރީ ހިތު ލަފަޔަށް ވެސް ދެންވާނ ެގޮތެއް ސާބިތުކަމާއެކީ ބުނެލަން ނޭގޭތީއެވެ. 2012 ވަނަ އަހަރުގެ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބުން އިންތިހާބުވި ރައީސް މުހަންމަދު ނަޝީދު (އަންނި) އިސްތިއުފާދިނީއެވެ. އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެކީގައި ބާތިލުކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުން، އެވެސް އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. މިކަންކަމުގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ އެއް ނުކުތާއަކީ، ދިވެހިރާޖޭގެ "ޑިމޮކްރަޓިކް-އީރާ" ގައި އާންމުމީހާގެ ނިންމުންތަކުގެ މައްޗަށް ތަފާތުއެކި ނުފޫޒުތައް އަތް ގަދަކޮށްފައިވާކަމެވެ.
ސުޕްރީމް ކޯޓުގެ އަމުރު

މިހިނގަމުންދާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ސިހުމެއް ލިބިގެންދިޔައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއިގުޅިގެންނެވެ. މިއަމުރުގައިވަނީ ޖަލުހުކުމް އިއްވާފައިވާ 9 "ސިޔާސީ" ކުށްވެރިޔަކު، އެމީހުންގެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިންލައަގުވާމީ މުއާހަދާތަކާއި ހިލާފަށްކަމަށްވާތީވެ އެމީހުންގެ މައްސަލަ އަލުން ބެލުމަށްޓަކައި ވަގުތުން މިނިވަންކުރުމަށެވެ. އަދި ފްލޯރކްރޮސް ކުރުމާ ބެހޭގޮތުން ސްޕްރީމް ކޯޓުން ކުރީގައި ކޮށްފައިވާ ހުކުމް (ނަންބަރު 2017/SC-A/17) ބާތިލުވެއްޖެ ކަމަށެވެ. އަދި ފްލޯ ކްރޮސް ކުރުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މަޖިލިސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް މިއަމުރުގައިވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިއަމުރުގެ ތެރެއިން ސުޕްރީމް ކޯޓުން ވަނީ އެކޯޓަށް ގިނަގުނަ ބާރުތަކެއް ވެސް ކަނޑައަޅާފައެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އިހްތިސާސެއް ޖޫޑިޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި، އެއްވެސް ކޯޓަކަށް ފަނޑިޔާރަކު ނުވަތަ އިސްފަނޑިޔާރަކު ވިޔަސް އައްޔަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މިފަދަ ބާރުތަކެއް ސުޕްރީމް ކޯޓުން އަމިއްލައަށް ލިބިގަތުމަކީ، ޑިމޮކްރަޓިކް ނިޒާމެއްގައި އެއްބާރުން އަނެއްބާރު ހަމައިގައި ބެހެއްޓުމަށް އޮންނަ އިހްތިސާސަށް ހީނަރުކަން އަންނާނެ ކަމެކެވެ. އެހެންކަމުން ޑިމޮކްރަސީގެ އުސޫލުތަކުން މިނެކިރާކަމުގައިވަނީނަމަ ސުޕްރީމް ކޯޓުގެ އަމުރަކީ އޭގެ ސައްހަކަމާއިމެދު ފުންކޮށް ބަހުސް ކުރުވިދާނެ އަމުރެކެވެ. ފަހުގެ ތާރީހަށް ބަލާއިރުވެސް ސުޕްރީމް ކޯޓަކީ ދިވެހިރާޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ އަލީގައި ބަހުސް ކުރެވިދާނެ އެތަކެއް ނިންމުމެއް ނިންމާފައިވާ ކޯޓެކެވެ. ފާހަގަކޮށްލެވޭ އެއްމިސާލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ސުއޮމޮޓޯ އުސޫލުން ސުޕްރީމް ކޯޓަށް މައްސަލަތައް ބެލިދާނެ ކަމަށް އެކޯޓުން އަމިއްލައަށް ކަނޑައެޅި އެޅުމެވެ. މިއުސޫލުގެ ދަށުން، 2014 ވަނަ އަހަރު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުން ދައުވާ އުފުލައި ހުކުމް އިއްވިއިއްވުމަކީ، އަދި އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މިއުސޫލުން ދައުވާ ކުރި ކުރުމަކީ މިމިސާލުގެ ބައެއް ތަފްސީލެވެ. އަދި މިފަދަ ނިންމުންތަކަކީ މިއަދުގެ ސަރުކާރުވެސް ބަލައިގަނެފައިވާ ނިންމުންތަކެކެވެ. މިފަދަ ޕްރިސިޑެންސް ތަކާއެކީ، ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ޑިމޮކްރަޓިކް ސައްހަކަމާއިމެދު އެތަކެއް ސުވާލެއް އެބަހުއްޓެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ގުޅިގެން، އަދި މިވަގުތު ސިޔާސީ މަޝްރަހަށް ދިމާވެފައިވާ ހަލަބޮލިކަމާއިގުޅިގެން ވިސްނަންވީ މިމައްސަލަތައް ހައްލުކުރުމަށް ކުރިއަށްދެވޭނެ މަގުތަކަކީ ކޮބައިތޯކަމެވެ.

