Varah Loabivey Episode 23
image
ވަރަށްލޯބިވޭ
4 ކޮމެންޓް
ފުނަމާ
 

ވަރަށްލޯބިވޭ

23 ވަނަބައި Dhiraagu
ނިދުމުގެކުރީން ކުޑަދޮރު ހުޅުވާލުމަކީ މިހާރަކަށް އައިސް، ރިދާގެ އާދައެކެވެ. އެކަން ނުކޮށް ލޮލަށް ނިދިއަންނަކަމަށްވެސް ނުވެއެވެ. އެއާކޯނުގެ ފިނިކަމުގައިވެސް ދޮރުހުޅުވަން ބޭނުންވަނީއެވެ. ބޮޑަކަށް ނޫނެވެ. ކިރިޔަކިރިޔާ ދުރުކޮށްލާފައެވެ. ރިދާ ބޭނުންވެގެންކުރާކަމަކަށް އެއްޗެއް ބުނެފިނަމަ ހިތްހަމަނުޖެހޭނެއެވެ. ޝަކުވާކުރާނެއެވެ. ރޯނެއެވެ. ކޮންމެކަމަކާއި މަނާހިލް ދެކޮޅުހަދާތީއެވެ. ކޮންމެއަކަސް، ދޮރުހުޅުވުމުގެ ކަންތަކުގައި ކިތަންމެ ބޮލަށް އުދަގޫވިޔަސް މަނާހިލް ނިންމާފައިވަނީ އެއްޗެއް ނުބުނުމަށެވެ.

ހެނދުނު އޮފީހަށްދާންޖެހެއެވެ. ނިދާލުން މުހިއްމެވެ. ހަށިގަނޑު ލޮޑުވެއްޖެއެވެ. ހަމަޖެހިލުމަށް ހަރަކާތްކޮށްލި ވަގުތެވެ. ދޮރުފޮތިގަނޑު ވިހުރިގަތީ ވަރަށް މައްޗަށެވެ. އެމަންޒަރު ރިދާއަށް ފެނުނުނަމަ، ބިރު ގަންނާނެއެވެ. ނިއްކުރިއަށް ރޫއަރުވާލާފައި މަނާހިލް ބަލައިލިއެވެ. އަޖައިބުވެ އަންތަރީސްވާވަރެވެ. ގަދަވައިގެ އަސަރެއް ނެތެވެ. ނިދިފައި އޮތް ރިދާގެ ކަނދުރާ ދަށަށް ބާލީސް ލައްވައިލިއެވެ. މަނާހިލް ތެދުވާންވެގެންނެވެ. ބޮލަށް އެނބުރުންއެރީ ކުއްލިއަކަށެވެ. ފުއްކިބައިގައި އެއްޗަކުން ޖެހިހެން ހީވިއެވެ.

****

"ވަރަށް ދުވަސްވެއްޖެ އެއްވެސް ތާކަށް ނުގޮސް.. ހިނގާބަލަ ކޮންމެސް ރިސޯޓަކަށްދާން.. ގިނަދުވަސްތަކަކަށްނޫނޭ.. އޮންލީ ޓޫ ނައިޓްސް" ލޫސިޔާ ބޭނުންވި ގޮތް ފިރިމީހާއަށް ހުށަހެޅިއެވެ. ނަޖާހު ދެކޮޅެއް ނުހެދިއެވެ. ދެދުވަހެއްތެރޭގައި ކަންކަން ހަމަޖައްސާލާފައި ލޫސިޔާ ގޮވައިގެން ދާނެކަމަށް ވައުދުވިއެވެ.

ދުވާލުގެ ގިނަވަގުތާއި ރޭގަނޑުން ބައެއް، ނަޖާހު ހޭދަކުރަނީ ގެއިން ބޭރުގައެވެ. މަސައްކަތްތަކާއި ގުޅުންހުރި އެކި ކަންކަމުގައެވެ. ދެމަފިރީން އެކުގައި ހޭދަކުރެވޭ ވަގުތުތައް މަދުވެފައިވަނީ ލޫސިޔާއަށް މިހާރު ނަޖާހުއާއެކު ބޭރަށް ދިއުމަށް ފަސޭހަނުވާތީއެވެ. ކުރިއަށްވުރެން ފައިގެ ރިހުންވެސް މިހާރު މަޑެވެ. އަސާގަނޑުގެ އެހީއާއި ނުލައި މަޑުމަޑުން ހިނގާލާފައި އުޅެން މިހާރަކު އުދަގުލެއްނޫނެވެ. ނަމަވެސް އަރާމުކުރުން މުހިއްމުކަމަށްބުނެފައި ނަޖާހުދަނީ އެކަންޏެވެ.

