Varah Loabivey Episode 31
image
ވަރަށްލޯބިވޭ
1 ކޮމެންޓް
ފުނަމާ
 

ވަރަށްލޯބިވޭ

31 ވަނަ ބައި Dhiraagu
އިމްރާންގެ ހުރިހާ ވާހަކައެއް މަނާހިލް އަޑުއަހައިފިއެވެ. ބުނާނެ އެއްޗެއް ނެތެވެ. ވަގުތުފާއިތުވީ މާކުރިންނެވެ. މެހެރްގެ ފުރާނައިގައި ވިންދެއް ހުއްޓައި އެކަން އެނގުނުނަމަވެސް މަނާހިލް އޭނާގެ ލޯބިވެރިޔާއަށް މުޅި އުމުރު ހަދިޔާކުރީހެވެ. މެހެރްގެ ލޯތްބަށްވުރެން މުހިއްމު އެއްވެސް އެއްޗެއް މަނާހިލްގެ ދުނިޔޭގައި ނުވެއެވެ. މެހެރްގެ ނިންމުން ބަދަލުކުރުމަށްއެދި މަނާހިލް އެތައް ދުވަހަކު ރޮއެ އާދޭސްކުރިއެވެ. ނަމަވެސް މެހެރްގެ ގުރުބާނީއަކީ މަނާހިލްގެ މަންމައަށްޓަކައި ދިން ހަދިޔާއެކެވެ.

"މައި ކިންގް.. ލޯބިވާގެ މަންމަ ބޭނުންނުވޭ އަހަރެން ކަހަލަ ބޭނުމެއް ނުހިފޭނެ އަންހެންކުއްޖަކު މަނާހިލްގެ ހަޔާތައް ގެނެސްގެން މަންމަގެ ޕްރިންސްގެ ދިރިއުޅުން ބަރުބާދުކޮށްލާކަށް.. އެހެންވީމަ، ހުރިހާ ގޮތަކަށް ބެލިޔަސް، އެންމެ ރަގަޅު ނިންމުމަކީ މައިންބަފައިންގެ ނިންމުން.. މަންމަގެ ހިތުގައި ނުޖައްސާ! ތިއީ އެއަށްވުރެން މާތް އިންސާނެއް.. އަހަރުމެންގެ ލޯބީގެ ސާބިތުކަން އަހަންނަށް ދައްކައިދީ! ލޯބިވާ އަބަދުވެސް ބުނަމުންއައީ، އަހަރެން އެދުނު ކޮންމެ ކަމެއް ކޮށްދޭނަމޭ! މިއީ އެވަގުތު.. ސާބިތުކޮށްދީ ލޯބިވާ.. އަހަރެން ވައުދުވަން، އަބަދުވެސް އެންމެ ގާތުގައި ވެދޭނަން.. ދުވަހަކުވެސް މަނާހިލް އެކަނިވިޔަ ނުދޭނަން.. ތިއީ އަހަރެން ހައްގެއް.. މިއީ މިހިތުގެ އަޑު" ބައްދާލައިގެން އޮވެ މަނާހިލްގެ ތުނިތުނި ތުނބުޅީގައި މޫނު ހާކާލަމުން މެހެރް ވާހަކަދެއްކީ އެދުވަހުވެސް ރޮމުންނެވެ.

"އެންމެ ދުވަހަކަށް މެހެރް އެއްބަސްވި ނަމަވެސް އަހަރެން ދުވަހަކުވެސް އެހެން ކައިވެންޏެއް ނުކުރީމުސް" މެހެރްގެ ބައްޕައާއި ދިމާއަށް ބުނަން، ލަދުވެތި ވާހަކައެކެވެ. މެހެރްގެ ބައްޕައާއި އެފަދަ ވާހަކައެއް ދައްކަން މަނާހިލްއަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ވަގުތުޖެހުމުން ކޮންމެ ކަމަކާއިވެސް އިންސާނުން ކުރިމަތިލާންޖެހެނީ ހިތްވަރާއެކުއެވެ.

"ކީއްވެ ކުރިން ނުބުނީ؟" ޖަވާބު ލިބުނަސް، ނުލިބުނަސް ހެޔޮކަމަށް މަނާހިލް ސުވާލުކޮށްލިއެވެ.

