Misru Gai Kudakudhinge Hospital Akah Salah 500,000 Pounds Hadhiyaakoffi
image
މުހައްމަދު ސަލާ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ފޮޓޯ:---
0 ކޮމެންޓް
 

މިސްރުގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ސަލާ 5 ލައްކަ ޕައުންޑު ހަދިޔާކޮށްފި

މިސްރުގައި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކަށް އެގައުމުގެ ތަރި މުހައްމަދު ސަލާ 500،000 ޕައުންޑު ހަދިޔާކޮށްފިއެވެ.
މީގެ ކުރިން ކުޑަކުއްޖެއްގެ ބޯން މެރޯ ޓްރާންސް ޕްލާންޓު ހެދުމުގައި ވެސް މާލީގޮތުން އެހީތެރިވެދީފައިވާ ސަލާ މި ހަދިޔާ ކުރި 12 މިލިއަން އިޖިޕްށިއަން ޕައުންޑު ( 500،000 ބްރިޓިޝް ޕައުންޑް) ބޭނުން ކުރުމަށް ހަޖެހިފައިވަނީ ކެންސަރު ޖެހިފައިވާ ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ އެކި ކަހަލަ އިކްއިޕްމަންޓުތައް ހޯދުމަށެވެ.

މިހާރު ވެސް 57،000 އަށް ވުރެ ގިނަ ބަލި ކުދިން ފަރުވާ ހޯދަމުން އަންނަ މި ހޮސްޕިޓަލަށް ސަލާ އެހީތެރިވެދީފައިވާކަން ހާމަކޮށްފައިވަނީ އެހޮސްޕިޓަލުގެ ޗީފް ޓްރަންސްޓީ މުހައްމަދު ޒަމްޒަމް އެވެ. އޭނާގެ ސޯޝަލް މީޑިއާގައި ޒަމްޒަމް އާއްމު ކުރި މެސެޖެއްގައި ޒަމްޒަމް ވަނީ ސަލާއަށް ޝުކުރު އަދާކޮށްފައެވެ.

މި ސީޒަނުގައި ލިވަޕޫލާއި ގުޅުމަށްފަހު 38 މެޗުން 32 ލަނޑު ޖަހާފައިވާ ހުނަރުވެރި ކުޅުންތެރިޔާ އަންނަނީ ޕްރިމިއާ ލީގުގައި ވިދަމުންނެވެ. މީގެ އިތުރުން ގައުމީ ޓީމާއެކު ވެސް އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ ދާދިފަހުން މިސްރުގެ ގައުމީ ޓީމު ވޯލްޑް ކަޕަށް ވެސް ކޮލިފައިކޮށްދީފައެވެ.

ސަލާގެ ފަރާތުން އޭނާ ނިސްބަތްވާ ގައުމުކަމުގައިވާ މިސްރަށް ގިނަ ގުނަ އެހީތަކެއް ލިބެމުންދާއިރު އޭގެ އަގުވަޒަން ކުރުމުގެ ގޮތުން ސަލާގެ ނަމުން އެގައުމުގެ މުހިންމު އެއާޕޯޓެއް، ސްކޫލެއް ނުވަތަ ހޮސްޕިޓަލަކަށް ނަން ދިނުމަށް އެގައުމުން ހުށަހަޅަމުންދާ ހުށަހެޅުންތަކަށް ސަލާ ދަނީ ނޫނެކޭ ބުނަމުންނެވެ.
ހިޔާލު