Rayyithunge Khaadhimakah Commissioner of Police Hadhan Jehey
image
ފުލުހުންގެ ކުރީގެ ކޮމިޝަނަ އަރީފާއި ބައެއް އިސްވެރިން---
ޢަބްދުﷲ ފައިރޫޝް
3 ކޮމެންޓް
 

ރައްޔިތުންގެ ޚާދިމަކަށް ކޮމިޝަނަރ އޮފް ޕޮލިސް ހަދަން ޖެހޭ

ކޮމިޝަނަރ އޮފް ޕޮލިސްއަކީ ރައްޔިތުންގެ ޚާދިމަކަށްވުމުގެ މުހިންމުކަން ޤާނޫނު އަސާސީއިންނާއި ފުލުހުންގެ ޤާނޫނުން ހާމަވެއެވެ. ވަކިން ޚާއްޞަކޮށް، ފުލުހުންގެ ޤާނޫނުގެ 52 ވަނަ މާއްދާއާއި 53 ވަނަ މާއްދާއިން ކޮމިޝަނަރ އޮފް ޕޮލިސްއަށް މަތިކުރެވިފފައިވާ ޒިންމާއިން ރައްޔިތުންގެ މައްޗަށް އޮތް ޒިންމާ ވަރަށް ސާފެވެ. އެހެންނަމަވެސް، މިއަދު ކަންހުރި މަގަށް ބަލާލާއިރު ދިވެހި ފުލުހުންގެ ވެރިންގެ ކިބައިގާ ހުންނަން ޖެހޭހަމައެކަނި ޝަރުތަކަށް ވެފައިވަނީ ވެރިކަމުގައި ހުންނަވާ ފަރާތަކުން އަންގަވާ ކަންކަން އެއްވެސް ސުވާލެއް ނެތި ކުރާނެ މީހަކަށްވުމާ، ރައްޔިތުންގެ ވަޞީލަތްތަކުން ވެރިމީހާ ރުހޭ މީހުންނަށް ރަގަޅު ގޮތްތައް ފަހިކޮށްދޭން ތައްޔާރަށް ހުރުން ކަމަށް ހިތަށް ޤަބޫލު ކުރެވެއެވެ. ނަތީޖާއަކީ، ރައްޔިތުންގެ ޚާދިމުންނަށް ފުލުހުންގެ ވެރިން ވުމުގެ ބަދަލުގައި ރައީސްގެ އެކަނި ޚާދިމުންނަށް ވުމެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއިން ބަރީއަވެފައިވާ، ސިޔާސީ މަޤާމެއް އަދާކުރައްވާ ފަރާތްތަކަކަށް ވުމެވެ.
ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ ދައުރު އެހާ މުހިންމު ވަނީ ކީއްވެހެއްޔެވެ؟ ކޮމިޝަނަރ އޮފް ޕޮލިސް އަކީ ހަމަހަމަކަމާއި ހާމަކަމާއިއެކު ޤާނޫނުގެ ހުކޫމަތު ހިންގުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭ އެއްފަރާތެވެ. ޤާނޫނު ނަގަހައްޓާ، ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށްޓަކައި ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތްތައް ދެވޭ ފަރާތެކެވެ. ހުރިހާ މުޖުތަމަޢެއްގަވެސް މެއެވެ. މިހެންވެ، ދިމިޤުރާތީ މުޖުތަމަޢުތަކުގައި، ޖިނާއީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުށްކުރުމާއިދުރު އަމާން މާޙައުލެއް ރައްޔިތުންނަށް ލިބިފައިވާކަން ކަށަވަރުކުރުމުގައި ފުލުހުންގެ އެންމެ އިސްވެރިން އަދާކުރާ ދައުރުގެ މުހިންމުކަން އެފަރާތްތަކުން ވަނީ ބަލައިގަނެފައެވެ. ފުލުހުންނަށް ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށާއި، ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނަށް ޖަވާބުދާރީވަނިވި ގޮތުގައި ފުލުހުންގެ ޚިދުމަތް ބައްޓަންކުރުމުގައި ފުލުހުންގެ ވެރިންގެ ދައުރު ނުހަނު ބޮޑެވެ. މިސަބަބަށްޓަކައި، ފުލުހުންގެ ވެރިންނަކީ ވަކީ މިންގަނޑަކުން ވަޒަންކުރެވިގެން ނޫނީ އައްޔަނު ނުކުރެވޭ ބައެކެވެ.