ސަރުކާރުގެ ވިސްނުން

މީގެކުރިން ދަށު ކޯޓަކުންވިޔަސް، ސުޕްރީމް ކޯޓުންވިޔަސް ހުކުމެއް ނުވަތަ އަމުރެއް ކޮށްފިނަމަ، ސަރުކާރުންއައީ އެހުކުމެއް ނުވަތަ އަމުރެއް ތަންފީޒު ކުރަމުންނެވެ. ދަންވަރު ނެރުނު އަމުރަކަސް ނުވަތަ ހަފުތާ ބަންދު ދުވަހެއްގެ ފަތިސްދަޅައިގަ ނެރުނު އަމުރަކަސް ސަރުކާރުގެ ފަރުވާލެއް ނެތެވެ. އެއަމުރެއް ތަންފީޒުކޮށް ބައެއްފަހަރު އުފަލުގައި ހަވާ އަރުވާފައިވެސް އެބަހުއްޓެވެ. ނަމަވެސް މިފަހަރުގެ އަމުރަކީ އެއަމުރެއްގެ ސަބަބުން ސަރުކާރުގެ ބޭނުންތަކަށް ބުރޫއަރާފަދަ އަމުރަކަށްވުމުން، އެއަމުރު ތަންފީޒުކުރުމަށް ސަރުކާރުންދަނީ ތަފާތު ސުވާލު ކުރިމަތިކުރުވަމުންނެވެ. މިގޮތުން ސާފު ކުރަންބޭނުންވާ ކަންތައްތަކެއްގެ ވާހަކައާއި، "ޑިއު ޕްރޮސެސް" އެއްގެ ވާހަކައިން ސަރުކާރު އުޅެނީ ނައްޓާނުލެވިގެންނެވެ.

ސިޔާސީ މަންފާއަށް، އަދި ބާރު ދެމެހެއްޓުމަށްޓަކައި އެއްބާރު އަނެއްބާރުގެ މައްޗަށް އަތްގަދަ ކުރުމުގެ އަމަލުތަކާއި، ކޯޓު އަމުރުތަކަށް ތަބައު ނުވުމުގެ އުސޫލުތަކަކީ ވެސް މިއަދުގެ ސަރުކާރުން އެކަނި ކުރާ ކަމެއް ނޫނެވެ. މިގޮތުން 2008 ވަނަ އަހަރު އިންތިހާބު ކުރެވުނު ސަރުކާރުން، 2012 ވަނަ އަހަރުގެ ޖަނަވަރީމަހު އަބްދުﷲ ގާޒީ އުސޫލުން ބޭރުން ހައްޔަރު ކުރުމަކީ ތާރީހްގައި ފެވިގެންދާނެ އެއްމިސާލެވެ. އަދި މިކަމާއި ގުޅިގެން އޭރު ސުޕްރީމް ކޯޓުން އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ހުކުމް ކުރުމުން، އޭރުގެ ސަރުކާރުން އެކަމާއި ދެކޮޅުހެދީ ތަފާތު އެކި ސަބަބު ދައްކަމުންނެވެ.

