Varah Loabivey Episode 24
image
ވަރަށްލޯބިވޭ
1 ކޮމެންޓް
ފުނަމާ
 

ވަރަށްލޯބިވޭ

24 ވަނަބައި Dhiraagu
ކަންކަމުގައި ފިރިމީހާގެ ހުއްދައަށް އެދުމަކީ އެކަންކުރަން މަނާހިލް އޭނާގެ އަނބިމީހާއަށް އަންގާފައިވާ ކަމެއްނޫނެވެ. ރޭގަނޑު ބޭރަށް ދިއުމަކީ ރިދާގެ އާންމު ކަމެކެވެ. ބައެއް ރޭރޭ މަނާހިލްއާއެކު ބުރެއްޖަހައިލާންވެސް ނިކުމެއެވެ. އެނޫން ރޭތަކުގައި ރައްޓެހިންނާއެކު ކޮފީއަކަށް ނުދެވިއްޖެނަމަ، އެރޭގެ ހަމަނިދިވެސް ނުލިބޭކަމަށް ރިދާވަނީ ބުނެފައެވެ.

"ވަރަށް މުހިއްމު ކަމެއްގައި އަހަރެން އެބަޖެހޭ ރައްޓެއްސަކާއި ބައްދަލުކޮށްލަން.. އެހެންވީމަ މިރޭ އަހަރެން ބަލައި، އަސްރަފް ނަޔަސް ރަގަޅުވާނެ.." ރިދާ ބުނާ އެއްޗަކަށް ރައްދު ދިނުމަކީ އަސްރަފްގެ ހުއްދައިގެ އިމުގެތެރޭގައި އޮތްކަމެއްނޫނެވެ. ސުވާލެއް ކުރަންވެސް، މިވީހާތަނަށް އަސްރަފް މަސައްކަތެއްކޮށްފައެއް ނުވެއެވެ. ނަމަވެސް މަނާހިލް ރަށުގައި ނެތުމުން، އަސްރަފުގެ ޒިންމާގެ ދަށުގައި މިރޭ ރިދާ ބަލަހައްޓަންޖެހޭނެކަމަށް އޭނާގެ ސިކުނޑި ގަބޫލުކުރެއެވެ. މަނާހިލްއަށް ވަކީން ކާރެއް ލިބުނީއްސުރެން އަސްރަފަކީ މަނާހިލްގެ ޚާއްސަ ޑަރައިވަރެވެ. އެއީ މަނާހިލްގެ ބައްޕަގެ ހޮވުމެކެވެ. ޑްރައިވަރަކަށްވިޔަސް، އަސްރަފްއަށް މަނާހިލް އަބަދުވެސް އިހުތިރާމްކުރެއެވެ. އޭނާގެ ޒިންމާގެ ދަށުގައި ރިދާ ނޫން ކިތަންމެ އަންހެންކުއްޖަކުވަނީ ތަންތަނަށް ގެންގޮސްދީފައެވެ. ދުވަސްތަކެއްވަންދެން މެހެރްގެ ޒިންމާވެސް އަސްރަފްވަނީ މަނާހިލްގެ ކާރުގައި އަދާކޮށްފައެވެ.

"ޓެކްސީއެއް ހޯދާކަށްވެސް މިރޭ ފަސޭހައެއްނުވާނެ.. މާލެތެރެ ވަރަށް ހަލަބޮލި.. ރޭގަނޑުގެ ލަސްގަޑިތަކުގައި މަގުމައްޗަށް ނިކުތުން ރައްކާތެރިއެއްވެސް ނޫން.. އެހެންވީމައި ކޮންމެ ވަގުތެއްގައިވެސް މެޑަމް ބޭނުންވެއްޖިއްޔާ ގުޅައިލާ.. ބުނިތާކަށް ބަލައި އަންނާނަން" ވަރަށް ޖެހިލުންވެއިނދެ އަސްރަފް ބުނެލިއެވެ. ރިދާގެ މިޒާޖާއިމެދު އަސްރަފުގެ ސުވާލެއް އެހެންމީހަކަށް ނެތެވެ. މަނާހިލްގެ ހުރިހާ ހޮވުމަކަށްވުރެން، ރިދާގެ އުޅުމާއިމެދު އަސްރަފުގެ ސިކުނޑިވަނީ ތަޣައްޔަރުވެފައެވެ. ފެންނަމަންޒަރުތަކާއި އިވޭ އަޑުތަކުގެ ސަބަބުންނެވެ.