ދިމިޤުރާތީ މުޖުތަމަޢުތަކުގައި ފުލުހުންގެ މުއައްސަސާ ހިންގުމުގެ ޒިންމާއާ ޙަވާލުވެތިބޭ ފަރާތްތަކަކީ މައިގަނޑު 06 ދާއިރާއަކުން ވަޒަންކުރެވޭ ބަޔަކަށް ހެދުމަށް އެ މުޖުތަމަޢުތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލާ ކަންތައްތަކުގެ ތެރޭގައި، ދުރުމުސްތަޤުބަލުގެ ލަނޑުދަނޑި ކަނޑައެޅުމުގެ ޤާބިލުކަން، މުއާމަލާތު ކުރުމުގެ ހުނަރު، އެކި ފަރާތްތަކާއިއެކު ގާތްކަން އުފައްދާ އެ ގުޅުންތައް ދެމެހެއްޓުމުގެ ޤާބިލުކަން، ނަތީޖާ ނެރެވުން، މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އިސްނަގައިގެން ކަންކަންކުރުމާއި މަސައްކަތުގެ އިޚްލާސްތެރިކަން، އަދި ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް ފުރިހަމައަށް އެނގުން، ހިމެނެއެވެ. މިއީ ހައްތަހާވެސް ދިވެހި ފުލުހުންގެ މުއައްސަސާއާއި ބީރައްޓެހި ކަންކަމެވެ. މިއީ ފުލުހުންގެ ވެރިން، ރައްޔިތުންނަށް މަންފާއަށް އިސްކަންދިނުމުގެ ބަދަލުގައި ވެރިންނަށްނަށް އެކަނި އިޚްލާސްތެރިވާ އެއް ސަބަބެވެ. މިނޫން އެހެން ސަބަބުތަކެއް ވެސް ވާކަމުގައި ޤަބޫލުކުރަމެވެ.

އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރުމާއި ވަކިކުރުމުގައި އެއްވެސް އިމެއް އަދި މިނެއް ފުލުހުންގެ ޤާނޫނުގައި ބަޔާންނުކޮށް، މުތުލަޤުކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެބާރު ދީފައި އޮތުން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން، 'ބަސްއަހާ ކުދިން' ފުލުހުންގެ އެންމެ އިސްވެރިންނަށް ގެނައުމަށް އިސްކަންދިނުމާއި، އައްޔަނު ކުރާ ގިނަ މީހުންނަށް ދިމިޤުރާތީ މުޖުތަމަޢެއްގައި ފުލުހުންގެ ޚިދުމަތާއި ރައްޔިތުންނާ އޮންނަން ގުޅުން އެންމެ ރަގަޅަށް ފަހުމްނުވުމާއި، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ނިޒާމެއް ޤާނޫނީ އޮނިގަނޑުގައި ރޭވިފައި ނެތުމާއި، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އެތަކެއް މިލިއަން ޚަރަދުގެ އަގު އަދާކުރަން ޖެހޭ އެންމެ އިސްވެރިއަކީ ކޮމިޝަނަރ އޮފް ޕޮލިސްކަން ޤަބޫލު ނުކުރެވުން ހިމެނެއެވެ.