މިފަދަ ހާދިސާތަކުން ލިބިގަންނަންވީ އިބުރަތަކީ، ހަމަތަކާއި އުސޫލުތަކުގެ ބޭރުން އަމަލަކަށް ހުތްޖަތްދައްކާނަމަ އެއީ ކޮންމެ ބަޔަކަށްވެސް ކުރެވިދާނެ ކަމެއްކަމެވެ. އޭރުގެ ސަރުކާރުން ދެއްކި ހުއްޖަތަކީ އަބްދުﷲ ގާޒީ އަކީ މުޖުތަމައުއައް ހުރި ނުރައްކަލަކަށްވާތީވެ ކޮންމެ ގޮތަކުން ނަމަވެސް ހައްޔަރުގައި ބަހައްޓަންޖެހޭ ކަމެވެ. މިއަދު ސަރުކާރުން ދައްކާ ހުއްޖަތަކީ، ސުޕްރީމް ކޯޓުން އަމުރެއް ނެރުނުނަމަވެސް އެކަމުން ނިކުމެދާނެ ނަތީޖާއާއި، މެދު ވިސްނައި "ޑިއުޕްރޮސެސް" އަށް ރިއާޔަތްކުރަންޖެހޭ ކަމެވެ. ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ހިންގަމުން މިދަނީ ޑިމޮކްރަޓިކް އުސޫލުތަކާއި ހިލާފް، އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކެވެ.

އަދި އެންމެފަހުން މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓަށް ގަދަކަމުންވަދެ، އެ ކޯޓުގެ 2 ފަނޑިޔާރަކު ހައްޔަރުކޮށްފައެވެ.

މިހުރިހާ އަމަލުތަކެއް ވެސް ވޭތުވެދިޔަ ސަރުކާރުތަކުން، އަދި މިއަދުގެ ސަރުކާރުން ވެސް މިހާތަނަށް ކުރަމުންއައީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ގާނޫނީ ވެރިކަމުގެ ބަހުރުވައިގެ ތެރެއިން "ސައްހަކަން" ހޯދައިގެންނެވެ. ނަމަވެސް މިއަދު، ސައްހަކަމުގެ ފަށަލަ ތުނިވެ ސަރުކާރުގެ ހުދުމުހުތާރު ސިފަތައް މިދަނީ ސާފު ސީދާ ސާދާކޮށް ފެންނަމުންނެވެ. ސަރުކާރުންވަނީ ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކީ ރައްޔިތުންގެ މަޖިލިސް އެމުއައްސަސާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ ފަދަ ހާލަތަކަށް ގެނެސްފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެތަކެއް އިންސާނީ ހައްގުތަކެއް ހިފަހައްޓައި، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ކޯޓުތަކުގެ މައްޗަށްވެސް ސަރުކާރުން މިވަނީ ގަދަވެގަނެފައެވެ. މިހެންކަމުން ދައުލަތުގެ ތިންބާރުގެތެރެއިން، ސަރުކާރު މިވަނީ އަނެއްދެބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިހާއި ކޯޓުތަކުގެ މައްޗަށް ހައްދެއްނެތް މިންވަރަށް ގަދަވެގަނެފައެވެ.