"ނޭގެ! ނޭގެ.. އެކައްޗެއްވެސް އަހަންނަކަށްނޭގެ.. އަހަރެންގެ ދަރިފުޅުވެސް އަހަންނަކަށް ނޭގުނު.. އޭނާއަށް އެބުނާ އެއްޗެއް އެމީހުން ކާންދިނީ ކޮން އިރަކުކަމެއްވެސް އަހަންނަކަށް ނޭގެ.. އެއީ އަހަރެންގެ ހިތޭ.." އިމްރާންއަށް ރޮވުނީއެވެ. ހިތައް އަސަރުކުރީ ސިކުނޑިއަށްވެސް ކެތްނުވީމައެވެ. ސޯފާގައި ހިފަހައްޓާލުމަށްފަހު ހަށިގަނޑު ކޮންޓޮރޯލްކޮށްލަން މަސައްކަތްކުރިއެވެ.

"އެފަދަ ދެރައެއް އަހަންނަށް ދިނީ ކާކު؟ އެއްވެސް މީހަކަށް އަހަރެން ދެރައެއް ނުދެން.. މެހެރްއަކީ އެހެންމީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއް، ދުވަހަކުވެސް ކުރާނެ ކުއްޖެއްނޫން.. އެފަދަ މާތް އިންސާނެއް އަހަރެންގެ ހަޔާތުގައިވެސް ދުވަހަކުވެސް ނުދެކެން.." ދެފިރިހެނުން ރޮނީއެވެ.

ކޮޓަރީގެ އެއްކަނެއްގައި ކޮޅަށްހުރި ސޫރަ އެއިން އެކަކަށްވެސް ނުފެނެއެވެ. ދެމީހުންގެ އަޑު އަހާނެ އެހެން ބާރެއް އެކޮޓަރީގައި ވާކަމުގެ އިހުސާސެއްވާނަ، އެދެމީހުންގެ އަމަލުތައް ހުންނާނެގޮތް ސިފަކުރުމަކީ ލިޔުންތެރިއެއްގެ ކީބޯޑަށް ނުވަތަ ގަލަމެއްގެ ތުނޑަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ.

"އަހަރެން ވަރަށް ނަފުރަތުކުރިން މަނާހިލްއަށް.. މަނާހިލްގެ އާއިލާއަށްވެސް ވަރަށް ނަފުރަތުކުރީން.. އެކަމަށް ވަރަށް މަޢާފުކޮށްދިނުން އެދެން.. އަދިއަދަށްވެސް އަހަރެންގެ ލޮލަށްފެނޭ، މަނާހިލްގެ ކައިވެނީގެ ދައުވަތުކާޑާއެކު ބައްޕަ، އަހަރެންގެ އޮފީހަށް އައިދުވަސް.. އަހަންނަށް ފަސޭހައެއްނޫން އެކަމަށް މައާފުކުރާކަށް.. އެކަމަކު އެއްވެސް މީހަކަށް ނުރުހުންވުމެއް ހިތުގައި ބާއްވާކަށް މިހާރަކު ބޭނުމެއްނޫން.. އަހަރެންގެ ދަރިފުޅަށް ކައްވަޅުގައިވެސް އަމާންކަން ނޫނީ އަހަރެން ނޭދެން.." އިމްރާންއަށް ރޮވުނީ ތަންކޮޅެއް ބާރަށެވެ.

ބައްޕައެއްގެ ހިތައް ކެތްނުވަނީއެވެ. ލިބުނީ އެންމެ ދަރިއެކެވެ. މުޅި ދިރިއުޅުން ބަރޯސާކުރީ އެދަރިފުޅަށްޓަކައެވެ. ހިތްދަތި ނިމުމަކުން ދަރިފުޅު ވަކިވެގެންދިޔައީ ލޯކުރިމަތީގައެވެ. އިމްރާންގެ ގިސްލުމުގެ ހިތްދަތިކަން ފެންނަމުންދިޔައީ މަނާހިލްއަށް އެކަންޗެއްނޫނެވެ. ދެދޮލުން ކަރުނަތައް ފައިބަމުން ކޯތާފަތްހުރަސްކުރަމުން މެހެރްގެ މޫނު ތެމެމުންދާ މަންޒަރު އޭނާ ބޭނުންނަމަ، އެމީހުންނަށް ދެއްކިދާނެއެވެ. އެންމެ ލޯބިވާ ދެފިރިހެނުން އެތިބީ މެހެރްގެ ހާޒިރުގައެވެ. އެއްކޮޅުގައި ބައްޕައެވެ. އަނެއްކޮޅުގައި އަބަދަށް ދާއިމަށްބޭނުންވި ލޯބިވެރިޔާއެވެ.