"އަހަރެން ބޭނުން މިހާރަށްވުރެން ގިނަވަގުތު ނަޖާހުއާއެކު ހޭދަކުރަން.. މީޓިންތަކަށް ދާއިރުވެސް ކުރިއެކޭ އެއްގޮތަށް އަހަރެން ގެންދެބަލަ" ލޫސިޔާ ވަރަށް ބޭނުންކަމެކެވެ. ހުރިހާ ވަގުތެއްގައި ފިރިމީހާއާއެކު ހޭދަކުރުމަކީ މިވަގުތަށް ލޫސިޔާގެ ހިތް އެދޭގޮތެވެ. ނަޖާހަކީ ރީތި ފިރިހެނެކެވެ. އެއުމުރުގައިވެސް އޭނާއަށް އުނދަގުލެއްނެތި ބޭނުން އަންހެނަކު ލިބިދާނެއެވެ. އަތުން ބީވުމަކަށް ލޫސިޔާއަށް ކެތެއްނުވާނެއެވެ.

"ހުރިހާ ތާކަށް ގެންދަން ފަސޭހައެއް ނޫން.. މުހިއްމުކަމެއް އޮތިއްޔާ ގެންދާނަން.." ނަޖާހުގެ ޖަވާބުކުރެވެ.

"މިރޭ އަހަރެން ވަރަށް ލަދުގަތް.. އަހަރެންގެ ހާލަތު ހިތައް ގެނެވުނީ މިރޭ ކަންނޭގެ! ރާލިޔާ ހާދަރީއްޗޭ.. ދެމަފިރިން އެއުޅެނީ ހާދަލޯބީންނޭ.. ކޮންމެ ބައްދަލުވުމަކަށް އެދަނީ ދެމީހުންއެކުގައި.. ކުރިއަށްވުރެން ބޮޑަށް އިމްރާން އެހުންނަނީ ރާލިޔާ، ޝާމިލްކޮށްފައި.. ހުރިހާ ޑިޒިޝަނެއް މޭކްކުރަނީ ރާލިޔާ! ކިހައިލޯބި.. އަހަރެންވެސް ބޭނުމީ އެގޮތް.. އެކަހަލަ ބާރެއް.. އެވަރުގެ އިތުބާރެއް.. އަންހެނުންނަކީ ގޮތް ނިންމަން ދަންނަ، ވިސްނުން ތޫނު ބައެއް.. އޭގެ ހެއްކެއް އެމީހުންގެ ވިޔަފާރިއަކީ.. ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުރުން ރިސޯޓް ވިޔަފާރިއަށް މިހާރު އެވަނީ.. ދުވަސްކޮޅަކުން އަހަރުމެންނަށްވުރެން ކުރީގައި ކަންނޭގެ އެމީހުން އުޅޭނީ"

ލޫސިޔާގެ ހިތުގައި ފިތުނައިގެ އަލިފާން ރޯވެފައިވަނީ ނިއްވާލަން އުނދަގޫ މިންވަރަށެވެ. މިރޭ ދެމަފިރިން އެއައީ ބައްދަލުވުމެއްގައި ބައިވެރިވެފައެވެ. ދުވަސްތަކަކަށްފަހު މުއްސަދި ގިނަބަޔަކާއި ބައްދަލުވެއްޖެއެވެ. މާޒީގެ ދުވަސްތައް އަތުޖެހޭފަށަށް މިރޭ ގެނެވުނެވެ.
ލޫސިޔާ ދެއްކިވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންވެސް ނުވަތަ ދެބަސްވުމަށްވެސް ނަޖާހު އެއްޗެއް ނުބުންޏެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ!" ފިރިމީހާގެ މޫނަށް ބަލައިލަމުން ލޫސިޔާ ބުނެލިއެވެ.

"އަހަރެން ވިސްނާނަން" ނަޖާހު ބުނެލިއެވެ. ނިދިބަރު އަޑެކެވެ. ބާލީހުގައި ހަމަޖެހިލީ ލޫސިޔާވެސް ނިދާލުމަށެވެ. ވަރަށް ސިއްރުން އެވަގުތު ސިކުނޑި އެއްޗެއް ބުނެލިހެން ހީވިއެވެ. ނުވަތަ ކުރީން ހަނދާންނެތިފައި އޮތްކަމެއް ހަނދާންވީއެވެ.

