Varah Loabivey Episode 22
image
ވަރަށްލޯބިވޭ
2 ކޮމެންޓް
ފުނަމާ
 

ވަރަށްލޯބިވޭ

22 ވަނަބައި dhi2
ކާއިނާތުގެ ހަމަހިމޭންކަމެވެ. ކުދިކުދި ވިލާކޮޅުތައް އުޑުމަތީގައި ދަތުރުކުރަމުންދިޔައެވެ. ގަސްތަކަށް އެޅިފައިވާ އަލިކަމަކީ ހަނދުގެ ނަލަދޯދިތަކެވެ. އިމްރާންގެ ފިކުރުތައް މެންދަމުގެ ރާނީއަށް އަޑުއިއްވަން ބޭނުމެވެ. ހިތުގެ އަޑު ލޯބިވާ އަނބިމީހާއަށް ބުނެދޭންވެސް ބޭނުމެވެ. ނަމަވެސް ވަށައިގެން ނުތަނަވަސްކަމެވެ. ހިތައް ވެރިވާ ސުވާލުތަކެވެ. އުނދަގޫކުރާ ޚިޔާލްތަކެކެވެ. ތަކުރާރުކޮށް ދިމާވަމުންދަނީ އެއްކަމެކެވެ. ތަފާތު ގޮތްތަކަށެވެ. ގަބޫލުކުރަން އުނދަގުލެވެ. ފެންނަ މަންޒަރު ލޮލަށް ސިފަވާގޮތް ބަދަލުކުރަން ބޭނުމެވެ. މެހެރްގެ ކޮޓަރިއަށް ވަންނަނީ ކާކު ހެއްޔެވެ؟ ކިހާދުވަހެއްވާންދެން ރާލިޔާއަށް އެކަން ސިއްރުކުރެވޭނެ ހެއްޔެވެ؟

ގޭތެރެއިން ރޭގަނޑު އިވޭ އަޑުތައް ރާލިޔާއަށް ފާހަގަނުކުރެވޭ ކަމަށްޓަކައި އަލްހަމްދުލިﷲއެވެ. އަލަމާރީގެ އެހެން ހުރިހާ ތަނެއް ބަންދުކޮށްފައި ބެހެއްޓުނަސް، މެހެރްއަށް މަނާހިލް ދީފައިވާ ތަކެތި ބަހައްޓާފައިހުންނަފަޅި އެއްގޮތަކަށްވެސް ބަނދުނުކުރެވުނެވެ. ޓޭޕް އަޅައިގެން ކަޅުކޮތަޅުން ބަންދުކޮށްފައި ހުއްނައިރުވެސް، ކޮންމެ ރެއަކު އަލިވިލޭއިރު އެހުންނަނީ އެތަން ހުޅުވާފައެވެ. ކޮތަޅުތައް ހަލާކެއްވެސް ނުކުރެއެވެ. ޓޭޕް ނައްޓައިގެން އެތަން ހުޅުވައިގެން އެތަކެއްޗާއި ކުޅެފައި ހުންނަކަން އިގެއެވެ. އެކޮޓަރީގެ ތަޅުދަނޑި މިހާރު އަބަދުވެސް އޮންނަނީ އިމްރާން އަތުގައެވެ. ރާލިޔާއަށް އެމަންޒަރު ދައްކަން އިމްރާން ބޭނުން ނުވާތީއެވެ.
މިރެއަކީ ހުކުރުވިލޭރެއެވެ. މާދަމާ އިމްރާން މަސައްކަތުދާކަށްވެސް ނުޖެހެއެވެ. ހިތްއެދެނީ ސިއްރު ދެނެގަތުމަށެވެ. އެކަން ކުރާގޮތެއް އެގެންބޭނުމެވެ. އެކި ރޭ އެކި ވަގުތުގައި ފާރަލައިފިއެވެ. ހަމަހިލާ، އެއިންކަމެއް ފެންނަވަރެއް ނުވިއެވެ.

****

"އަހަންނާއި ދިމާއަށް އެއްޗެއް ބުނެލާނެ ވަގުތެއްގެ ފުރުސަތަކަށް މަނާހިލް ބަލަބަލަ ހުންނަހެން ހީވަނީ" ރިދާ ހައިރާންވީއެވެ. މަނާހިލްއަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ. ހަމަހިމޭން މަޑުމައިތިރި މަނާހިލްއަށް ވީގޮތަކާއި މެދުގައި ވިސްނާލަން ރިދާއަށް މަޖުބޫރުވިއެވެ. ސާފުބަހުން ބުނެފިއެވެ.