"ބުނެދީފާނަންތަ؟ ބައްޕައަށް އެނގޭ މިންވަރެއް ބުނެދީފާނަންތަ؟ ކާކު ކޯންޗެއް މެހެރްއަށް ކާންދިންވާހަކަ ދެންމެ ބައްޕަ ތިބުނީ؟ " ތަފްސީލަކަށް ނުދިއަޔަސް، މަނާހިލް އެދެނީ ކޮންކަމެއްކަން އިމްރާންއަށް އެގެއެވެ.

"އެކަން އެގުމަށްވުރެން ނޭގިއޮތުން މަނާހިލްއަށް ފައިދާބޮޑުވާނެ.. ފެށިފައި އޮތް ދިރިއުޅުން ކޮޅަށް ޖަހައިގެން އުފަލުގައި ދިރިއުޅޭ" ހިތާއި ދެކޮޅަށް ނަމަވެސް އިމްރާން އެބުނަނީ މެހެރް ބޭނުންވާނެގޮތެވެ. ބުނަން އުޅޭ އެއްޗެއް ބުނަން ނުކެރިގެން އިމްރާން އުޅޭކަހަލަގޮތެއް މަނާހިލްއަށް އިހުސާސްވަނީ، ދޭތެރެއަކުން އިމްރާން ބަލައިލާގޮތުންނާއި އަތުގެ ހަރަކާތްތަކުން މަނާހިލްއަށް އެއްޗެއް ވިސްނޭތީއެވެ.

"އަހަރެން ހަޔާތެއްފެށީ، އަހަރެން ބޭނުންވެގެން ނޫން! އެއީ މެހެރްގެ ވަސިއްޔަތެއް.. ކަންކަން ހިނގާދިޔަގޮތް އެހެން އެއްވެސް މީހަކަށް އޮޅުންފިލުވައިދޭން މެހެރް ބޭނުންނުވި.. ސަބަބަކީ އަހަރެންގެ މަންމަ މެހެރްއާއި ދޭތެރޭގައި ކަންތައްކުރިގޮތުން.. މަންމައަށް ވިސްނުނީ މެހެރްއަކީ ބޭނުމެއް ނުހިފޭނެ އަންހެންކުއްޖެއްގެ ގޮތުގައި.. މަންމައަށް ނުވިސްނުނީ މަންމަގެ ދަރިފުޅުގެ ހިތުގެ ހާލު.. މަންމައަށް ނޭގުނީ މަންމަގެ ދަރިފުޅުގެ އުފަލަކީ ކޮބައިކަން... މަންމައަށް ނޭގުނީ މަންމަގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވެނީ މަންމަގެ އަތުންކަން.. މަންމައަށް ނުވިސްނުނީ ހަގީގީ ލޯތްބަކީ ކިހާ ބާރުގަދަ އިހުސާސެއްކަން... މަންމައަށް ނުވިސްނުނީ މަންމަގެ ދަރިފުޅުގެ ހިތުގެ ވިންދަކީ އެދަރިފުޅުގެ ލޯބިކަން.." މަނާހިލް ރޯތަން ބަލަން އިމްރާންއަށްވެސް މިރޭ ފަސޭހައެއްނޫނެވެ.

މެހެރްގެ ރަތް ތުންފަތް ތުރުތުރު އަޅުވާލާފައި ކަރުނަތައް އޮހޮރަނީއެވެ. ނިއުޅުވާލާފައިވާ އިސްތަށިގަނޑުގެ ނުކިޔަމަންތެރި އިސްތަށިތައް ކަރުނައިގެތެރޭގައި ސަމާސާކުރަން މަސައްކަތްކުރާތީ މެހެރް އެކަމަށް ހުރަސްއެޅިއެވެ.