"ޒިވާ ނިމާލް..؟؟؟!!!" ވަރަށް މަޑުމަޑުން ލޫސިޔާއަށް ބުނެލެވުނެވެ. ވިސްނާލަން ވަގުތުކޮޅެއް ބޭނުންވިއެވެ. ލޫސިޔާއަށް އެމީހެއްގެ ތަފުސީލެއް ނޭގުނީ ކީއްވެހެއްޔެވެ؟ މޫނުމަތީގެ ކުލަވަރު މުޅީން ތަފާތުވިއެވެ.

"ސިންގަޕޫރު ލިޔުންތަކުގައި ސޮއިކޮށްފައި އޮތީ ކާކު؟" ލޫސިޔާ ސުވާލުކޮށްލިއެވެ. ޖަވާބެއް ނުލިބުމުން ފިރިމީހާގެ މޫނަށް ބަލައިލާން މަޖުބޫރުވިއެވެ. ވީފޫއްސަކުން ޗޮކެއްކަނޑައިލެވުނީ އިޚްތިޔާރަކު ނޫނެވެ.
އެހައި އަވަހަށް މީހުންނަށް ނިދޭ ހެއްޔެވެ؟ ނަޖާހު އެއޮތީ ގަދަޔަށް ނިދާފައެވެ. ހަމަދެންމެވެސް ވާހަކަދެއްކިއެވެ. ލޫސިޔާ ފެންކަޅިވީ ހިތައް އަސަރުކުރީމައެވެ.

****
"މަނާހިލް..! މައި ކިންގް!" ކޮޓަރިތެރޭގައި ހަމަހިމޭންކަމާއެކު އެއަޑު ގުގުމާލިއެވެ.

ބިރުވެރި އަޑެއް ނޫނެވެ. ނަމަވެސް ގައިގެ ލޯލިތައް ކިޔަމަންނުވިއެވެ. މެހެރްގެ ޖާދޫވީއަޑު މަނާހިލްގެ އެންމެ ހިމަނާރުގައިވެސް މިއުޒިކެއް ކުޅެލައިފިއެވެ. ހުދުކުލައިގެ ލޭސް ދޮރުފޮތިގަނޑު ވިހުރެލައިފިއެވެ. އިޝަރާތެއްގެ ގޮތުގައެވެ. ލިބުނު ދައުވަތައް އިންކާރުކުރާނެ ބާރެއް މަނާހިލްއަށް ލިބިގެން ނުވެއެވެ. ވެރިމީހާއަށް ކިޔަމަންތެރި އަޅެއް ފަދައިން މަނާހިލް ތެދުވިއެވެ. ހަށިގަނޑަށް ލޮޅުމެއްވެސް އަރުވާނުލައެވެ. ޖެހިކައްޓެއްހެން މީހާ އެހުރީ ކޮޅަށެވެ. އަމިއްލަ ބާރެއްނެތެވެ. މޫނުމަތީގައި ލޯބީގެ އަސަރުތައް އުތުރެނީއެވެ. ޖަޒުބާތުތަކަކުން ހިތް ނަށަނީއެވެ. ދެއަތް އުފުލާލީ މީހެއްގެ އިޝާރަތަކަށެވެ.

ފާއިތުވީ ހިނދުކޮޅެކެވެ. މެހެރް އެހުރީ މަނާހިލްގެ އަތުގެ ތެރޭގައެވެ. ދެހަށިގަނޑު ފެންނަނީ އެއްހިޔައްޏެއް ފަދައިންނެވެ. އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު އެ ބައްދާލުމުން ހާމަވިއެވެ. މިވަގުތު ދެލޯބިވެރިންނަށް އެއްވެސް ހުރަހެއްނެތެވެ. މެހެރްގެ ބާރުގައި ބޭނުންއިރަކު މަނާހިލް ގެންގުޅެވޭނެއެވެ. ބޭނުންވަރަކަށް ލޯބިކުރުމަށް މެހެރްއަށް ކުޑަވެސް ހުރަހެއް ނެތެވެ. ރިދާގެ ނިދީން އޭނާއަށް ހޭލެވުމަކީ މިވަގުތު ނާދިރު ކަމެކެވެ. ޒަމާންތަކެއްވަންދެން ބައްދަލުނުވެތިބި ދެލޯބިވެރިޔަކުވެސް އެފަދަ ބާރުގަދަ ލޯތްބަކުން ލައްޒަތެއް ލިބިގަންނާނީ މަދުހާލަތެއްގައެވެ.