"އަހަރެންގެ ނިންމުންތަކަށް ގޮތްކިޔަން ކަލެއަށް ހުއްދަދިނީ މަނާހިލްތަ؟ މަށަށް ފާރަލާން، ކަލެއަށް ކިހާވަރެއް ދީފައި އޭނާ ފުރައިގެން ދިޔައީ؟" ހިތްހަމަނުޖެހިފައި ރިދާ ބުނެލީ، އަސްރަފް އުއްމީދުކުރިވަރަށްވުރެން ނުރައްކާ އެއްޗެކެވެ. ރިދާއަށް ފާރަލުމުގެ އެއްވެސް ޝައުގުވެރިކަމެއް އަސްރަފްގެ ނެތެވެ. އެފަދަ ކަމަކަށް ދުވަހަކުވެސް މަނާހިލް މަގުދައްކާފައެއްނުވެއެވެ.

"ވަރަށް މައާފު.. ރަށުތެރެ ރައްކާތެރިނޫންވީމައި އަޅުގަނޑަށް ވިސްނުނު ގޮތް ބުނެލީ" ޖެހިލުންވެ އިނދެވެސް އަސްރަފު އެއްޗެއް ބުނެލިއެވެ.

"ހަމަމިހާރު ކާރު ހުއްޓާ! މިހާރު މިތަނަށް ހުއްޓާ!" ރުޅިއައިސް ރަތްވެގެން ރިދާ އަމުރުކުރިއެވެ. ހަގީގަތަކީ އެކަމަށް ރިދާ ބޭނުންވެފައިވާވަރު މާބޮޑީއެވެ. ރިދާގެ މަންމައާއި ބައްދަލުކުރުމަށް ގެއިން ނިކުތުމަކީ އޭނާގެ ބަހަނާއެކެވެ. ތާވަލުގައި ލިޔެފައިވަނީ މުޅިން އެހެންކަމެކެވެ. ކަކުލަށްވުރެން ދެތިން އިންޗި މައްޗަށް ހުންނަވަރުގެ ހެދުމެއްލައިގެން ގެއިން ނިކުމެގެން އެއައީ މަންމައާއި ބައްދަލުކުރުމަކަށްނޫނެވެ. ކޮޓަރީން ނިކުތްވަގުތު މަނާހިލްގެ ބައްޕައާއި ދިމާވުމުން، ރިދާ ބޭނުންވި ގޮތަށް ކަންކަން ނުކުރެވުނީއެވެ.

މަގުގެ މެދަށް އަސްރަފް ކާރު ހުއްޓިއެވެ. އަމުރުކުރެވުނު ގޮތަށް އޭނާ ކިޔަމަންވިއެވެ. ވަރަށް ރުޅި މޫނު ދައްކާފައި ކާރުން ފައިބައިގެން ރިދާ ހިގައްޖެއެވެ. ރިދާއަށް އޮޅިފައި އޮއްއެއްޗަކީ މަނާހިލްގެ އަމާނާތަކަށް އަސްރަފު ވަފާތެރިވާނެ މިންވަރެކެވެ.