މީގެމާނައަކީ ކޮބާ؟

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދައުރު ބޮޑުވެ، އިންތިހާބުގެ ފުރަތަމަބުރު ކޯޓުން ބާތިލުކުރި ހިސާބުން ފެށިގެން ވެސް އާންމު ރައްޔިތުންގެ ނިންމުމުގެ މައްޗަށް އެހެންނުފޫޒުތައް އަތްގަދަ ކޮށްފައިވާކަން އޮތީ ހާމައަށް ފެންނާށެވެ. މިފަދަ އެކި ސަބަބުތަކާ ހެދި ސަރުކާރުގެ ޑިމޮކްރަޓިކް ސައްހަކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ނަމަވެސް މިއަދު ފެންނަމުންމިދަނީ ސަރުކާރުން ފުލުހުންނާއި ސިފައިންގެ ބާރުގައި ދައުލަތުގެ އެންމެހާބާރުތަކެއް މުށު ތެރެއަށްލާތަނެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސު ކަމުގައިވާ ބާރުތައް ވަކިކުރުމުގެ އަސާސު އެކީ އެކައްޗަކަށް މިވަނީ ހީނަރުވެފައެވެ. ކޯޓުތަކާއި، އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް މިއޮތީ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ދަރަޖައަކަށް ތިރިކޮށްފައެވެ. މިހެންކަމުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި މިވަގުތު މިއޮތީ ޑިމޮކްރަސީއެކޭ ބުނަން އުދަގުލެވެ.

އޭގެބަދަލުގައި ފެންނަނީ "އެގްޒެކަޓިވް-ކޫ" އަކާ ދިމާލަށް ދީލާލާތަނެވެ. މާނައަކީ "ސައްހަ" މަގަކުން ވެރިކަމަށް އައުމަށްފަހު ސަރުކާރުން ދައުލަތުގެ އެންމެހައި ބާރުތައް މުށުތެރެއަށްލައި ވެރިކަން ހިންގުމެވެ. ސީދާ ޑިކްޓޭޓާޝިޕަކަށް މިސްރާބު ޖަހާފައިވާތަނެވެ. ޑިމޮކްރަޓިކް އަދި ގާނޫނީ ސައްހަކަންވެސް އެކީއެކައްޗަކަށް ގެއްލުމެވެ. މިހެންކަމުން މިއަދުގެ ސަރުކާރަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ބަލާއިރު ސައްހަ ސަރުކާރެއްކަމުގައި ބެލޭނެ ގޮތެއް އޮތްކަމަކަށް ނުދެކެމެވެ.

މިހާރުމިވަނީ ކިހިނެއް؟

މިއަދުގެ ސަރުކާރުން ބޭނުންކުރާ އެއްބަހުރުވައަކީ ދިވެހިރާއްޖެ ސިންގަޕޫރަކަށް ހަދާނެކަމުގެ ވާހަކައެވެ. މިވާހަކައިގެ އެއްވިސްނުމަކީ އުމުރާނީ ތަރައްގީގެ ވާހަކައެވެ. ހަމަމިއާއެކު މިކަމުގެ ފަހަތުގައިވާ ދެވަނަ ވިސްނުމަކީ، އަމަލާއި ބަހުންވެސް ހާމަވާފަދައިން، ސަރުކާރުގެ ބާރު ގަދަކޮށްލުމެވެ. މާނައަކީ ސަރުކާރާއި އިދިކޮޅު އެންމެހައި އަޑުތައް އެކީއެކައްޗަކަށް ކަނޑުވާލުމެވެ. 2012 ވަނަ އަހަރު، ޕްރޮފެސަރ ޖިންސްބާރގ، ދިރާސާއަކަށްފަހު ތިންގޮތަކަށް ދިވެހިރާއްޖޭގެ ހާލަތު ހިނގައިދާނެކަމަށް ލަފާކޮށްފައިވެއެވެ. އެއީ؛

1 – scycle of failed government
2 – dominance of a hegemonic faction
3 – constitutional demoracy