ބައްޕަގެ އަތުގެތެރޭގައި މަނާހިލްއަށް ހިމާޔަތްދިން މަންޒަރުން މެހެރްގެ ބާރުދޫވާންފެށިއެވެ. ހުރިދިމާލުން ތިރިވާންފެށީ މަޑުމަޑުންނެވެ. ދެއިންސާނުންނާވެސް ދާދި ގާތުގައެވެ. ނަމަވެސް މިއަދު މެހެރްގެ ދުނިޔެއަކީ ހުވަފެނެކެވެ. ހިމާޔަތެއްގެ ގޮތުގައިވެސް، ތަސައްލީއެއްގެ ގޮތުގައިވެސް އެއިން އެއްވެސް މީހެއްގެ އެހީތެރިކަމެއް މެހެރްއަށް ލިބެން ނެތެވެ. އަނިޔަވެރި ދުނިޔޭގެ ތޫނު ވަކިތަކުގެ ދަށުވެ، މެހެރް އެވަނީ އެމީހުންނާއި މާދުރައްދާން ޖެހިފައެވެ. ލޯބިވާ މަންމައާއި ސިއްރުން ބައްޕަ އެއޮހޮރާ ކަރުނަތައް ދެކެން މެހެރްގެ ރޫހަށް ކެތެއްނުވެއެވެ.

ކޮންމެ ސިފައެއްގައި ނަމަވެސް މެހެރް، މަނާހިލްގެ ލޯބި ހޯދާނެއެވެ. ދުނިޔޭން ނުލިބުނު އުފަލާއި ލައްޒަތު މެހެރްގެ ދުނިޔޭގައި އޭނާ ލިބިގަންނާނެއެވެ. މަނާހިލްއަކީ އޭނާގެ ހައްގެއްކަމަށް އޭނާވަނީ ގަބޫލުކޮށް ކަނޑަޅާފައެވެ.

"މަނާހިލްއަށް އަހަރެން ދައުވަތުދިނީ މުޅިން ތަފާތު ވާހަކައެއް ދައްކާލަންވެގެން.. މިކަން ގަބޫލުނުކުރިޔަސް އަހަރެންގެ ފަރުވާލެއް ނެތް.. އެކަމަކު ރާލިޔާއާއި މިވާހަކަތައް ހިއްސާކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް އިހުސާސްވާތީ އޭނާއާއި ވިމާހަކަ އަހަރެން ނުދައްކަން.." އިމްރާންގެ އަޑުގައި ހުރި ސީރިއަސްކަން މަނާހިލްގެ ޖަޒްބާތުތަކާއި ކުޅެލިއެވެ.

"މިވާހަކަ ފަށަށް ފަސޭހައެއްވެސް ނޫން.. ވެގެން މިއުޅޭގޮތަކީ.. ވެގެން މިއުޅޭގޮތަކީ.." ބުނަން ދޫމަތީގައި ބަސްތައް އެތުރިފައިވިޔަސް، އެއަށްވުރެން ބޭރުކުރާކަށް އިމްރާންއަށް ފަސޭހައެއް ނޫނެވެ. ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ކައްވަޅުގައި ބޭއްވީ އިމްރާންގެވެސް ހާޒިރުގައެވެ. ވަގުތުގެ ހާލަތު ގަބޫލުކުރެވުނަސް، އެހެންމީހަކު ގާތުގައި ބުނަން ޖެހިލުންވަނީއެވެ.

"މިވަގުތުވެސް، މިތަނުގައި މެހެރް ނެތްކަމެއް އަހަންނަކަށް ނޭގެ.." ބުނަން އެންމެ ފަސޭހަވި ގޮތަކަށް އިމްރާން ބުނެލިއެވެ. މަނާހިލްއަށް އޭގެ މާނައެއް ނޭގުނަސް، އިމްރާންގެ ފަރުވާލެއްނެތެވެ. އިމްރާންގެ ދުލުން ބޭރުވި ޖުމްލައާއެކު މެހެރްގެ ދެލޯ މެރިގެން ދިޔައީ ކަރުނަތައް ފޫއަޅުވާ ލާފައެވެ.

"ބައްޕާ.. އަޅުގަނޑަށް މައާފުކުރައްވާ" އެހެން މީހަކަށް އަޑުނީވުނަސް ވައިގެ ތެރޭގައި އެޖުމުލަ ހަރަކާތްކޮށްލިއެވެ. ހިތާމައިން ފުރިފައިވި ބުނެލުމެކެވެ.