****

ގޮނޑުދޮށަށް ބީއްސާލާރާޅުތައް ހިމުން ދޮންވެލިތަކާއެކު ދެމިގަންނަ އަޑު ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ. ވެލިގަނޑުމަތީގައި މިނިވަންކަމާއެކު ދުވަމުން، ސަމާސާކުރަމުންދާ ކުދި ކަކުނިތަކުގެ މަންޒަރަށް، ބަލަން އިންނަ މީހަކުވެސް ފޫހިނުވާނެއެވެ. މަޑުމަޑު ވައިރޯޅީގެ ފިނިފިނި އިހުސާސެކެވެ. މޫދު ލޮނުގަނޑުގެ ހިތްގައިމު ވަހެވެ. ހަނދުވަރުގެ ފަނޑު އަލިކަމެވެ. ތަރިތަކުގެ ބެބުޅުންތަކެވެ. ދުރުދުރުގައި ބައްތިދަނޑިތައް ޖަހާފައި ހުއްޓަސް، އެއްވެސް މީހަކަށް އެއަލިކަމުގެ ސަބަބުން ހުރަހެއް ނޭޅެއެވެ. ދުރުދުރުގައި ބަހައްޓާފައިވާ ބީޗްޗެއާރތަކުގައި ޖޯޑްޖޯޑަށް ޓުއަރިސްޓުން އުފާލިބިގަންނަމުން ދިޔައެވެ. އެއިގެތެރޭގައި ގިނައީވެސް އާކައިވެނީގެ ދުވަސްތައް ގުނަމުންދާ ފަތުރުވެރީންނެވެ. އެއްބައެއްގެ ހަރަކާތްތަކަށް ފާރަވެރިވާނެ އެހެންބަޔަކު އެގޮނޑުދޮށުގައި ނެތެވެ.

ޒުވާންއުމުރު ފާއިތުވެ މެދުއުމުރުގެ ޖަޒްބާތުތައް ލިބިގަންނަމުންދިޔަ ލޫސިޔާއާއި ނަޖާހުގެ ލޯބި ވަގުތުތައްވެސް، 'ހަނީމޫން'ގެ ލިސްޓަށް އިތުރުކޮށްލެވޭނެއެވެ. ގާތުގައި ނެތިދިޔަ އެތައްދުވަސްތަކެއްގެ އެކަނިވެރިކަން ލޫސިޔާގެ ހަނދާނުގައި ކުޑައިކޮށްވެސް މިހާރަކު ނެތެވެ. އެޚިޔާލުތަކުން ދެމަފިރިންގެ ގުޅުން ހީނަރުވާން ބޭނުންވެސް ނުވަނީއެވެ.

"އަހަރުމެންގެ ދިރިއުޅުމުގެ ހަގީގަތަކީ މިއީ.. އަބަދުވެސް ވަރަށް ގާތްކޮށް އުޅެވިފައިވާނީ.. އެކަމަކު ފަހަކަށްއައިސް، ވަރަށް ދުރު ދޯ! އެއީ އަހަރެންގެ މައްސަލައެއްކަމަށް އަހަރެން ގަބޫލުކުރަން.. ރައްޓެހީންނާއެކު މާގިނައިން ބޭރަށް ދެވެނީ.. ގެޓް ޓްގެދަރތައް މަދުކުރަންޖެހޭނީ.. ފަހަކަށްއައިސް ދެން، މި ފަޔަކާ ހެދި.." ގައިގޯޅިގޮތަކަށް ނަޖާހުގެ މޭމަތީގައި ބޯއަޅައިގެން އޮވެ ލޫސިޔާ ވާހަކަދެއްކިއެވެ. ބައްދައިލައިގެންތިބީ ނުހަނު ލޯބި ގޮތަކަށެވެ. ނަޖާހުގެ މަގުސަދަކީ ލޫސިޔާގެ އަޑު އެހުމެވެ. ލޯބީގެ ފިރުމުންތަކުގެ އިތުރުން، މާގިނަ ވާހަކަތަކެއް ދެއްކުމުގެ ވިސްނުމެއް އެވަގުތުގައި ހުރިހެން ހިއެއްނުވެއެވެ.

"އަހަރެން ހިތައް އަރަނީ.. މަނާހިލްގެ ހަޔާތުގައި އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެއޭ.. މެހެރްއަށް ކޮންމެ ގޮތެއްވިޔަސް މަށަށް ހެޔޮ.. އެކަމަކު މަނާހިލްގެ ދިރިއުޅުން އުފާވެރިއެއް ނޫން.. އެދަރިފުޅުގެ ކަރުނަ އަހަރުމެންނަށް ނުދައްކަނީ.. އޭނައާއި ދޭތެރޭގައި ކަންކަން ކުރެވިފައިވަނީ ވަރަށް ގޯސްކޮށް" ވިސްނަ ވިސްނާފައިވެސް ލޫސިޔާގެ ވާހަކަތައް ދިގުކުރަނީއެވެ.