މިފަހަކަށް އައިސް ފުލުހުންގެ މުއައްސަސާގެ ތެރެއަށް ގެންނެވި ބަދަލުތަކުން މިކަންކަން ހާމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޢަބްދުﷲ ޔާމީން އިންތިޚާބުވުމާއިއެކު އެންމެ ފުރަތަމަ ބަދަލު ގެންނެވި އެއް މަޤާމަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމެވެ. އެއިރު އެ މަޤާމުގައި ހުންނަ ޢަބްދުﷲ ރިޔާޟަށް، މަޤާމުން އިސްތިއުފާ ދެއްވުމަށް ލިބިވަޑައިގަތީ 30 މިނިޓަށްވުރެ ކުރު މުހުލަތެކެވެ. މިކަމުގައި ޝާމިލުވާ އެއްވެސް ފަރާތަކުން މިއަދާއި ހަމައަށްވެސް މިކަމުގެ އަޑީގައިވާ ސަބަބު ހާމަނުކުރެއްވިޔަސް، ފެންނަ ހަޤީޤަތަކީ، މިއީ 'ބަސް އަހާ ކުއްޖަކު' މަޤާމަށް ގެންނަވަން ކުރެއްވި ކަމެއް ކަމުގައެވެ. އެއަށްފަހު އެ މަޤާމަށް އައްޔަނު ކުރެވުނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި އެއިރު ހުންނެވި ޙުސެއިން ވަޙީދެވެ. އައްޔަނު ކުރައްވަން ބެއްލެވި މިންގަނޑެއް ހާމަކުރައްވާފައި ނުވެއެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ޙުސެއިން ވަޙީދު ހުންނެވި ދުވަސްވަރު އެކި ބާވަތުގެ ތުހުމަތުތައް ފުލުހުންގެ މުއައްސަސާއަށާއި އެމަނިކުފާނުގެ މައްޗަށް އުފުލުނެވެ. ބައެއް މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގައި ރަޖިސްޓްރީވެސް ކުރެވުނެވެ. އަދި ބައެއް މައްސަލަތައް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހެޅުނެވެ. އެހެން ނަމަވެސް މިއިން އެއްވެސް މައްސަލައެއް ފައިސަލާކުރަނިވި ނިންމުމަކާއި ހަމައަށް ވާސިލްނުވެއެވެ. ސަބަބަކީ ކޮބާތޯއެވެ؟

ފުލުހުންގެ ތެރެއަށް އެކަށީގެންވާ މިންވަރަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ދެއްވި ސަބަބަށްޓަކައި ހަމަ ހިނދުކޮޅެއްގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޙުސެއިން ވަޙީދު ވަކިކުރެވުނެވެ. ނަމަވެސް އެމަނކިފާނަށް ފަހުން ދެއްވީ ސްޓޭޓް މިނިސްޓަރު ކަމެވެ. ފުލުހުންގެ މުއައްސަސާ ހަލާކުގެ ތެރެއަށް ދޫކުރެއްވި ފަރާތަށް ސްޓޭޓް މިނިސްޓަރުކަން ދެއްވިއިރު ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޛް ކުރުމަށް މަސައްކަތް ކުރެއްވި އަޙުމަދު އަރީފް ޖަލުގައި އޮންނަން ޖެހުމުގެ އިންސާފަކީ ކޮބާތޯއެވެ؟

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން ޙުސެއިން ވަޙީދު ކުރެއްވި ކަންތައްތަކަކީ ވެރިމީހާގެ ރުހުން ލިބިފައި އޮތް ކަންތަކެއްކަން ގުޅި ލާމެހިފައިވާ ހެކިތަކަށް ބެލުމުން ޤަބޫލު ކުރެވެއެވެ. މިހެން މިދެންނެވީ، މިފަދަ މައްސަލަތައް ތަޙުޤީޤް ކުރެއްވުމަށް އެއިރުގެ ހޯމް މިނިސްޓަރ، އަލްފާޟިލް އުމަރު ނަޞީރު މަސައްކަތް ކުރެއްވުމުން، ފުލުހުންގެ ޤާނޫނުގެ 16 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ބޭނުންފުޅު ކުރައްވައިގެން، 2014 ވަނަ އަހަރު ރައީސުޖްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ މުއައްސަސާ މައްޗަށް މިނިސްޓަރ އުމަރު ނަޞީރަށް އޮތް ބާރު ހަނިކުރައްވާ، ހޯމް މިނިސްޓަރުގެ އަތްކުރު ކުރައްވާފައެވެ. މިކަމާއި ގުޅޭ ގޮތުން 04 އޯގަސްޓް 2014 ގައި އުމަރު ނަޞީރާއި ރައްޔިތުންގެ މަޖިލީހުން ސުވާލު ދެންނެވުމުން އެމަނިކުފާނު ވަނީ އެކަން އެމަޖިލީހަށް ކަށަވަރުކޮށް ދެއްވާފައެވެ. ފުލުހުންގެ މުއައްސަސާގެ މައްޗަށް އޮންނަ މިނިސްޓަރުގެ ބާރު ހަނިކުރެއްވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގައި ފުލުހުންގެ މުއައްސަސާ ޖަވާބުދާރީކުރުމަށް ހުރަހެއް ކުރިމަތިވީ ތަނެއް ރައްޔިތުންގެ މަންދޫބުންނަށް އެއިރު ފެނިވަޑައިނުގެންނެވިއެވެ. ކަމުގެ ނާޒުކުކަން ކަމާ ގުޅޭ އެއްވެސް ކޮމިޓީއެއްގެ ސަމާލުކަމަށް އައިސްގެން ފުލުހުންގެ މުއައްސަސާ ޒިންމާވާ ވަޒީރަކު ހަމަޖެއްސުމަށް މަސައްކަތް ކުރި މަންޒަރެއް ނުފެނުނެވެ.

