Rohingya Fundge Faisaa Vee Emme Avas Furusatheggai Foaru Kohdheynan: Islamic Ministry
image
ރޮހިންޔާ މުސްލިމުންތަކެއް---
7 ކޮމެންޓް
 

"ރޮހިންޔާ ފަންޑުގެ ފައިސާ ވީއެންމެ އަވަސް މުއްދަތެއްގައި ފޯރުކޮށް ދޭނަން"

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގައި ހިންގި ހަރަކާތްތަކުން އެއްކުރި ފައިސާތައް ވީއެންމެ އަވަސް ފުރުސަތެއްގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރޮހިންޔާ ފަންޑަށް ޖަމާ ކުރި ފައިސާތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށް ރޭ ނެރުނު ބަޔާނެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނީ އެ ފައިސާތައް ފޮނުވާލުމައްޓަކާ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފައިސާތައް ހާލުގައި ޖެހުނު ފަރާތްތަކަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަމައްޓަކާ ކުރަމުން ދަނީ ކޮން މަސައްކަތެއްކަން އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން އިސްވެ އޮވެ ހިނގި އެ ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ލިބުނު ފައިސާއާއި އެކި އެކި ފަރާތްތަކުންނާއި ވިޔަފާރިވެރިން ދޭން ވައުދުވި ފައިސާ ހިމެނޭ ކަމަށާއި އެ ފައިސާތައް ހޯދައި ފަންޑަށް ޖަމާ ކުރުމަށް ދިފގު މުއްދަތެއް ނެގި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން ހިމާޔަތް ހޯދަން މިލިއަނެއްހާ މީހުން ބަންގުލަދޭޝަށް އެކަނި ވެސް ހިޖުރަ ކުރިއެވެ. އެ ޖަރީމާތަކުގައި އެތައް މުސްލިމުންނެއްގެ ގެދޮރު އަނދާލި އިރު ބައެއް މުސްލިމުން އަތުލައިގަނެ މަރާ ހަދާފައި ވެސް ވެއެވެ.
ހިޔާލު

ޙަސަން

ރައްޔިތުންގެ ލާރި ކައިފަ ހިތް ހަމަ ނުޖެހިގެން ނިކަމެތިވެ ބިކަހާލުހަ ޖެހިފަތިބި ބަޔަކަށް ހެޔޮނިޔަތުގަ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި 18 މިލިއަންވެސް ބަނޑު އަޅާލީ. ޢަދި އެވެސް އިސްލާމިކް މިނިސްޓްރީ. މިވަރުގެ ބަޔަކު ނުކުރާނެ ކަމެއް އެބައޮތްތޯ

އަލިމަތަކުރު

މަގެދީނާ މަގެގައުމާ ... ހަހަހަ ދެން އައްތްޖަހާ ދެންއަތްޖަހަ އަތްޖަހަ އަތްޖަހާ.... ކެމްޕޭނަށް އިސްލާމިކް މިނިސްޓްރީން އެއްކުރި ލާރިކޮޅު ގެއްލުނީ. އެހެން ވައްކަމަކަށް އަވަހަށް ވިސްނަވާ.

އަލީ

ކެމްޕޭނަށް ހަރަދުކޮށްލަން ބަހައްޓާފައި ހުއްޓާ މިނޫސްވެރިންގެ ކަންތައް ބޮޑުކަމުން އެވެސް މިޖެހުނީ ދޭން. ކިހާދެރަދޯ މިނިސްޓަރ. ނުސްތައް ހަމަ ބަންދުކުރަންވީ.. ހަހަހަހާ

ގޮޅި

އަދި މިދައުރު ނިމެންދެން މަޑުކޮއްލާ، ބޮޑެތި ސުންޕާ ވަގުން

ހުސެންބެ

ދައުލަތުގެ ބަޖެޓްގަ ޓްރެފިކް އިސް ޓިކާޖަހަގެން ލިބޭނެ ކަމަށް އަދަދު ޖެހިހެން ފަންޑަށް ވެސް އަދަދު ޖެހީ ދޯ . ރާއްޖެ ޓީވީން ހޯދި އަދަދަ ގިނަވީމަ ކަޑަވެެގެން ކިތާބީ އަދަދުން ސަރުކާރު ފަންޑް ބޮޑުވީ... ހެހހެ

އައިންތު

ބޭކާރު ވާހަކަ ! ހަވާލު ކުރުމުގެ ނިޔަތެއް އޮތްނަމަ މިހާރު ކިހާ ދުވަހެއް ؟ އަވަސްކުރަން ބޭނުންވާ ކަންތައް ދަންވަރު ކޯޓު ހުޅުވައިގެންވިޔަސް އަވަސްކޮށްލެވޭތަން އެބަފެނޭ. އެމީހުނަށް ތިއެހީ އެންމެ ބޮޑަށް ބޭނުންވި ދުވަސް ހިނގައްޖެ. ކިހާ ބައެއްގެ ހައްގެއް ިހިފައްޓަނީ ؟ މަހުޝަރު ދުވަސް އަންނާނެކަން ހަނދާންނެތުނީބާ ؟

ގުއިއްޒު

ވީތަނެއް ނޭނގޭ ފައިށާތަކެއް ކޮންތާނުން ދެނީ. އެހެންނޫނަސް ހަފްތާއެއްގެ ތެރޭގައި ރޮހިންޖާ މީހުންނަށް ތިފައިސާ ދޭނަމޭ ބުނި. މިހާރު ތިވާހަކަ ތި ދައްކަނީ އަދުންއަޅުވަން. މަގޭ މައަސަލައެއް ނެތް. ނަރަކައިގައި އަނދާނީ ތިކަމުގައި އުޅުނު މީހުން.