މޫސުންބަދަލުވެ އިޝްގުގެ ރާޅުތައް މައިތިރިވެއްޖެއެވެ. ހަނދާނަށް އަންނަނީ ކަޅު މާޒީއެކެވެ. ސިއްރުކުރަން މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. މާޒީއާއި ބެހޭގޮތުން މަނާހިލްގެ ކުޑަވެސް ސުވާލެއް ނާދެއެވެ. އެފަދަ ޚިޔާލެއްވެސް ނުގެންގުޅެއެވެ. ރިދާގެ ވިސްނުމަށްއައީ ދެގޮތެކެވެ. އެއްގޮތަކީ މާޒީއަކީ މަނާހިލްއަށް މައްސަލައަކަށް ނުވަނީއެވެ. އަނެއްގޮތަކީ ކޮންމެ ގޮތެއް މަނާހިލްއަށް ވަރިހަމައީއެވެ. ދެގޮތުންކުރެ ކޮންމެގޮތެއްވެސް ރިދާއަށް އެންމެރަގަޅެވެ. އޭނާ އެހުރީ އެގޮތާއި ރުހިގެންނެވެ. ރަގަޅީ ދުވަހަކުވެސް އެއިންކަމަކާއިމެދުގައި މަނާހިލް ސުވާލެއް ނުކުރިއްޔާއެވެ.

ހަމަޖެހިގެން ދިރިހުރުމަށް، ލޯތްބަށްވުރެން މޮޅުކާނާއެއް ނެތްކަން ރިދާ ގަބޫލުކޮށްފިއެވެ. އެއީ ލިބެން ނެތް ވަގުތެއްގައި ޖަހައިގަނެގެންވެސް ހޯދަން މަޖުބޫރު އިހުސާސެކެވެ. އިހުސާސެއް ނެތްނަމަ، އެކްޓްކޮށްގެންވެސް އެކަން ދައްކަންޖެހޭކަމަށް ރިދާ ގަބޫލުކުރެއެވެ. މެހެރްގެ އަތުން މަނާހިލް ޖަހައިގަތީވެސް އެކަމަށް ހިތް މަޖުބޫރުކުރީމައެވެ. މަނާހިލްގެ ލޯބި ކޮންމެވެސް ދުވަހަކުން ލިބޭނެކަމުގެ އުއްމީދެއްގައެވެ. ލޯބި ނުލިބިއްޖެނަމަ، ގަދަކަމުންވެސް އެއިހުސާސް ލިބިގަތުމުގެ އަޒުމުގައެވެ. އިއްޒަތާއި މޮޅު ދިރިއުޅުމަށެވެ. ތީރިކަމާއި ހައިބަތައްޓަކައެވެ. މޮޅުކަމާއި ގަދަރައްޓަކައެވެ.

ހެނދުގެ ނާސްތާގެ ވަގުތުޖެހުނުއިރު ލޫސިޔާއާއި ނަޖާހުތިބީ ރިސޯޓުގައެވެ.
ބޭކާރު ޚިޔާލުތަކުން ދުރުހެލިވެ، އެކުގައި ވަގުތުތަކެއް ހޭދަކުރުމަށް އަޒުމުކަނޑައަޅައިގެންނެވެ. މީންދުވަހެއްގައިވެސް ލޫސިޔާއަށް ނުލިބޭފަދަ އުފާވެރި ވަގުތުތަކަކަށް އުއްމީދުކޮށްގެންނެވެ.

"ފިރިހެންދަރިޔަކު ލިބުނުކަމަށްޓަކައި އަހަރެން ފަޚުރުވެރިވަން.. " ހަށިގަނޑު ތެދުކޮށްލާފައި ލޫސިޔާ ބުނެލިއެވެ. ބޮލުމެދުގައި އަޅުވާލައިފައި އިން އަވި އައިނު މޫނަށް ހެޔޮވަރުކޮށްލާފައި އަވީގެ އުނދަގުލުން ދެލޯ ސަލާމަތްކޮށްލިއެވެ.

"ދަރިއެއްވިއްޔާ ވާނީ އެއްގޮތެއް.. ތަފާތަކީ ތަރުބިއްޔަތުކުރެވޭ ގޮތް.. އެކަމަކު ލޫސީ ތިބުނީ ކޮން މާނައެއްގައިކަމެއް މަށަކަށް ނޭގުނު" ލޫސިޔާގެ އަތުގައި ހިފައިލަމުން ނަޖާހު ބުންޏެވެ.