މިފަދަ ގޮތަކަށް ފުލުހުންގެ މުއައްސަސާ ހިނގަމުންދަނިކޮށް 2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗުކޮޅުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަޙުޤީޤުގެ ތެރެއިން، ޙުސެއިން ވަޙީދުގެ މައްޗަށް އިތް އިތުބާރު ކުޑަވެ، ރައީސްގެ ރުހުން ގެއްލުނެވެ. ނަތީޖާއަކަށްވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އޭނާ ވަކިކުރެއްވުމެވެ. ދެން، 01 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޛްކުރަން އުޅުމުގެ ތެރޭގައި ކޮމިޝަނަރ ކަމުން އަޙުމަދު އަރީފު ވަކިކުރެވުނެވެ. އެހެންކަމުން، މިއަދުގެ ހިތާމަވެރި ހަޤީޤަތަކީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ދެމިހުރުމަށްޓަކައި އެމަޤާމަށް އައްޔަނު ކުރެވޭ މީހަކު ހަމައެކަނި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް މަސައްކަތް ކުރެއްވުމެވެ. ރައީސް ބޭނުންފުޅުވާ ކަންކަމަކީ ޤާނޫނީ އިމުން ބޭރުކަމެއް ކަމުގައިވިޔަސް އެކަމެއް ކުރުމުގައި ކިރިޔާވެސް ފަސްޖެހިއްޖެނަމަ މަޤާމުން ވަކިކުރެވޭނެ ކަމެވެ. މަޤާމުގައި ދެމިހުރުމަށް ރައްޔިތުންގެ ރުހުން ބޭނުން ނުވާކަމެވެ. ރައްޔިތުންގެ މަސްލަހަތަށް ބަލަން ނުޖެހޭނެ ކަމެވެ. އިންސާފަށް ބަލަން ނުޖެހޭ ކަމެވެ. ފުލުހުންގެ މުއައްސަސާއިން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަމަހައްޓާ މަތިކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ނޫން ކަމެވެ. ޚިދުމަތްދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް އިސްކަންދޭންޖެހޭ ކަމެވެ. ފަރުދުންގެ އަސާސީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން އަދުލުވެރި ގޮތުގައި ހިފުމަކީ ޚިދުމަތުގެ އަސާސެއް ނޫން ކަމެވެ.

