Editor in ge Sharuthuge Mahsala Avahah Court Hushahelhumah AG gai Edhijje
image
ބައެއް ނޫސްތަކުގެ އެޑިޓަރުންނާއި އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
0 ކޮމެންޓް
 

އެޑިޓަރުންގެ ޝަރުތު މައްސަލަ އަވަހަށް ކޯޓަށް ހުށަހެޅުމަށް އޭޖީގައި އެދިއްޖެ

އިސްލާހުކުރި ގަވާއިދުގައި ހިމަނާފައިވާ އެޑިޓަރުންގެ ޝަރުތުތައް ބަތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަށް ބަންޑާރަ ނާއިބު އޮފީހަށް ފޮނުވާފައިވާ މައްސަލަ ވީހާވެސް އަވަހަށް ކޯޓަށް ހުށަހަޅައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެޓާނީ ޖެނަރެލްގެ އޮފީހުގައި އެދިއްޖެ އެވެ.
މީީޑިއާ ކައުންސިލުން ވާހަކަ ދެއްކި އިސް އޮފިޝަލަކު ވިދާޅުވީ އެމައްސަލަ އަވަހަށް ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނަރަލްގެ އޮފީހުގައި އިއްޔެ އެދިފައިވަނީ އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައަކަށްވެފައި މައްސަލަ ކޯޓަށް ހުށަހެޅުން ލަސްވެއްޖެނަމަ ލިބޭ ގެއްލުން ބޮޑުވާނެތީ ކަމަށެވެ.

ހޯމް މިނިސްޓްރީން އަލަށް އެކުލަވައިލި ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ. އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ނޫސް މަޖައްލާއެއްގެ އެޑިޓަރަކު މަޤާމުން ވަކިވެއްޖެ ނަމަވެސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އެޑިޓަރަކު ތިން ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހެއެވެ.

ގަވާއިދު އިސްލާހުކުރުމުން، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާހުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ހޯމް މިނިސްޓްރީ އާ މަޝްވަރާކޮށްފައެވެ. އަދި އެޑިޓަރުންގެ ޝަރުތު ބަދަލުކުރުމަށް ކޯޓަށް މައްސަލަ ހުށައަޅައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މި ޤަވާއިދުގެ ދަށުން މިހާރު ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ފައްތާ އަލަށް އެކުލަވާލި ޤަވާއިދާއި އެއްގޮތަށް ނޫސްތަކުގެ އެޑިޓަރުން ބަދަލުކުރުމަށް މިދިޔަ ފެބުރުއަރީ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީންވަނީ އިއުލާނުކޮށް އަންގާފައެވެ.

އެޑިޓަރުން ބަދަލު ކުރުމަށް މިނިސްޓްރީން ދީފައިވާ މުއްދަތު އިއްޔެ ހަމަވެފައިވާއިރު، އެމުއްދަތު މިހާރުވަނީ މިމަހުގެ 25 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެޑިޓަރުންގެ ޝަރުތުގެ މައްސަލައިގެ އިތުރުން އެ ގަވާއިދުގައި ހުރި ބައެއްކަންތައްތަކާ މެދު މީޑިއާތަކުންދަނީ ކަން ބޮޑުވުންފާޅުކުރަމުންނެވެ. އެމައްސަލާގައި ހޯމް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއެކު މީޑިއާ ކައުންސިލުންވަނީ ބައްދަލުވެސް ކޮށްފައެވެ.
ހިޔާލު