ސަރުކާރުގެ މިސްރާބު ހުރީ މިތަނުން ދެވަނަ ގޮތާއި ދިމާލަށެވެ. ނަމަވެސް، ޖިންސްބާރގ ފާހަގަކޮށްފައިވާގޮތުގައި މިފަދަ ބާރެއް ނުވަތަ ހެޖެމަނީ އެއް ސީދާ ބާރު ބޭނުންނުކޮށް އުފެއްދުމަކީ ނާދިރުކަމެކެވެ. ގާނޫނީ ބަހުރުވައިގެ ތެރެއިން އިދިކޮޅު ހުރިހާއެންމެން އެކި ގޮތްގޮތުން އެކަހެރިކުރުމަށް ސަރުކާރުން ކުރަމުންއައި މަސައްކަތް ކާމިޔާބުނުވެ... ސައްހަނޫން އުސޫލުތަކުގެ ތެރެއިން ދައުލަތުގެ އެހެންބާރުތަކުގެ މައްޗަށް ނުފޫޒުފޯރުވުމުގެ އަމަލުތައް މިއަދު ވަރަށް ސާފެވެ. ކުރިންވެސް ފާހަގަކޮށްލިހެން ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ލިބިގެންނެވެ. މިފަދަ ބާރުވެރިކަމެއް ސަރުކާރުން މުށުތެރެއަށްލައިގަތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ކުރިމަގަށް އެޅިގެންދާ ވަރުގަދަ ހުރަހަކަށް ނުވާނެހެއްޔެވެ؟

އިދިކޮޅު ސިޔާސީ ފަރާތްތަކުން މިވަގުތު ފޫގަޅާފައި އޮތީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ބާރުއެޅުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރީގައި ކޮށްފައިވާ އަބްދުﷲ ޝާހިދު ބުނެފައިވަނީ މަރިޔަމް މަލެއް ގެނެސް މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ވިއްސާނެކަމަށެވެ. ނަމަވެސް ވިއްސުމުގެކުރިން ވިސްނާލަންޖެހޭ ކަމަކީ، އެ އަމުރެއްގެ ސައްހަކަމާމެދު އެތަކެއް ސުވާލެއް އުފެދޭ އަމުރެއް ތަންފީޒުކުރަން ގޮވުމުގެ ނަތީޖާއަކީ ކޮބައިކަމާމެދުގައެވެ. އަދި މިއަމުރު ތަންފީޒުކޮށްފިނަމަ ދިވެހިރާޖޭއްގެ ސިޔާސީ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތަކީ ކޮބައިބާވައެވެ؟ ސުޕްރީމް ކޯޓުން އަމިއްލައަށް ނަގާފައިވާ ބާރުތަކުގެ އަލީގައި، މި އަމުރުގައި ސައްހަކަމުގެ ސިއްކަޖެހުމަކީ ބިރުވެރި ކަމެއްކަމުގައި ނުފެނޭހެއްޔެވެ؟

ދެންވާންވީ ކިހިނެއް؟

މިއީ ބޮޑު ސުވާލެކެވެ. ޖިންސްބާރގެ ތިންވަނަ ލަފާއަކީ ދުސްތޫރީ ރަގަޅު ނިޒާމެއް ރާއްޖޭގައި ގާއިމުވެގެން ދިޔުމެވެ. މިއީ ތިން ގޮތުގެ ތެރެއިން ވުން އެންމް ނާދިރު ގޮތްކަމަށް ޖިންސްބާރގ ފާހަގަކޮށްފައިވެއެވެ. އެއީ މިކަން ހާސިލުކުރުމައި ދިވެހިރާއްޖޭގެ ސިޔާސީ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައްނަންޖެހޭތީއެވެ. ސިޔާސީ ވެރިންގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީތައް އެކަން ބަދަލުކޮށް ސިޔާސަތުތައް ކުރިއަށް ނެރެންޖެހެއެވެ. އަދި ޑިމޮކްރަޓިކް ގޮތްނިންމުމުގެ އަސާސަކީ ރަގަޅު ސިޔާސަތުތައް ކަމުގައި ވާންޖެހެއެވެ.

