Customs ah Libunu Aanmudhany 20 Insahtha Dhashah
image
ކަސްޓަމްސް ސަރަހައްދަށް ބާލާފައިވާ މުދާތައް-- ފޮޓޯ: އެމްޕީއެލް
0 ކޮމެންޓް
 

ކަސްޓަމްސްއަށް ލިބުނު އާމްދަނީ 20 އިންސައްތަ ދަށަށް

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު ހުސްވި ފެބްރުއަރީ މަހު 20 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ
ކަސްޓަމްސް އިން ބުނިގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 257 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ލިބިފައިވަނީ 323 މިލިއަން ރުފިޔާއެވެ. މިއީ 20 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީމަހާ އަޅާބަލާއިރު އިމްޕޯޓް ޑިއުޓީގެގޮތުގައި މިދިޔަ މަހު ލިބުނު އަދަދު ދަށްވެފައިވަނީ ސިނގިރޭޓްގެ ޑިއުޓީއަށް މިދިޔައަހަރުގެ މާރިޗުމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ގެނެވުނު ބަދަލާގުޅިގެން ބޮންޑެޑްވެއަރހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީދައްކާ ކްލިއަރކޮށްފައިވާތީ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅާބަލާއިރު 26 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ދިވެހިރާއްޖެއަށް 3.05 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ފެބްރުވަރީ މަހު މިއަދަދުވަނީ 3.85 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، މެލޭޝިޔާއިން 15 އިންސައްތަ އަދި ޗައިނާއިން 12 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 20 އިންސައްތަ ދަށަށްގޮސްފައެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ފެބްރުވަރީ މަހު އެކްސްޕޯޓްކޮށްފައިވަނީ 240 މިލިއަން ރުފިޔާގެ މުދަލާކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި އިނގިރޭސިވިލާތަށް ނުވަ އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތަށް އެކްސްޕޯޓްކޮށްފައިވަނީ އަށް އިންސައްތައިގެ މުދަލެވެ. ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި ފަރަންސޭސިވިލާތަށް އެކްސްޕޯޓްކޮށްފައިވަނީ ހަތެއް އިންސައްތަ މުދަލެވެ.
ހިޔާލު