"އެއްކަމެއްވެސް ގޯހެއްނޫން.. ހުރިހާ ކަމެއްވެސް ރަގަޅު.. ތަފާތަކީ ލޫސިޔާގެ ދޯދިޔާ ވިސްނުމާއި، ކޫސަނި ފިކުރުތައް.. ވަކިމީހަކާމެދު ހިތުގައި އޮތް ހަސަދަ" މާބޮޑުފިކުރަކާއިނުލައި ނަޖާހު ބުނެލިއެވެ. ސިހުންލިބުނީ ލޫސިޔާއަށެވެ. އިހުސާސްތަކަށް އިހުތިރާމުކުރުމެއްނެތި ނަޖާހު ބުނެލި ބުނުން، ލޫސިޔާއަށް ކަމަކު ނުދިޔައެވެ.

"ނުވިސްނުނު.. އަހަރެންގެ ދޯދިޔާކަމުން ކުރެވުނީ ކޮންކަމެއް؟ ކޫސަނިވެގެން ކުރެވުނު ކަމަކާއި، ހެދުނުގޮތެއްވެސް އޮންނާނެތާ؟ ދެން ތިބުނަނީ ރާލިޔާއަށް އަހަރެން ހަސަދަވެރިވަނިއޭތަ؟ އޭނަ ކިތަންމެ ރީއްޗަސް، މަގޭ ފިރިމީހާ ވައްކަޅިންވެސް ބަލައިނުލާނެ! ދެން މަށަށް ކޮންކަމެއް؟ އޭނަގެ އަތުގައި ކިތަންމެ ފައިސާއެއް އޮތަސް މަށަށް ހެޔޮ!" ފިރިމީހާގެ މޭމަތީގައި ވަރަށް އަރާމުކޮށް އޮވެލުމަށްފަހު ލޫސިޔާ ތެދުވިއެވެ. ގޮނޑީގެ އަރިމައްޗެއްގައި އިށީނދެ ވާހަކަދައްކަން ތައްޔާރުވިއެވެ.

"ނޮޓް ނައު! އެހެންމީހެއްގެ ވާހަކައެއް މަށެއް ނުދައްކަން! ޕްލީޒް.. އައިވޯންޓް ސަމް ޕީސް!" ކަންކަން ހިނގައިދާނެ ދިމާއެއް ނަޖާހުއަށް ވިސްނުނީއެވެ.

"ބުނަން ތިއުޅެނީ.. އަހަރެންގެ ޝަކުވާތަކުގެ ވާހަކަތަ؟ އެކަން އަހަރެން ހަނދާން ނައްތާލައިފިން.. ދެން އޮތީ، އަހަރެން ބުނެބުނެވެސް އެކަކުވެސް ގަބޫލުނުކުރި ވާހަކަ! އަދިވެސް އަހަރެން މިބުނަނީ އެބިރުވެރި ސޫރަ އަހަރެން ދުށީމޭ..! އެއިގެ ފަހުންވެސް އެތައް ގޮތަކަށް އަހަންނަން އެކަން އިހުސާސްކުރެވެޔޭ.. އެކަނިވީމައި ބިރުވެރިޚިޔާލްތައް އާދެޔޭ... އަޑުތައްވެސް އިވެޔޭ.. މިކަން ގަބޫލުނުކުރަނީ ނަޖާ! އެކަމަށް އަހަރެން ޝަކުވާއެއްނުކުރަން.. ބިކޯޒް ނަޖާއަށް އެއިން ކަމެއް ނުފެންނާތީ، އެއިގެ ބިރުވެރިކަމެއް ނެތީކަން އަހަންނަށް އިގޭ" ވަރަށް އަސަރާއެކު ލޫސިޔާ ބުނެލިއެވެ.