މިއަދު ޑިމޮކްރަސީކުރިއެރުވުމަށް މީހުން ޖަމާކުރުމުގަ (moblize) އިދިކޮޅުފަރާތްތަކުން ގެންގުޅޭ ބަހުރުވަ ތަކަކީ އަންނި މިނިވަންކުރުމާއި، ގާސިމާއި، ފާރިސް އަދި އިމްރާނު މިނިވަންކުރުމުގެ ވާހަކައެވެ. އަދި މިއަދުގެ ސަރުކާރު ވައްޓާލުމުގެ ވާހަކައެވެ. މިބަހުރުވަތަކުގެ ތެރޭގައި މީހުން އެއްކުރުމުގައި ދަތިތަކެއް އެބަހުރިކަން ފެންނަ މަންޒަރުތަކުން ވަރަށްސާފެވެ. މީހުން އެއްނުކުރެވުމުގައި އިތުރު ސަބަބުވެސް ހުރުން އެކަށީގެންވެއެވެ. އަނިޔާލިބޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީއޮތްއިރު އެމަޖިލިހުންވަނީ އެއްވެ އުޅުމުގެ މިނިވަންކަން އެކުއެކީގައިހެން ނިގުޅައިގަނެފައެވެ. އެހެންކަމުން އެއްވާ ބަޔަކަށް ޖިސްމާނީ އަނިޔާލިބުމުގެ ބިރާއިއެކީ ގާނޫނީ ހުރަސްތަކެއްވެސް އެބައޮތެވެ. ނަމަވެސް މިއީ ހަމައެކަނި ސަބަބުތައް ނޫންކަން އެނގޭ ހެކިތައް އެބަހުއްޓުވެ.

2008ގެ ކުރީގައި އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނީގޮތުން އޮތް ހައްގެއް ނޫނެވެ. އެހެންކަމުން މިއަދަށްވުރެވެސް ގާނޫނީ ތާށިކަން ބޮޑެވެ. އަދި އޭރުގަވެސް މީހުންދިޔައީ ލިބެމުންދިޔަ އަނިޔާތަކާއި އެކީގައިވެސް އެއްވަމުންނެވެ. އެއްސަބަބަކީ އޭރު އޭގެވަށައިގެން މީހުން ޖަމާވި ބަހުރުވަތަކަކީ މުހިންމު ބަހުރުވަ ތަކަކަށް ވާތީވެއެވެ. އޭރު އެންމެ ހަރުއަޑުން ދެކެވުނު ވާހަކަތަކަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކައެވެ. އޭރުގެ ހާލަތަށް ބަލާއިރު އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ބަހުރުވަތަކެކެވެ. އަދި އޭރުކުރެވުނު ހިތްވަރާއެކީ 30 އަހަރުގެ ދިގު ވެރިކަމެއް ބަލިކޮށްލެވުން އެއީ ޑިމޮކްރަސީއަށް ދިވެހިރާއްޖެ ކުރިދަތުރުގައި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް ވިސްނާލަންވީ އަނެއް ނުކުތާއަކީ އެއަށްފަހު، މިއަދު މިއޮތްހާލަތައް ދިވެހިރާއްޖެ އައި ސަބަބުތަކަކީ ކޮބައިތޯއެވެ! މިއީ ދިގު ވާހަކައެއް ކަމުން، އެހެން ލިޔުމެއްގައި އެވާހަކަތައް ލިޔަން ހިތުލައި މިވަގުތަށް މިވާހަކަ ކުރުކޮށްލާނަމެވެ.