އިމްރާން ބުނިއެއްޗެއް އެނގިގެން ނުވަތަ ނޭގުނީތީކަމަށްވެސް ވެދާނެއެވެ. މަނާހިލްގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ސުވާލުތަކުން އެސިކުނޑިއެވަނީ ފުނިޖެހިފައެވެ.

"ބައްޕަ ތިބުނީ ކީކޭ؟ ތިބުނި އެއްޗެއްގެ މާނައަކީ ކޮބައި؟" މަނާހިލްގެ ހަރަކާތްތައް އަވަސްވެއްޖެއެވެ. ހިތުގެ ވިންދު އަވަސްވެ، ނުތަނަވަސްވެއްޖެކަން ރީތި މޫނުގެ ސާފުދެލޮލުން ހެކި ދެނީއެވެ.
ބުނާނެ އެއްޗެއް ނެތުމުން ހުރިތަނަށް ތިރިވެ އިމްރާން ރޯންފެށިއެވެ.

***

ގައިގައި ބީހުމަށްފަހު ފެންތިކިތައް ސީދާ އަމާޒުވެފައިވަނީ މުށިގަނޑު މައްޗަށެވެ. އިސްކޮޅުގައި ތަފާތެއް ހުއްޓަސް، ދެހަށިގަނޑުގެ ހިޔަނި އެތަނުގެ ތެރެއިން ފެންނަން ހުރިނަމަ، އެއީ ދެމީހެއްގެ ހިޔަނިކަން ގަބޫލުކުރާނެ ލޮލެއް ނުހުންނާނެއެވެ. ރިދާގެ ހިތްހަމަޖެހޭވަރުވުމުން ފެންމާގަނޑު ބަންދުކުރިއެވެ. ހައިލަމްގެ ގައިގެ ހަންގަނޑު ކުރަކިވެފައި ހުރުމުން ދެފަރަކު އެކަމާ ރިދާ ސުވާލުކުރިއެވެ. ހިނިތުންވުމެއް ފިޔަވާ އިތުރު އިޝާރާތެއް ހައިލަމްގެ ފަރާތުން ރިދާއަށް ނުފެނުމުން އެކަމާވެސް އިތުރަށް އެއްޗެއް ނުބުނަން ރިދާ ނިންމިއެވެ.

"ހާދަ ނުސާފު ފާޚާނާއެކޭ މިއީ.." ހުދު ތުވާލިގަނޑު ހަށިގަނޑުގައި އޮޅާލަމުން ރިދާ ބުނެލިއެވެ. ޖަވާބު ދިނުމަކީ މިރޭ ހައިލަމްއަށް މުހިއްމުކަމަކަށް ނުވާތީ މިފަހަރުވެސް މާބައިވަރު ވާހަކައެއް ނުދައްކައެވެ.

"ގަނޑުވަރުތަކުގައި އުޅޭ ރާނީންނަށް މިތަންތަން ކަމަކު ނުދާނެ" ޒުވާނާ ބުނެލިއެވެ.

"އާއެކޭ.. ގަނޑުވަރެއްގައޭ މަ އުޅެނީ..! އޭއި! ކޮން އިރަކު ރޯގާ ޖެހުނީ.." ހައިލަމްގެ އަޑުގައި ކުރަކިކަމެއް ހުރިކަން ރިދާއަށް މިފަހަރު ފާހަގަވެއްޖެއެވެ. ޖަވާބެއް ދިނުމެއް ނެތެވެ. ތުނިތުނި ގޮދަޑިއެއްގައި ބާ ބެޑްޝީޓެއް އަޅާފައި އޮތް އެނދުމައްޗަށް ފަސޭހަކަމާއެކު ރިދާ އެއްލިއެވެ.

"މިރޭ ހަމައިގަތަ ތިހުރީ؟ ދުވަހަކުވެސް ތިހާ ފަސޭހައިން މަ އުފުލާލި ހަނދާނެއް ނެތް" ލިބުނު ފަޚުރަކީވެސް ސުވާލަކަށް ވެގެން އެދިޔައީ ހައިލަމްގެ ހަރަކާތްތައް ތަފާތުކަން ރިދާއަށް ޔަގީންވީމައެވެ.