"އިތުރު ވާރިސަކު ނެތުމަކީވެސް ކިހައި ބޮޑު ހިތްހަމަޖެހުމެއް.. މުދާ ބަހަންޖެހުނަސް، ބަހާނީ އަހަރުމެން ތިން މީހުންގެ މައްޗަށް.." ހިނިއައިސްފައި ލޫސިޔާ ބުނެލިއެވެ. ދެބުމަ މައްޗަށް އުފުލާލުން ފިޔަވައި، އިތުރު ހަރަކާތެއް ނަޖާހުގެ ކިބައިން ނުފެނުނެވެ. ލޫސިޔާ ބޭނުންވީ އިތުރަށްވެސް ވާހަކަދައްކާށެވެ.

"ނަޖާ ނެތުމުން މިފަހަރު ވަރަށް އެކަނިވެރިވި.. ގޭތެރޭގެ ކަންކަންވެސް މުޅިން ރަގަޅަކަށްނޫން އޭރު ދިޔައީ.. ނަޖާ ދިޔަގޮތަށް އެއްވެސް ޚަބަރެއް ވީކީނޫން.. އައި ވޯޒް އޯލް އެލޯން.. ވަރަށް ދެރަވި! ހުރިހާ ކަމެއްގައި އެހީތެރިވީ މަނާހިލް.. ބައްޕައާއިމެދު ޝަކުވާނުކޮށް، ސާފު ހިތަކައިގެން ބައްޕައާއި ކުރިމަތިލުމަށް މަނާހިލް ވަރަށް ނަސޭހަތްދިން.. ލޯބިދީގެންނޫނީ ލޯބި، ނުލިބޭނެކަން އަހަންނަށް ބުނެދިނީ އަހަރުމެންގެ ލޯބިވާ ދަރިފުޅު.." ފަޚުރުވެރިކަމާއެކު ލޫސިޔާ ވާހަކަދެއްކިއެވެ. ކުރިއަށްވުރެން ބޮޑަށް ލޫސިޔާގެ ފަޔަށް ލުއި ލިބިފައިވާކަން އޭނާގެ ހިނގުމުން ފާހަގަވެއެވެ.

"ތިހުރިހާ ކަމެއް އެއްކިބައި ކޮށްފައި، ދެމީހުންގެ އަމިއްލަ ވަގުތުތައް ޕްރައިވެޓްކޮށް ހޭދަކޮށްލަން މިއައީ މިތަނަށް.. ސޯ ލެޓްސް އެންޖޮއި" ނުރަގަޅު މިސްރާބަކަށް ވާހަކަ ހިނގައިދާނެތީ ނަޖާހު ތައްޔާރުވީއެވެ.

"ހެއި.. ޒިވާ! ޒިވާ ނިމާލްއަކީ ކާކު؟" ލޫސިޔާގެ އަތުގައި ހިފައިގެން ހިނގަމުންދިޔަ ނަޖާހުގެ
ދެފައިގައި ހިލިހިލާ އެޅުނުހެން ހީވެއެވެ. ކުރިމަތިވި ސުވާލުގެ ބަރުދަން އުފުލޭވަރަށްވުރެން ބަރުވެއްޖެއެވެ.

"ކޮން؟ ކޮން ޒިވާ އެއް؟" އެނަމަށް ނަޖާހު މާފަރިތައެއްވެސް ނުވިއެވެ. ކުއްލިޔަކަށް ހަނދާނަށްވެސް ނުގެނެވުނެވެ.

"ސިންގަޕޫރުގެ ލިޔުންތަކުގައި ސޮއިކޮށްފައިހުރީ އެހެންކިޔާ މީހެއް! އަހަރެން ނުދެނަހުރީން ކޮމްޕެނީގެ ޑިރެކްޓަރުންގެ ތެރޭގައި އަންހެނަކު ޝާމިލުވާކަމެއް.. އެވަރު ބާރެއް ލިބިފައި ހުންނަ އަންހެނަކު ހުންނަކަމެއް ނޭގޭ" ލޫސިޔާގެ ހިތުގައި އެކަމެއްގެ އުނގަދޫ ބޮޑުވެފައިވާ މިންވަރު ތަސައްވުރު ކުރެވިއްޖެއެވެ.