އިދިކޮޅުފަރާތްތަކުން މިއަދު މީހުން ޖަމާކުރުމުގައި ގެންގުޅޭ ބަހުރުވަ ބަދަލުކުރުމަކީ ވަގުތުން ވަގުތަށް ކުރަން ކޮންމެހެން މުހިންމު ކަމެކެވެ. އެއީ 2008 އަދި 2012 އިގެ ތަޖުރިބާގެ އަލީގައެވެ. ސިޔާސީ ނިންމުންތަކުގެ މުގުލުގައި ވާންވީ އާންމުމީހާގެ ބޭނުންތަކެވެ. ސިޔާސަތުތައް ބިނާވާންވީވެސް އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކޮށްގެންނެވެ. ސިޔާސީ ބޮޑެތި ބަދަލުތަކަކީވެސް އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކުރެވިގެން ގެނެވޭ ބަދަލުތަކަކަށް ވާންޖެހެއެވެ. މިގޮތުން އިޖްތިމާއީ އިންސާފު، ބޯހިޔާވަހިކަން، ރަގަޅު ސިއްހީ ފަރުވާ، މިފަދަ އެންމެހައި ކަންކަން މިއީ އާންމުން ޖަމާކުރުމުގެ މުގުލު ބަހުރުވަ ކަމުގައި ވާންޖެހެއެވެ. ޑރ. އަފްރާޝީމްގެ މަރާއި، ރިލްވާން ވަގަށްނެގުމާއި، އަދި ޔާމީނު މަރާލުމުގެ ފަހަތުގައިވާ ސަބަބުތަކާއި އެހާދިސާތަކުގެ ފަހަތުގައި ތިބިބަޔަކު ހޯދައި ހާމަކުރުމަކީވެސް ފަހުންކުރަން ބަހައްޓަންވީ ކަންކަމެއްނޫނެވެ.

ސިޔާސީ ބޮޑުބަދަލަކަށްފަހު، އޭގެފަހުން އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކުރަން މަޑުކުރާނަމަ، އެންމެ ގާތީ ޖިންސްބާރގ ލަފާކޮށްފައިވާ ފުރަތަމަ ނުވަތަ ދެވަނަ ގޮތުގެ ތެރޭގައި ތާށިވެފައިތިބުމެވެ... މިފަދަ ހައިޖާނުގަނޑެއްގެ ތެރޭގައި ތާއަބަދު އުޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. ނަމަވެސް ދުސްތޫރީ ހެޔޮ ވެރިކަމެއް އޭގެ ފުރިހަމަ މާނާގައި އުފެއްދޭނީ، މިހާރުގެ ސިޔާސީ ވައްޓަފާޅި އެކީގައި ބަދަލުކޮށްގެންނެވެ. ސިޔާސީ "ބޭފުޅުން" ދައްކާމަގުން އާންމުން ހިނގަންޖެހޭ އުސޫލު ބަދަލުވެގެންނެވެ. މިލިޔުން ފަށަމުންވެސް ފާހަގަކުރިހެން، އާންމުންގެ ނިންމުންތަކުގެ މައްޗަށް ގަދަވެގަންނަ އެހެނިހެން ނުފޫޒުތަކެއް ވާކަމީ ވަރަށްސާފުކޮށް ފެންނާންއޮތް ހަގީގަތެކެވެ. ސިޔާސީ ނިންމުންތައް މިއަދު ބައްޓަންވެގެން މިދަނީ، އަދި ސިޔާސަތުތައް ބައްޓަން ވެގެން މިދަނީ ފައިސާގެ ނުފޫޒުން ތަގައްޔަރު ވެގެންނެވެ. ސިޔާސީ "ބޭފުޅުން"ނާއި ފައިސާގެ ނުފޫޒު ގުޅިފައިއޮތީ އިންތިހާ ދަރަޖައަށެވެ. އާންމުމީހާގެ ނުފޫޒު އެހެން ހުރިހާ ނުފޫޒެއްގެ މައްޗަށް ގަދަނުވެ ރަގަޅު ނިޒާމެއް ގާއިމުވުމަކީ ނާދިރުކަމެކެވެ.

އެޑިޓަރުގެ ނޯޓު: އިބްރާހިމް ތައްޔިބް އަކީ އޮސްޓްރެލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންއިން މާސްޓާސް ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ހަރުދަނާކުރުމަށް އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތަކެވެ.
ސިޔާސީ މަޝްރަހު
ހިޔާލު

އަޙްމަދު

ވަރަށް ރަނގަލަޅަށް މިދަނީ الحمدالله
ސާބަހާ ތަރްހީބޭދެނީ ފޯރީގާ ރައީސް ޔާމީނަށް.