"ހާދަ ސުވާލު ގިނަވެގެން ތިއުޅެނީ؟" ރިދާގެ ގައިމައްޗަށް ފުންމައިގެން ޖެހިގަތީ ގަހެއްގެ ގޮފިގަނޑަށް ވާލެއް ވެއްޓިގަންނަ ފަދައިންނެވެ.

ހިނދުކޮޅެއްގެ ތެރޭގައި ޒުވާނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ރިދާގެ ހުރިހާ ކޮންޓްރޯލެއްވަނީ އޭނާގެ އަތުގެތެރޭގައެވެ. ގަދަބާރުން ސަލާމަތްވުމަށް ރިދާ ކިތަންމެ ހިތްވަރެއް ކުރިޔަސް، އެކަން ފަސޭހައެއް ނުވާނެއެވެ. ގަޔަށްލީ އަންނައުނު ކޮބައިތޯ ރިދާއަށް ހޯދާލެވުނީވެސް އުނދަގުލުންނެވެ. ތަންކޮޅެއް ދުރުގައި ހުރި އަތްގަނޑުލީ ގޮނޑިއެއްގެ މައްޗަށް ރިދާ އޭއްޗެހި އެއްލާލިގޮތައް އޮތެވެ.

"ކަލޭތީ ކާކު؟ ކަލެއަކީ އަހަރެންދަންނަ ހައިލަމެއް ނޫން.. ހަމަމިހާރު މަ ދޫކޮށްލާ" ރުޅިވެރިކަމާއެކު ރިދާ ބުނެލިއެވެ. ސިކުންތެއްގެ ފަސްޖެހުމެއްވެސް ނެތެވެ. ހޫރުވާލި ބާރުމިނުގައި ރިދާ ގޮސްޖެހުނީ ފާރެއްގެ ބުޑަށެވެ.

"އާން.. އާން.. އަހަރެންނަކީ ހައިލަމެއްނޫން.. އެކަމަކު އަހަންނަށް ދައުވަތު ދިނީ ކަލޭ.. އަހަރެން މިސޫރައަށް ބަދަލުކުރީ ކަލޭ.. އަހަރުމެން ކޮން ގޯނާއެއްކޮށްގެން ކަލޭމެންގެ ނުބައި ސިހުރުގައި އަހަރުމެން ޝާމިލުކުރުވީ؟ އިންސާނުންނަކީ ނުބައި ބައެއް" އެނދުމަތީގައި އޮތް ޒުވާނާ ފުންމައިގެން އައިސްޖެހުނީ ރިދާގެ ކުރިމައްޗަށެވެ. ބިރުވެރި ބަރުއަޑެކެވެ. ހުރިހާ ފާރެއްގެ ތެރެއަށް އެއަޑުވަދެގެން ދިޔަހެންވެސް ހީވިއެވެ.

ނުބައި ސިފަޔަކަށް އޭތި ބަދަލުވިއިރެއްވެސް ރިދާއަށް ނޭގުނެވެ. ހަތަރެސްފައި ޖަހައިގެން އެއޮތީ ސިފަވަކިކުރަން ނޭގޭ ޒާތެއްގެ ޖަނަވާރެއްހެންނެވެ. މިޔަރެއްގެ ދަތްތައްފަދަ ތޫނު ދިގު ދަތްތަކެއް ތިންހަތަރު ބަރިއަށް ހުއްޓެވެ. އަނގައިން ފައިބާ ލޮނދިތަކުން ދުވާ ކުނިވަހުން ރިދާއަށް ނޯއްދަމާލަން ނުކެރެއެވެ.
ޖެހުނުލެއް ބާރުކަމުން ހަށިގަނޑުގެ އެތަންމިތަނަށް އަނިޔާވެފައި އޮތުމުން އެތަނުން ތެދުވުމަށް ރިދާއަށް މާބޮޑުކަމެއްވެސް ނުކުރެވުނެވެ. ހަތަރެސްފައި ތުރުތުރުއަޅާއިރުވެސް ރިދާގެ ދެލޯ ބޮޑުކޮށްގެން އެއޮންނަނީ އޭއްޗަށް ބަލާށެވެ.

"ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.. އަހަރެން ކަލޭމެންނަކަށް ގެއްލުމެއް ނުދެން.. އަހަރެން އެކަކަށްވެސް ގެއްލުމެއް ނުދެން" ބިރުން ފިއްކެނޑިފައި އިނދެވެސް ރިދާގެ ކުށެއް ނެތްކަން ހާމަކުރަން އޭނާ އުޅުނެވެ.

އިވުނު ގަދަ ހިނިގަނޑާއެކު ރިދާއަށްފެނުނީ ފުންމައިގެން އޭތިގޮސް ސީލިނގުގައި އެލިގަތްތަނެވެ. ބޮޑު ދެލޯ އޮތީ ރަތްކޮށްލައިގެންނެވެ. އޭތީގެ ކަނދުރާގައި އެންމެ ކަށިކޮޅެއް ހުރިހެންވެސް ހީނުވެއެވެ. ބިރުވެރި އަޑުއަޑުން މަލާމާތުގެ ރާގުތަކަށް ހެމުން ކަރު އަނބުރަމުން އޭތި ވައްތަރު ޖައްސަންފެށީ ރިދާއަށް އޭނާގެ ނިކަމެތިކަން އިހުސާސްކުރުވާށެވެ. ހިނދުކޮޅެއްގެ ތެރޭގައި ރިދާގެ ދެފައިގައި ތެތްކަމެއް ހުރިހެން ހީވުމުން އޭނާ ބަލައިލިއެވެ. ނުވެސްއެނގި ކުޑަކަމުދެވިފައެވެ. ރޯންފެށީ ވަރަށް ބާރަށެވެ. ކަރުބުޑުން ހަޅޭއްލަވަންފެށިއެވެ. ރިދާގެ އަޑާއި އެއްވަރަށް ބިރުވެރިއަޑަކުން އޭތި ރާގު ރާގަށް ހޭންފެށިއެވެ.

"ކަލެއަކީ.. މީދަލެއް.. ތީ ފިނޑިއެއް.. ތީ މަކަރުވެރި ނުލަފާ މީހެއް.. ކަލެއަކީ ބޭވަފާތެރިއެއް.. އިންސާނުންގެ ތެރޭގައި ކަލެއަށް އެއްވެސް ގަދަރެއް ލިބުނަ ނުދޭނަން.. ކަލޭގެ އަނގަ މައިތިރިކޮށްގެން ހިނދުކޮޅެއްވެސް މިރޭ މަށަށް ދިންނަމަ، ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލީމުސް..." އޭތީގެ އަޑު ރިދާގެ ކަންފަތްފަޅާފައި ބައިބައި ވަކިވެގެން ދާހައި ބާރުގަދައެވެ. ހަޅޭއްލަވަމުން އެހީއަށް އެދެމުން ރިދާ ރޮނީއެވެ.
އެތަނުގެ ދޮރުހުޅުވުނީ ކުއްލިޔަކަށެވެ.

-- ނުނިމޭ --
13 މެއި 2018
ވަރަށްލޯބިވޭ
8 މެއި 2018
ވަރަށްލޯބިވޭ
6 މެއި 2018
ވަރަށްލޯބިވޭ
29 އޭޕްރީލް 2018
ވަރަށްލޯބިވޭ
ހިޔާލު

ބަސްމަދު

ފުނަމާ ގެ ވާހަކަ ތައް ވަރަށް ރީތި. . އެކަމަކު މިވާހަކަިއިން ފާހަގަ ކުރެވޭ ވަރަށް އޮޑު ކަމެއް ބުނެލާ ހިއްވޭ. . . ދެމީގުންގެ ވެސް މާތް ވާހަކަ ަބަދު ދައްކާ އިރު ދެމީހުން ވަކިން ވަކި ކޮޓަރިއެއްގަ ތިބެގެން ބައްދަ ބައްދާފަ އޮޅުލަމުން ލޯބި ކުރާ ވާހަކަ ދައްޖާތީ ވަރަށް ހަމަ ނުޖެހޭ. . ވާހަކަ ތަކުގަ އާންމުކޮށް އެކަހަލަ ބައި ބައިބައި އަޔަސް އެއީ މާތް މީހުން އުޅޭގޮތެއް ނޫން. . އުންމީދު ކުރަން ކޮމެންޓް ޖަހާނެ ކަމަށް. . ހަމަ މާތް ވާހަކަ ދައަކާލެއް ގިނަ ކަމުން.