"އުޅެން ބޭނުން ނުވަންޏާއި އަމިއްލައަށް ވަރިވެގެން ދާށެވެ" ރިދާއަށް އެނޫން މާނައެއް ނަގާނެ އެހެން ވިސްނުމެއް ސިކުނޑިއަށް ނުވެސް ގެނެވެއެވެ. މަނާހިލްގެ ހިތުގައި ރިދާއަށްޓަކައި ކުޑަވެސް ޖާގައެއް ނެތީހެއްޔެވެ؟ ހަމަހިލާ އެހެންވިޔަކަ ނުދޭނެއެވެ.

"އަހަންނަކީ މިގޭގައި ގެންގުޅޭ ނޯކަރުންނަށްވުރެވެސް އިހުތިރާމު ކުޑަވެފައިވާ މީހެއް.. މަށަށް އޯގާތެރި އެކަކުވެސް މިގޭގައި ނޫޅޭ.. މަނާހިލްގެ ބައްޕަ ނޫނީ" ބޮޑާހާކާލާފައި ރިދާ ބުނެލިއެވެ. ފެންކަޅިވެފައި ހުރެ، ބުނެލި ޖުމުލައިގެ އަސަރު ހިތާއި ހަމައަށް ވާސިލްވެއްޖެއެވެ. ނަމަވެސް މަނާހިލްގެ ކަނފަތުގެ ހިނދުރިއާއި ހަމައަށް އެއަޑު ދަތުރުކުރިކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ތެދެކެވެ. ނަޖާހު ސިންގަޕޫރުން އައީއްސުރެން ރިދާ އެހުންނަނީ ކުޑަކުއްޖެއްހެން ބޮޑާހާކާފައެވެ. އަގުބޮޑެތި ހަދިޔާތަކުން ނަޖާހުވަނީ ރިދާގެ ހިތް ފުރާލަދީފައެވެ. ލިބުނު ހަދިޔާތަކުގެ އަސަރު ކިތަންމެހާވެސް ވަރުގަދައެވެ.

"އަހަންނަކަށް ނޫޅެވޭނެ މަނާހިލްއާއި ނުލައެއް.. އަހަރެން ވަރަށް ލޯބިވޭ.. މިހިތުން އެހެންމީހަކަށް ލޯތްބެއް ނުދެން.. ނުވެސްދޭނަން.. އެހެން މީހަކަށް ދުވަހަކުވެސް ޖާގައެއް ނޯންނާނެ.. ވަރަށް ލޯބިވާތީ މަނާހިލްގެ ނޭވާގެ އަޑު ނީވޭ ހިސާބަކަށް ދާންވެސް ބޭނުންނުވަނީ" ރިދާގެ ރާގުބަދަލުކުރަން މިއުޒިކުގެ އިތުރު އަޑުތަކެއް ބޭނުމެއްވެސް ނުވެއެވެ. އެއްވާނަކަށް ކުރަމުންދާ ޝަކުވާތަކުގެ އަޑު މިވަގުތު ރިދާގެ ހަނދާނުގައި ހުރިހެން ހިއެއްވެސް ނުވެއެވެ. ހިތައް އެރި ވަގުތަކު ފިރިމީހާގެ ގަދަރުކުޑަކޮށްލައެވެ. ރިދާ ބޭނުންވުމުން މަނާހިލްއަކީ ދުނިޔޭގައި ނެއްވަރުގެ މާތް، ލޯބި ފިރިއަކަށް ބަދަލުކޮށްލައެވެ. އަޑުއިވޭކަމަށް ނުހެދިޔަސް، ދާދި ގާތުގައި އޮވެގެން ރިދާ ކުޅެމުންދިޔަ މިއުޒިކުގެ އަޑުތައް މަނާހިލްގެ ހިތުގެ ކަނެއްގައި ފުނިޖައްސަމުންދިޔައެވެ. ރިދާ ދެއްކި ވާހަކަތަކަށް މަނާހިލް އެއްޗެއް ނުބުނީ އެވާހަކަތަކުގެ ހަގީގަތް އެގޭތީއެވެ. ކިތައް މީހުންނާއެކު ރިދާ ލޯބީގެ ގުޅުން ހިންގާފައިވާކަން ޔަގީންކޮށް އަދަދު ނޭގުނަސް، އެކަމުގެ މައުލޫމާތު މަނާހިލްގެ ކިބައިގައި ހުރީތީއެވެ. އެހެންމީހުންނަން ނުވަތަ މީހަކަށް، ރިދާ ލޯބިދީފައި ހުރި މިންވަރު މަނާހިލްވަނީ ތަޖުރިބާ ކޮށްފައެވެ. ދެރަކަމަކީ އެކަންކަން ފާހަގަކުރިކަން ރިދާއަށް ނޭގި އޮތުމެވެ.

