New Radiantge Molhuvumuge Silsila Ah Nimumeh
image
ނިއުގެ ސެންޓޭ މެޗެއްގެ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
0 ކޮމެންޓް
 

ނިއު ރޭޑިއަންޓުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް

ރޭ މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލު ކުރި މެޗު އެއްވަރުވެ ނިއު ރޭޑިއަންޓުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އަތުވެއްޖެއެވެ.
މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު މާޒިޔާ އަތުން ބަލިވި މެޗަށް ފަހު ނިއު އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް 20 މެޗަށް ފަހު ވަނީ ނިމުމެއް އައިސްފަ އެވެ.

މި މެޗްގެ 13 ވަނަ މިނިޓްގައި އީގަލްސްގެ ލުއިޒް އެޑުއާޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ 13 މިނިޓް ފަހުން އެޑުއާޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އީގަލްސްއަށް ލީޑު ފުޅާކޮށްދީ ޓީމަށް ހަމަޖެހިލުމުގެ ފުރުސަތު ހޯދައިދީފައެވެ.

އީގަލްސްއިން ދެ ލަނޑު ޖެހުމާއެކު ނިއު ރޭޑިއަންޓުގެ ކޯޗު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް އޭނާގެ ފާޑުކިޔުންތައް ލައިންސްމަން ނިއުޝާދަށް އަމާޒުކޮށްފައެވެ. މިއާއެކު ހާފްނިމެން ކުޑަތަންވެފައިވަނިކޮށް އޭނާ ވަނީ ބެންޗުން ފޮނުވާލާފައެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ ޓީމާއި އަަލަށް ގުޅުނު ޒުވާން ކުޅުންތެރިޔާ ބޮބީ އެވެ.

މި މެޗުން ނިއު ރޭޑިއަންޓަށް އެއްވަރު ކޮށްދީފައިވަނީ މެޗްގެ 90 ވަނަ މިނިޓްގައި އަކްރަމް އަބްދުލް ޣަނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލީގުގެ އެއް ވަނައިގައި މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.
ހިޔާލު