"މިތަނަށްއައީ ތިކަން ކުރާކަށް ނޫން.. އުފާކޮށްލަން.. މަގުސަދާމެދު ފަރުވާލެއް ނެތިއްޔާ މާދަންހެނދުނު މާލެދާންވީ" ގޮތް ނިންމާލަން ނަޖާހު އަވަހެވެ.

ލޫސިޔާއަށް ލިބުނު މާޔޫސްކަމަކީ ހިތައް ލިބުނު ރިހުމެކެވެ. އެދަތުރަކީ ހަމައެކަނި ލޫސިޔާ ބޭނުންވެގެން ހޭދަކުރާ ވަގުތުތަކެއްކަމަށް ކަނޑައަޅާން ޖެހުނީއެވެ. އެކަމަށްވެސް ލޫސިޔާ ރުހިގަބޫލެވެ. ނަމަވެސް މާދަމާ ފުރާކަށް ލޫސިޔާ ބޭނުމެއްނޫނެވެ. އެއްޗެއް ބުނަން ނަޖާހުއާއި ދިމާއަށް ލޫސިޔާ އެނބުރެލިވަގުތެވެ.

ދާދި ގާތުން ހިޔަންޏެއްވީކަމުގެ އިހުސާސްކުރެވުނެވެ. މެއަށް ފިނިވެގެން ދިޔައެވެ. ނަޖާހުއޮތީ ދެލޯވެސް މަރައިގެންނެވެ. ވަރަށް ހަމަޖެހިލައިގެންނެވެ. ވަށައިގެންވީ މާހައުލަށް ލޫސިޔާ ނަޒަރުހިންގައިލިއެވެ. އެވަގުތުގެ ކުރީން، އިޝްގީ އެތައް ކުލައެއް އެމަންޒަރުން މިރޭ ލޫސިޔާއަށް ފެނުނެވެ. ނަމަވެސް މިވަގުތު މާބޮޑަށް އަނދިރިވެއްޖެއެވެ. ލޫސިޔާއަށް ބަލައިލެވުނީ އުޑުމައްޗަށެވެ. ތަރިއެއްގެ ވިދުން ފެނޭތޯއެވެ. ހައިރާންވެ އަނގަހުޅުވުނެވެ. ބިމަށް އަލިކުރަމުންދިޔަ ތަރިތަކުގެ ލަޝްކަރު ކޮބައިހެއްޔެވެ؟ ސަމާސާކުރަމުންދިޔަ ތުނި ވިލާކޮޅުތައް ކޮބައިހެއްޔެވެ؟ ދިއްލާފައި ހުރި ބައްތިތައް ކޮބައިހެއްޔެވެ؟ ލޫސިޔާ ވަރަށް ބިރުން ހިންދިރުވައިލެވުނެވެ. ފަހަރަކު ކަމެއް ފާހަގަކުރެވެމުންދަނީ ކީއްވެހެއްޔެވެ؟ ވަރަށް ގާތުގައި މީހަކު ހުރިކަމުގެ އިހުސާސްކުރެވެނީ ކީއްވެހެއްޔެވެ؟ ފަސްއެނބުރި ބަލައިލާންވެސް ނުކެރުނެވެ.

"ނަޖާ! ޑާލިންގ.. ނަޖާ!" ވަރަށް ސިއްރު ސިއްރުން ލޫސިޔާ ވާހަކަދެއްކިއެވެ. އެހެންމީހަކަށް އަޑުއިވިދާނެތީ އުޅޭހެން ހީވެއެވެ.

"ހަގް މީ.. ޕްލީޒް.. ނޯ ފައިޓްސް" ލޯ ހުޅުވަން ނަޖާހު ހިތައްވެސް ނާރައެވެ. ދާދިދެންމެ، ނުރަގަޅުކޮށްދިޔަ ކަންކަން ރަގަޅުކުރަން ނަޖާހު ބޭނުންވަނީއެވެ.