"އެންމެ ފަހަރަކުވެސް ނުބުނާނަންތަ؟" ރިދާ މަސައްކަތްކުރީ މަނާހިލްއާއި ގާތްވުމަށެވެ. ހިތްއެދޭ އެންމެ އުހަށް މިވަގުތު ދަތުރުކޮށްލުމަށެވެ.

"ކޯންޗެއް؟" މަނާހިލްގެ ސުވާލު ދުލުން ހާމަނުކުރިޔަސް، ދެލޮލުގެ އިޝާރާތުންވެސް ބުނެދިނެވެ.

"ބުނެބަލަ! ބުނެބަލަ އަހަރެންދެކެ ވަރަށް ލޯބިވެޔޭ.. ރިދާ ނޫން އެހެން އަންހެނަކަށް ތިހިތުގައި ޖާގައެއް ނޯންނާނެޔޭ.. ބުނެބަލަ ތިހިތުގެ އެންމެ މާތް ގަދަރު ރިދާއަށް ނޫނީ ހައްގެއް ނޫނޭ"

ރިދާގެ ހިތުގައި އޮތްގޮތަށް މަނާހިލްގެ ދުލުން ބުނުވަން ރިދާ ނުހަނު ބޭނުމެވެ. ރިދާއަށް ތައުރީފުކޮށް މަނާހިލްގެ ދުލުން ލޯބި ލަފުޒުތައް އަޑުއަހަން ރިދާ ވަރަށް ބޭނުމެވެ. ނަމަވެސް އެފަދަ އަޑެއް އިވުމުގެ ފުރުސަތު ނުލިބި އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. އެހުރިހާ ކަމެއް ރިދާ އަޅުވަނީ މެހެރްގެ ބޮލުގައެވެ. ދުނިޔޭގައި ނެތަސް، މެހެރްގެ ނުފޫޒު މަނާހިލްއަށް ފޯރާފައިވާކަމަށް ރިދާ ގަބޫލުކުރެއެވެ. ދުލުން ބަހެއް ނުބުންޏަސް، ހިނިތުންވުމެއް މަނާހިލް ރިދާއަށް ހަދިޔާކޮށްލިއެވެ. ސާފު ހިތެއް ލިބިފައިވާތީ މައާފުކުރުމުގެ ރީތި ސިފަ މަނާހިލްގެ ކިބައިގައި އެބަހުއްޓެވެ. އެއީ މައިންބަފައިންގެ ފަރާތުން ވާރުތަކުރި ސިފައެއްކަމެއް ނުވަތަ ލިބުނު ލޯބިވެރިއެއްގެ ކިބައިން ދަސްވި، އަގުހުރި ފިލާވަޅެއް ކަމެއް ބުނެދޭން މަނާހިލްއަށް އުނދަގުލެވެ.

އިހާނެތިކޮށް ރިދާ އަމަލުކޮށްފައިވިޔަސް، އެއީ މަނާހިލްގެ އަނބިމީހާއެވެ. އެކަމަށް އަދި ބަދަލެއް ނާދެއެވެ. މަނާހިލްއަށް އެނގިގެން އެކަމަށް ބުރުލެއް އަރާފަދަ ކުށެއްވެސް އޭނާ ނުކުރެއެވެ. ފެންނަފެނުމަށް ރިދާ އެވަނީ ފިރިމީހާގެ ލޯތްބަށް ކަރުހިއްކައިގެންފައެވެ. އެކަމަށް ފުރަގަސްދިނުމަކީ އަނިޔާވެރިވުމެއްކަމަށް މަނާހިލްއަށް ގަބޫލުކުރެވެއެވެ. ކުރަން އިން މަސައްކަތް އެއްފަރާތްކޮށްލިއެވެ. ރިދާގެ ހަށިގަނޑުގައި މަނާހިލްގެ ދެއަތް ވަށައިލިއެވެ.

