595 Naruhun Hoadhan Iulaan Kohfi
image
އައިޖީއެމްއެޗްގައި ހިދުމަތް ދެނީ: ފައިލް ފޮޓޯ
0 ކޮމެންޓް
 

595 ނަރުހުން ހޯދަން އިއުލާނުކޮށްފި

ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 595 ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.
ރަޖިސްޓާޑް ނަރުހުންގެ މުސާރައިގެ ގޮތުގައި 5610 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން އިތުރު އިނާޔަތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓް އެއްގައި ނާސިންގް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން ނުވަތަ ޑިޕްލޮމާ އިން ކޮންވާޝަން އިން ނާސިންގް ކޯސް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.

އެންރޯލްޑް ނަރުހެއް ކޮންވާޝަން އިން ނާސިންގް ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން ދެ އަހަރު އެންރޯލްޑް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ އެދޭ ފަރާތްތަކުން، ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ 13:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ 600 ނަރުހުން ހޯދަން އިއުލާނުކޮށްފައެެ. އެ އިއުލާނަށް ކުރިމަތިލީ 15 މީހަކު ކަމަށް އެ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަންވެސް އިއުލާނުކޮށްފައެވެ.
ހިޔާލު