*****

"ތިކަންވެސް ކުރާނަން.. ރޫމަށް ހިނގާބަލަ" ރިދާގެ އަޑު ހައިލަމްގެ ކަނފަތު ތޫރީގައި ހީލިކެރުވުމެއް އުފައްދައިލިއެވެ. ބަރިބަރިއަށް ކުދިކުދި ތަންކޮޅުކޮޅުގައި ދޮރު ލާފައިވާ ހިމަ ގޯޅިގަނޑެކެވެ. އެތަން ވަރަށް އަނދިރިއެވެ. ރިދާގެ ގައިން ހައިލަމް ދޫކޮށްނުލައެވެ.

"މީހަކަށް ފެނިގެން މަ، ބަސްޓްވީމައި މާކަމޮޅެއްނުވާނެ.. ތި ލިބޭ ފައިސާކޮޅުވެސް ހައިލަމްއަށް ބަންދުވާނީ" ކަންތައްވާނެގޮތް ރިދާއަށް ޔަގީންވެއެވެ.

***
"ހިނގާބަލަ މިތަނުން ދާން.." ކިތަންމެ ލޯބީން ބުނަން ބޭނުންވިޔަސް، ލޫސިޔާއަށް ރޮއެގަނެވުނެވެ. ހަގީގަތުގައިވެސް ލޫސިޔާ ބިރުގަނެއްޖެއެވެ. ލޫސިޔާގެ އެދުމަށް ދެކޮޅު ހެދުމެއްނެތެވެ. އެއީ އެވަގުތައް އެންމެ ރަގަޅުގޮތްކަމަށް ނިންމާފައި ނަޖާހުވެސް ތެދުވިއެވެ.

ވަށައިގެން އަނދިރިކަމެވެ. ދިއްލާފައި ހުރި އެންމެ ބައްތިއެއްވެސް ލޫސިޔާއަށް ނުފެނެއެވެ. ނަޖާހު ހިނގައިގަތުމުން ގައިގައި އޮޅުލައިގަތުމަށްފަހު ލޫސިޔާ އެދުނީ ފޯނުގެ ލައިޓް ދިއްލާލުމަށެވެ. އެނޫން ގޮތެއް ނެތުމުން ނަޖާހު އެކަންވެސް ކުރިއެވެ. ނަމަވެސް ކުދިކިޔަމުންނެވެ.

އެއްވަގުތެކެވެ. ދެމީހުންނަށް ދެގޮތަށް އެއް މެހެފިލެއް ފެންނަކަމުގެ އިހުސާސެއް އެކަކު އަނެކަކަށް ނުވެސްކުރެވެއެވެ. އުދަރެސް ބަނަވާންފެށީ ހަމައެވަގުތުއެވެ. ވައިރޯޅީގެ އަޑު ގަސްތަކުގެ ފަތްތަކާއި ގުޅިއްޖެއެވެ. ލޫސިޔާމެން އުޅެމުންދިޔައީ މޫދު ކޮޓަރިއެއްގައެވެ. ހިނގާލާފައި އެ ހިސާބަށްދިއުމަށް ވަގުތުކޮޅެއް ނަގާނެއެވެ. ފިރިމީހާގެ ގައިގަ ބާރަށް ހިފަހައްޓާއިގެން ލޫސިޔާހުރީ ހިތައް ފެންނަ ބިރުވެރި ސޫރައިން މިންޖުވެވޭތޯއެވެ. ކިތަންމެ ވަރަކަށް ކިޔައިދިނަސް ނަޖާހު ގަބޫލުނުކުރާނެއެވެ. ކޮޓަރިއާއި ދެތިންފޫޓު ކައިރިއަށް އާދެވުމުން ލޫސިޔާވެސް އަމިއްލަ ހާލައިގެން ހިނގާލާފައި ހަމަޖެހިލަން މަސައްކަތްކުރިއެވެ. އިޝާރާތެއް ލިބުމެއްނެތި އެވިދާލި ވިދުވަރުގެ އަލި އުޑުފަޅާލާފައި އަލިފާން ދައްކާލިހެން ހީވިއެވެ. ﷲތަޢާލާ އިރާދަކުރައްވައިފި ކޮންމެ ކަމަކީވެސް ވެދާނެކަމެއްކަމަށް ނަޖާހުވެސް ގަބޫލުކުރެއެވެ. ހައިރާންވެ، ބިރުގަނެ، ސުވާލުއުފެއްދުމަކީ މަޚުލޫންގެ ޠޮބީއަތުގައިވާ ކަމެކެވެ. ގަތްބިރުން ލޫސިޔާއަށް ސަމާލުކަމެއްނުދީ ނަޖާހު ދުވެގޮސްވަނީ ކޮޓަރިތެރެއަށެވެ.