"މިހާވަރަށް ދެމީހުން ޑިސްޓަންސްވާންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ.. އަހަރެންގެ ފަރާތުން ލިބޭ ލޯބި އުނިވަންޏާއި، އެކަން ފޫބައްދައް މަނާހިލް މަސައްކަތްނުކުރަނީ ކީއްވެ؟" ވަރަށް އަސަރާއެކު ރިދާ އަހައިލިއެވެ.

"ޑިސްޓަންސްތަ؟ މިއަށްވުރެން ގާތްވީމައި ދެން، އެހެން ގޮތެއްވާނީ ދޯ" ލާނެއް ގޮތަކަށް މަނާހިލް ބުނެލިއެވެ. ރިދާ އަޑުއަހަން ބޭނުންވި ލަފުޒު މަނާހިލްގެ ދުލުން ހާމައެއް ނުކުރިއެވެ. ނަމަވެސް މިވަގުތަށް އެވަރުވެސް ފުދެއެވެ.

****

ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮފީތަށި ބަހައްޓާލިއެވެ. އެއީ މިރޭގެ ތިންވަނަ ކޮފީތައްޓެވެ. ފޯނުގެ ސްކްރީން ދިއްލާލުމަށްފަހު އިމްރާންބަލައިލީ ގަޑިއެވެ. ތިންގަޑި ބައިވަނީއެވެ. ދެކޮޅުން ދެކޮޅަށް ހިނގައިހިނގައި ވާޅުވެއްޖެއެވެ. ތިރީގައި މަޑުކުރެވޭކަށް ނެތެވެ. ރާލިޔާއަށް ހޭލެވިއްޖެއްޔާ މާގިނަ ސުވާލުތައް ކުރާނެއެވެ. ޓެރަސްގައި މަޑުކުރުމުން ލިބޭ ހިތްހަމަޖެހުންވެސް ބޮޑީއެވެ. ސާފުވައި ލިބި، ގުދުރަތީ ރީތިކަންވެސް ފުރިހަމައަށް ފެންނާތީއެވެ. ބިރުވެރިކަން ހިތާއި ދުރައްލާން ފަސޭހައީއެވެ. ކޮފީތަށި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައި އިމްރާންގެ ދެފައި ބާއްވައިލައިގެން ގޮނޑީގައި ރަގަޅަށް ހަމަޖެހިލިއެވެ. ނިދީގެ އަސަރެއް ފާހަގަނުކުރެވުނަސް، ޔަގީނުންވެސް ހަށިގަނޑު ލޮޑުވެއްޖެއެވެ.
ވައިރޯޅީގެ މަޑުމަޑު ބީހުން އިމްރާންގެ ހަށިގަނޑަށް ތާޒާކަން ގެނުވަންފަށައިފިއެވެ. ފަތިހަކާއި ދިމާއަށް ހަނދުގެ މިސްރާބު ބަދަލުކުރުމުން ވައިރޯޅިވެސް އެއުފަލުގައި ބައިވެރިވީއެވެ. އެސްފިޔަތައް ތިރިކޮށްލެވުނީ ނޭގުމެއްގައެވެ.

"ލޯބިވާ ބައްޕާ..! ތިޔަ ގޮނޑީގައި ބައްޕައަށް އެއްވެސް އަރާމެއް ނެތް.. މަންމަ ގާތުގައި އޮވެ، ނިދާލަން ބައްޕަ ތެދުވޭ.. ބައްޕަގެ މި ދަރިފުޅަށް ފާރަލުމަށް ރޭގަނޑުގެ އަރާމުނިދިން މަހުރޫމުކުރާން، މިދަރިފުޅު ބޭނުމެއްނޫން.. އެކަމަކު ބައްޕާ! މަނާހިލްގެ ހަނދާންތަކާއި ދުރައް އެންމެ ހިނދުކޮޅަކަށްވެސް ނުދެވޭނެ.. އަލަމާރީގެ އެބައި ބަނދުނުކޮށް ބެހެއްޓޭނެ ގޮތެއް އަޅުގަނޑަށް ބައްޕަ ހަމަޖައްސައިދެއްވާ"

