Sharuthuthakah Noosthakuge editorun fehthumah dhin mudhathu ithurukohfi
image
0 ކޮމެންޓް
 

ޝަރުތުތަކަށް ނޫސްތަކުގެ އެޑިޓަރުން ފެއްތުމަށް ދިން މުއްދަތު އިތުރުކޮށްފި

ގަވައިދު އިސްލާހުކޮށް، ޝަރުތުތަކަށް ނޫސްތަކުގެ އެޑިޓަރުން ފެއްތުމަށް ދިން މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފިއެވެ.
"ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އާންމުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ގަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާން ޖެހޭނެ ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ އެޑިޓަރުންގެ ތެރެއިން ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަނުވާ އެޑިޓަރުން، ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ދިނެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަވާއިދުގައި ބުނާ ޝަރުތުތައް ހަމަނުވާ އެޑިޓަރުން، އެ މާއްދާގައި ބުނާ ޝަރުތުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް މިމަހުގެ 25 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވާ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ނޫސް މަޖައްލާއެއްގެ އެޑިޓަރަކު މަޤާމުން ވަކިވެއްޖެ ނަމަވެސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އެޑިޓަރަކު ތިން ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހެއެވެ.

ގަވާއިދު އިސްލާހުކުރުމުން، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާހުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ހޯމް މިނިސްޓްރީ އާ މަޝްވަރާކޮށްފައެވެ. އަދި އެޑިޓަރުންގެ ޝަރުތު ބަދަލުކުރުމަށް ކޯޓަށް މައްސަލަ ހުށައަޅައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ.
ހިޔާލު