****

"އަހަންނަކަށް ފަސޭހައެއްނޫން އަބަދު ހައިލަމްއަށް ފައިސާ ދޭކަށް.. މަ ބިރުގަނޭ މަނާހިލް ސުވާލުކޮށްފާނެތީ" މުށިގަނޑުމަތީގައި އަޅާފައި އޮތް ތުނިތުނި ގޮދަޑިމަތީގައި ރިދާ އޮތީ ހައިލަމްގެ އަތުގެ ތެރޭގައެވެ. ދެމީހުންކޮށްފައިވާ އަމަލުގެ ބޮޑުކަން އިގެނީ ކުޑަކުޑަ ކޮޓަރީގެ މުށިގަނޑު މައްޗަށް ބަލައިލުމުންނެވެ. ތަރުތީބެއް ނެތިފައިވާ އަންނައުނުތައް އެތައް މިތަނަށް އުކާފައި އޮތެވެ.

"ރިދާގެ ފިރިމީހާއަކީ ގަމާރެއްތަ؟ ފުރަތަމަ ރޭވެސް އޭނައަށް ފާހަގަނުކުރެވުނުތަ؟ އަނބިމީހާއަށް އެވަރަށް އިތުބާރުކޮށްފައި ސުވާލެއް ނުކޮށް ހުންނާނީ ވަރަށް ގަޓެއް ނެތް އަންހެނދުޅާ ފިރިހެނުން" ރިދާގެ ކުރިމަތީގައި މަނާހިލްގެ އިހުތިރާމު ކުޑަކުރުމަކީ ހައިލަމްގެ އާދައެކެވެ. އޭނާއަށް ކިޔުނު އެއްޗެއް ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން މަނާހިލްގެ ނަމާއިގުޅުވައެވެ.

****

މެންދަންވެ ދޭންޖަހައި ބޮޑުވެއްޖެއެވެ. އެއްހުވަފެނެއް އިމްރާންއަށް ފެންނަތާ، ދެ ރެއެއްވެއްޖެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް، ފެންނަ މަންޒަރު ދޮގެއް ނުކުރެވެއެވެ. ރޭތަކެއް ކުރީން އިމްރާންއަށް އިހުސާސްވި، މެހެރްގެ އަޑު ސިކުނޑީގައި އާވެގެންދިޔައެވެ. ސުބުހާނަﷲއެވެ. ހަގީގަތުގައިވެސް އެއީ މެހެރްގެ އަޑެވެ. ﷲތަޢާލާ ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ. އެދަރިފުޅު އެ އެދެނީ އެންމެ ކަމަކުއެވެ. ތަކުރާރުކޮށް އެކަމަށް އިމްރާން ހުރަސްއަޅަނީއެވެ. ކޮންމެ ދުވަހަކު ހެނދުނު، އަލަމާރި ބަންދުކުރަނީ އެކަމަށް އިމްރާން ގޮންޖަހާކަށްނޫނެވެ.

-- ނުނިމޭ --
13 މެއި 2018
ވަރަށްލޯބިވޭ
8 މެއި 2018
ވަރަށްލޯބިވޭ
6 މެއި 2018
ވަރަށްލޯބިވޭ
29 އޭޕްރީލް 2018
ވަރަށްލޯބިވޭ
ހިޔާލު

ޜާޔާ

ކީއްވެ މި ވާހަކައަށް ކުރާ އެއްވެސް ކޮމެންޓެއް ނުޖަހާދެނީ