Mi Molhu Hadhiyaa Kuranee Gaumee Coach Ah: Dhagandey
image
0 ކޮމެންޓް
 

މި މޮޅު ހަދިޔާ ކުރާނީ ގައުމީ ކޯޗަށް: ދަގަނޑޭ

މާލޭ ލީގުގައި ރޭ ޔޫވީ އަތުން ހޯދި މޮޅު ހަދިޔާ ކުރާނީ ދާދިފަހުން ގައުމީ ޓީމާއި ހަވާލުވި އަފްއާނިސާތުނުގެ ކުރީގެ ކޯޗް ސެގަޓްއަށް ކަމަށް ދިވެހި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ބުނެފިއެވެ.
މެޗަށްފަހު ނޫސްވެރިންނަށް ދިން ކުރު އިންޓަވިއުގައި ދަގަނޑޭ ބުނެފައިވަނީ މެޗުން ހޯދި މޮޅު ހަދީޔާ ކުރާނީ ގައުމީ ކޯޗަށް ކަމަށެވެ.

"އަޅުގަނޑު މި މެޗުން ހޯދި މޮޅު ހަދިޔާ ކުރާނީ ގައުމީ ކޯޗަށް." ނިއު ރޭޑިއަންޓުގެ ކެޕްޓަން ބުނެފައިވެއެވެ.

ގައުމީ ޓީމަށް ގިނަ އަހަރުތަކެއް މެދު ކެނޑުމެއްނެތި ކުޅެމުން އައި އަލީ އަޝްފާގު ވަނީ ދިވެހި ޓީމު އެންމެ ފަހުން އޭއެފްސީ ކަޕުގައި ބޫޓާނާ ދެކޮޅަށް ނިކުތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ގައުމީ ޓީމުން ވަކިކޮށްފައެވެ.

އަޝްފާގާ ނުލާ ޓީމު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ދިވެހި ގައުމީ ޓީމުން 7-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު މެޗަށްފަހު ޓީމުގެ ކޯޗު ސެގަޓް ބުނެފައިވަނީ މޮޅު ހަދިޔާ ކުރަން ބޭނުން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އައްސަދު އަލީ (އަޑޭ) އާއި ޓީމުން ބާކީކޮށްލި އަލީ އަޝްފާގް (ދަގަނޑޭ) އަށް ކަމަށެވެ.

ޔުނައިޓެޑު ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ދަނޑުމަތީގައި ދެއްކި ހުނަރުވެރި ކުޅުމާއެކު އަޝްފާގު ވަނީ މެޗުގައި ދެ ލަނޑު ޖެހުމުގެ އިތުރަށް އެސިސްޓެއް ވެސް ހަދާފައެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އަޝްފާގު އެވެ. މިއީ ގައުމީ ޓީމުން ބާކީ ކުރިފަހުން ދަގަނޑޭ ޕްރޮފެޝަނަލް ލެވެލްގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުން ނިއު މޮޅުވުމާއެކު ޓީމު ވަނީ މާލޭ ލީގުގެ ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ. 10 ޕޮއިންޓާއެކު ނިއު އެއް ވަނާގައި އޮތްއިރު ދެވަނާގައި އޮތީ ވާދަވެރި އީގަލްސް އެވެ.
ހިޔާލު