"އޯވް.. އޭނަ ތަ؟ އާން ވަރަށް ފަހުން ޖޮއިންކުރި ކުއްޖެއް އެއީ" ނުވެސް ދެނަހުރިގޮތަކަށް ނަޖާހު ޖަވާބުދިނެވެ.

އިތުރު އެންމެ ސުވާލެއްވެސް އެދެމެދަށް ނަޖާހު ބޭނުމެއް ނޫނެވެ. ލޫސިޔާ ކޮންޓްރޯލްކުރާނެ ގޮތް ނަޖާހު ދަނެއެވެ. ކިތަންމެ ގިނަ ލޯތަކެއް ވަށައިގެންވިޔަސް އެންމެރަގަޅެވެ. އެއީ ރިސޯޓެކެވެ. އެފަދަ އަމަލުތަކަށް މުވައްޒަފުންގެ ލޯތައް ފަރިތަވެފައިވާނެއެވެ. ރިސޯޓުގެ ވެރިޔަކީ ނަޖާހެވެ. ހުރިހާ ރައްކާތެރިކަމެއް ކަށަވަރުވަނީ އެންމެ ފުރިހަމައަށެވެ.

ރޭގަނޑުގެ އިރާކޮޅެވެ. ރިދާ ދަތުރުކުރަމުން އެދަނީ މަންމައާއި ބައްދަލުކުރުމަށެވެ. އަސްރަފްއާއެކު ދަތުރުކުރަމުންދިޔައީ އަމީނީމަގުންނެވެ. ހިތްގައިމު ދިވެހި ލަވައެއް ކާރުގައި ޖަހާލާފައި ހުއްޓެވެ. ލަވައިގެ ތަންކޮޅުކޮޅުގައި ރިދާވެސް ދޭތެރެއަކުން ހިފާލައެވެ. އާދައިގެމަތީން މިވަގުތުވެސް ދުއްވާއެއްޗެހީގެ ބާރުބޮޑެވެ. ދުއްވާލެވޭ ވަގުތުތަކަށްވުރެން ހުއްޓައިގެން ކާރުގައި ތިބެންޖެހޭ ވަގުތުތައް ގިނައެވެ. އަސްރަފްއާއެކު ރިދާ ދަތުރުކުރުމަކީ އާންމުކަމެކެވެ. އެންމެ ވަގުތުކޮޅަކަށްވެސް ރިދާގެ އަތުން ފޯނު ދޫނުވެއެވެ. އަސްރަފުގެ ޝައުގުވެރިކަމެއް އެކަމުގައި ނެތަސް، މީހަކަށް އެކަން ފާހަގަނުކުރެވޭވަރެއް ނޫނެވެ. އެތައް ބަޔަކަށް ޖަވާބުދޭންޖެހޭ ޒިންމާދާރު މަގާމެއްގައި ހުންނަ ވެރިޔަކުވެސް އެވަރަށް 'ބިޒީ' ނުވާނެއެވެ. އެވަގުތު އައީ ފޯނެކެވެ. ފޯނު ކަންފަތުގައި ޖައްސައިލަމުން އަސްރަފްއާއި ދިމާއަށް ރިދާ ބަލައިލާންޖެހޭ ސަބަބެއް އަސްރަފަކަށް ނުވިސްނުނެވެ. ސިއްރު ސިއްރުން ދެއްކި ވާހަކަ އަޑުވެސް އިވިއްޖެއެވެ. އެވާހަކައަކީ އަސްރަފުގެ ދުލުން ހާމަކުރާންކެރޭނެ ވާހަކަތަކެއްވެސް ނޫނެވެ.

-- ނުނިމޭ --
13 މެއި 2018
ވަރަށްލޯބިވޭ
8 މެއި 2018
ވަރަށްލޯބިވޭ
6 މެއި 2018
ވަރަށްލޯބިވޭ
29 އޭޕްރީލް 2018
ވަރަށްލޯބިވޭ
ހިޔާލު

ކަބުލޮ

ފޫހި ވާހަކަ އެއް.ދެން ނިންމަން އުޅޭ

ޙުޔާ

ޥަރަށް ފޫހިވޭ

ރިދާ

ހާދަ ހާސަރު ގިނަ ވާހަކައެކޭ. ފޫހި ފޫހި

ޢިލްމީ

އަޅެ މި ވާހަކަ އަށް އިތުރު ގޮތެއްވާނީ ކޮންއިރަކުންތަ؟