Editorunge Sharuthu Furihamakuran Dhin Mudhathah Ithuru 18 Mas
image
ބައެއް ނޫސްތަކުގެ އެޑިޓަރުންނާއި އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
1 ކޮމެންޓް
 

އެޑިޓަރުންގެ ޝަރުތު ފުރިހަމަކުރަން ދިން މުއްދަތަށް އިތުރު 18 މަސް

ނޫސް މަޖައްލާގެ އެޑިޓަރުންގެ ޝަރުތު ފުރިހަމަކުރަން 18 މަސް ދުވަސް އިތުރުކޮށްދީފިއެވެ.
ހޯމް މިނިސްޓްރީން އަލަށް އެކުލަވައިލި ނޫސް މަޖައްލާ އާއި އެނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޝަރުތަށް ނުފެތޭ ވަރަށް ގިނަ އެޑިޓަރުން އެބަ ތިބި ކަމަށާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މިހާރު އެޑިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބޭފުޅުންގެ އެދުމުގެ މަތިން އެ ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެޒެޓްގައި ޝާއިޢުކުރުމާއި ހަމައަށް އެޑިޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ މާއްދާއަށް އަމަލުކުރުން 18 މަސްދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.

މިހާރު ތިބި އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ކޯހެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި ދާއިރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ކޯސް އެކުލަވާލެވުނުހާ އަވަހަކަށް އެކަމަށް އެދޭ އެޑިޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހިޔާލު

މުހައްމަދު

ދުނިޔޭގައި ހިންގާ އެޑިޓަރުކަމުގެ ފުރަތަމަ ކޯހަށް ތިޔަ ކޯސްހިންގައި ޑިގްރީ ދޭ ޔުނިވަރސިޓީއެއް ދުނިޔޭގައި އެބަހުރިބާ! މިއީ ދުނިޔޭގައި ހިންގާ އެޑިޓަރުކަމުގެ ފުރަތަމަ ކޯހަށްވާނީ.