އިމްރާންގެ ދެފައި މޭޒުމަތީން ދަމައިގަތެވެ. ދެލޯބޮޑުކޮށްފައި ވަށައިގެން ހޯދަން ފެށިއެވެ. ހަތަރެސްފައިގެ އިސްތަށިތައް ކޮޅަށްޖެހުނެވެ. އެއީ ކާކުހެއްޔެވެ؟ ނިދީން ހޭލަން، އިމްރާންއަށް ވަގުތުބޭނުންވިއެވެ. ކަންފަތުގައި އަދިވެސް އެއަޑު އެބަހުއްޓެވެ. ވިސްނާލިއެވެ. ހަގީގަތުގައިވެސް ނިދުނީ ހެއްޔެވެ؟ ކޮން އިރަކު ހެއްޔެވެ؟ ގަޑިއަށް ބަލައިލިއެވެ. ތިންގަޑި ސާޅީސްނުވެއެވެ. އިމްރާންއަކީ އެތިކޮޅުކޮޅަށް ނިދާ މީހެއްނޫނެވެ. ނަމަވެސް ދެންމެ ހިނގާދިޔަ ކަންތަކާއިމެދު ވިސްނާލެވުނެވެ. ނިދުނީއެވެ. ފެނުނީ ހުވަފެނެކެވެ. އިވުނީ މެހެރްގެ އަޑެވެ. އެއީ އަބަދު އިމްރާންގެ ހިތުގައި އެކަން އެގޮތަށް އޮންނާތީ ހީވިގޮތެކެވެ.

ދެފަރާތަކަށް ބޯހޫރާލުމަށްފަހު އާފުރެލަމުން މޯޅިއަކަށް ދެމިލިއެވެ. ހުސްވެފައި ހުރި ކޮފީތަށި ހިފައިގެން އިމްރާން ހިނގައިގަތެވެ. ތިރިއަށް ފޭބުމަށެވެ. ފަނޑުއަލިކަމުގެ ތެރެއިން މެހެރްގެ ދިގު، ހުދު ހެދުން ވައިރޯޅިއާއެކު ހެލިލިއެވެ. ނިއުޅާލެވިފައި އޮތް އިސްތަށިތައް ވައިގެތެރޭގައި ވިހުރެލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ބައްޕައަށް ބަލަން މެހެރްގެ ރޫހު އެހުރީ އިމްރާން އިށީންދެ އިން ގޮނޑިއާއި ޖެހިގެންނެވެ.

"ވަރަށް ލޯބިވޭ ބައްޕާ" މެހެރްގެ ހަމަހިމޭން އަޑު ޓެރަސްގައި ރަނިކަން ކޮށްލިއެވެ. ގިސްލުމުގެ އަޑެއް ނީވުނަސް، އެއީ ހިތާމަވެރި ބުނެލުމެކެވެ.


މުޅިން އައުދުވަހެއްގެ އައު ފެށުމެކެވެ. ދުވަހުގެ އަލިކަމަށް ދޮންވެ، ކުލަވަރު އަލިކުރަމުންއައި އިރުގެ ފުރިހަމަކަމުން، ކައުނު ބަބުޅަން ފަށައިފިއެވެ. ގަސްތަކުގެ ހިޔާވަހިކަމުގައި ދޫނިސޫފާސޫފި އެސޮރުމެންގެ ޒިންމާތައް އުފުލަންފަށައިފިއެވެ. ތަހުނިޔާގެ ރާގުތަކުން އެކުވެރިންނާއި އަވަށްޓެރީންގެ ދުވަސްފެށުމަށް އުޖާލާކަން ގެނުވައިދީފިއެވެ. ހަމަހިމޭންވެފައިވާ ކަނޑުގެ ލޮނުގަނޑުގެ ހިތްގައިމު ވަސް، އަތިރިމަތީގެ ފިނިމައިޒާންތަކާއި ހަމައަށް ވާސިލްވެއްޖެއެވެ. ހެނދުނުގެ ކޮއްތު ހޯދުމަށް ވާލާއި ކާޅުގެ މަސައްކަތްފެށީ، އިންސާނުންގެ ހަލަބޮލިކަން ޔަގީންކޮށްފައެވެ.