މިޙާލަތު ބަދަލު ކުރަން އެދޭނަމަ ކޮންމެހެން ގެންނަން ޖެހޭ އިޞްލާޙުތަކެއް އެބަހުއްޓެވެ. ފުލުހުންގެ ވެރިންނަކީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ބަޔަކަށް ހެދުމަށްޓަކައި ފުލުހުންގެ ޤާނޫނުގައިވާ ލޯވަޅުތައް ބައްދާ، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އައްޔަނު ކުރެވޭ ގޮތަށާއި މަޤާމުން ވަކިކުރެވޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިގޮތުން، ފުރަތަމަ ކަމަކީ ކޮމިޝަނަރ އޮފް ޕޮލިސްއަކީ ވަކި މުއްދަތަކަށް އައްޔަނު ކުރެވޭ މަޤާމަކަށް ހެދުމާއި، އެ މަޤާމަށް މީހުން ހޮވުމުގައި ކުރިން ބުނެވިދިޔަ ސިފަތަކަށް ރިޢާޔަތް ކުރެވޭނެ ގޮތެއް ޤާނޫނުގައި ލިޔުމެވެ. ދެވަނަ ކަމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސްގެ ޚިދުމަތް ވަޒަން ކުރެވޭނެ އިންތިޒާމެއް ހަމަޖެހުމާއި، މަޤާމުގައި ދެމިހުރުމާއި ވަކިވުން ބިނާވަނީ ރައްޔިތުންނަށް ޚިދުމަތްދޭ ގޮތެއްގެ މައްޗަށް ކަމަށް ހެދުމެވެ. ފުލުހުންގެ މުއައްސަސާ ހިންގުމަށް ކުރެވޭ ހޭދައަކީ ރައްޔިތުންގެ މަންފާއާއި ލާބައަށް ކުރެވޭ ހޭދައެއްކަމުގައި ހަދައިގެން ކޮމިޝަނަރ އޮފް ޕޮލިސް މަސައްކަތް ކުރަން ޖެހޭނެފަދަ ވެއްޓެއް އުފަން ކުރުމެވެ. މީގެ އިތުރުން، އެ މަޤާމަށް އައްޔަނުކޮށްފައިވާ ފުލުހެއްގެ ދައުރު ހަމަނުވަނީސް މަޤާމުން ވަކިކުރަން ޖެހޭ ޙާލަތްތަކުގައި ޢަމަލުކުރަން ޖެހޭ އިޖުރާއަތުތަކެއް ވެސް ކަނޑައެޅުމެވެ.

އެޑިޓަރުގެ ނޯޓު:
އަބްދުﷲ ފައިރޫޝަކީ ކުރިން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު ކަމާއި އެކްޓިން ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ފައިރޫޝްވަނީ އިންޓަނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްއިންނާއި، ޕޮލިސިން، އިންޓެލިޖެންސް އެންޑް ކައުންޓަ ޓެރަރިޒަމްގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ. ފައިރޫޝް މިހާރު ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ.
ފުލުހުން ސަރުކާރު
ހިޔާލު

ހެހޭ

ފުރިހަމައަށް ބަސްތައް މާނަކުރާ ރޭ ބުނާގޮތުން ރައްޔިތުން، ގައުމު، މުޖްތަމައު، ތަރައްގީ، ގާނޫނު، ގަވާއިދު، އަދުލު، އިންސާފު، ޑިމޮކްރަސީ، މިހުރިހާ ކަންކަމަކީ ރައީސުލް ޖުމުހޫރިއްޔާ ގެ ދެވަނަ ނަންތަކެވެ.

އަހުމަދު

ހަޤީގަތަކީ ފުލުހުންގެ މުއައްސަސާ ހަލާކުގެ ތެރެއަށް ދާން މަޖުބޫރުވަނީވެސް ސިޔާސީ މީހުންގެ ސަބަބުން، އެއިރަކު އޮންނަ ސަރުކާރެއްގެ އިންޓްރެސްޓްގަ ކަންކަން ކުރުވަން ބޭނުން ވުމާއި، ދާވެގެން ބާލާ ޖަނގިޔަލެއް ހެން ފުލުހުންގެ މުއައްސަސާގައި ތިބި ފަންނީ ޢިލްމީ ފުލުހުން ވަކިކުރުމާއި ބަދަލު ކުރުމުގެ ނަތީޖާއަކަށްވަނީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ފުލުހުން ފަސްޖެހުން. ވިސްނަވާ ވޭތުވެދިޔަ 10 އަހަރުތެރޭ ކިތައް ފުލުހުން ޙިދުމަތުން ދުރުކުރެވުނުތޯ. މީކީ ވެމްކޯ އެއްނޫން ދެއިރު މުވައްޒަފުން ބަދަލުވާން.

ޔެސް ސަރ

ވަރަށް ރަނގަޅު ވާހަކަ ތަކެއް ހުރި ލިއުމެއް. ފުލުހުން ސިޔާސީވެޔޭ ބުނާ ބުނުމަށް ހުއްޓުމެއް އަންނާނެ ކަމަށް ފެނޭ މިކަން އިމްޕްލިމެންޓް ކޮށްފިނަމަ