ނަޖާހު މާލެއައުމަށްފަހު، ކޮންމެ ދުވަހެއްގެ ފަތިހު، ލޫސިޔާ ގޮވައިގެން ހިނގާލަން ދިއުމަކީ މުޅިން އަލަށް އޭނާގެ ތާވަލަށް އިތުރުކުރި ނުކުތާއެކެވެ. ގެންގުޅޭ އަސާގަނޑުގެ ބަދަލުގައި ފިރިމީހާގެ އަތުގެ ހިމާޔަތް ލިބުމަކީ ލޫސިޔާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ނެތް ދުވަސްތަކުގެ ޝަކުވާއިން ނަޖާހުއަށް ތުރާކުރިއެވެ. ނަމަވެސް އެ އިހުސާސްތަކަށް މިއަދު ލޫސިޔާގެ ސިކުނޑީގައި ޖާގައެއްނެތެވެ. ހަތިޔާރުބަހައްޓާފައި އަމާންދޭންޖެހޭނީ އަންހެނުންނަށެވެ. އެއީ މުޖުތަމައުގައި އެކަން އޮތްގޮތެވެ. ބޮލަށް އުދަގޫވާ ކޮންމެ ހާލަތެއްގައި ބާރަށް ދޮރުލައްޕާފައި ގެއިން ނިކުތުމަކީ ފިރިހެނުންނަށް ނިކަން ފަސޭހަކަމެކެވެ. ސިކުނޑިން ކަންކަން ހައްލުކުރަންތިބީ ވިސްނޭ އަންހެނުންނެވެ. ލޫސިޔާގެ ބަލިކަށި ސިކުނޑިއަށް ކާނާ އަޅައިދިނީ ލޯބިވާ ދަރިފުޅެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާއިން މަންމައަށް، ބައްޕަގެ ލޯބި ހާސިލްކޮށްދިނުމަކީ މަނާހިލްއަށް ލިބޭ ފަޚުރެކެވެ.

މާލެއާއި ހުޅުލެއާއި ދެމެދު ދަތުރުކުރާ ފެރީތަކުގެ ހަރަކާތްތަކަށް ބަލަން، އެތަނުގައި މަޑުކޮށްލައިފި މީހަކު އަންތަރީސްކުރުވާނެއެވެ. އެއަށްވުރެން ފަސޭހަގޮތްތަކެއް އެކަމަށް ހޯދުމަށް، އެމީހެއްގެ ސިކުނޑިއާއި ހަވާލުވެސް ކުރާނެއެވެ. އެއީ ލޫސިޔާއާއި ނަޖާހު ހިއްސާކުރާ މައްސަލައެކެވެ. ނަމަވެސް މިއަދު ދެމަފިރިންގެ މައުލޫއު ބަދަލުކުރަން ޖެހިއްޖެއެވެ. ދުވަސްތަކެއް މާޒީއާއެކުވެއްޖެއެވެ. ހިނގާދިޔަ އެތައް ހާދިސާތަކެއް ފަސްލެވިއްޖެއެވެ. އެތައް ހަނދާންތަކެއް ސިކުނޑިތަކުން ނެރި، ބޭރުކުރެވިއްޖެއެވެ. ލިބުނު އެތައް ވޭންތަކެއް ހިތްތައް ތަހަންމަލްކޮށް ލުއިކޮށްފިއެވެ.

މަޑު ހިނގުމުގައި އަނބިމީހާގެ އަތުގައި ހިފާލައިގެން ލަސް ފިޔަވަޅުތަކެއް ގުނަމުންދިޔަ، ނަޖާހުގެ ސަމާލުކަން އެހެން މިސްރާބަކަށް ހުއްޓުނެވެ. ހިނިތުންވުން ފިލައި ހިގައްޖެއެވެ. ރާޅުތަކުގެ އޮއެވަރު ބަދަލުކޮށްލިއެވެ. އިމްރާންއާއި ރާލިޔާގެ ލޯބި ފެންނަން އެހުރީ ދިރިހުރި ރަމްޒެއްގެ ގޮތުގައެވެ. ދެމަފިރިންގެ ފުރިހަމަ ސިއްހަތު، ނަޖާހުގެ ހިތައް ތަދުކޮށްލިއެވެ. ދަތްދޮޅިތިރިކޮށްލަމުން ނަޖާހުއަށް ބަލައިލެވުނީ ކޮރުޖަހަމުން ފިޔަވަޅުނަގަމުންދިޔަ، ލޫސިޔާއަށެވެ. ރީތިކަމަށް އަބަދު ދައުވާކުރި ލޫސިޔާގެ ސިފައަށެވެ. އެއްވަރަކަށް މަޑުމަޑު ދުވުމެއްގައި އެއްހަމައެއްގައި އިމްރާންއާއި ރާލިޔާ އެއަންނަނީ ނަޖާހުމެންނާއި ދިމާއަށެވެ. ކުރެވުނު މަލާމާތް ކުރިމަތީގައި އެނބުރިގަތެވެ. ބުނެވުނު ދެރަބަސްތައް ކަންފަތުގައި ގުގުމަން ފެށިއެވެ. ފެންނަ ފެނުމަށް އެދެމަފިރިންގެ ސިއްހަތު މާރަގަޅެވެ.

"އަނހަ.. ހާދަ ދުވަހެއް ކޮށްފައޭ މި ދިމާވީ! ހާލުކޮޅު ކިހިނެއްތޯ؟" ރާލިޔާގެ އޯގާތެރި އަޑެވެ. ބަސްބުނަން އިސްނެގީވެސް ރާލިޔާއެވެ. ލޫސިޔާއާއި އެހައި ގާތަށް އެމީހުން އައިއިރުވެސް ލޫސިޔާއަށް އެމީހުން ފާހަގަނުކުރެވުނެވެ. ކަސްރަތަށް ޚާއްސަ ހެދުމެއްގައި ރާލިޔާ ހުރުމުން ނޭގުނީއެވެ. ލިބުނު މަރުހަބާއަށް އިޖާބަދިނުމަށްވުރެން ލޫސިޔާއަށް މުހިއްމުވީ ރާލިޔާގެ ރީތި ހަށިގަނޑަށް ބަލާލުމެވެ. ހަސަދަވެރިކަމާއެކުއެވެ.

"މަގެއްގެ މަތީންވެސް ނުފެނޭ މިހާރަކު.. އަހަރުމެން ވަރަށް ރަގަޅު.. އިމްރާންމެން ކިހިނެއް؟" އާދައިގެ ގޮތަކަށް ނަޖާހު ބުނެލިއެވެ. ރަގަޅޭ ބުނެލިއިރުވެސް ލޫސިޔާގެ ކޮރުޖެހުން އެމީހުންނަށް ފެންނާނެކަން އިގެއެވެ. ތަފުސީލުކޮށްނުދިނަސް، ދެފަރާތުގެ ހާލަތު އެއޮތީ ފެންނާށެވެ. އުއްމީދުނުކުރި ބައްދަލުވުމަކުން މެހެރްގެ ހަނދާންތައް އަނެއްކާވެސް ލޫސިޔާއާއި ގާތްވީއެވެ.

މެންދަންވެ، ރޭ ދެބައިވެއްޖެއެވެ. މަނާހިލްގެ ލޮލަކަށް ނިންޖެއް ނައެވެ. މޭމަތީގައި ބޯއަޅައިލައިގެން ރިދާއޮތީ އަރާމުނިންޖެއްގައެވެ.

-- ނުނިމޭ --
13 މެއި 2018
ވަރަށްލޯބިވޭ
8 މެއި 2018
ވަރަށްލޯބިވޭ
6 މެއި 2018
ވަރަށްލޯބިވޭ
29 އޭޕްރީލް 2018
ވަރަށްލޯބިވޭ
ހިޔާލު

ފަޒީ

ޙުސް އެކައްޗެއް. ވަރަށް ފޫހި

ނާނިޖާން

ހާދަ ފޫއްސޭ. ޢަބަދު އެކައްޗެއް ތަފާތު ކަމެއް ނުހިނގާ. ބޭކާރު ވާހަކަތައްވެސް މާ ގިނައީ. ވާހަކަ ޝައުގުވެރި ކޮށްލަބަ.