Tho'jehumah haqeeqee hahlu geynan gut raees kobaa?
image
މާލޭގެ މަގެއް ތޮއްޖެހިފައި--ފައިލް ފޮޓޯ މަރިޔަމް ނަބީލާ ޓްވިޓާ
4 ކޮމެންޓް
 

ހަގީގީ ހައްލު ގެންނަން "ގަޓު ރައީސް" ކޮބާ؟

މާލޭގެ ޓްރެފިކްގެ މައްސަލައަށް ހައްލު ގެނައުމަށް ކަމަށް ބުނެ، މާލޭގައި މުދާ އުފުލާ ގަޑިތަކަށް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ހަގީގަތަކީ ގެނެވުނު ބަދަލުތަކަކީ އެންމެ އެކަށީގެންވާ އަދި އެންމެ ރަނގަޅު ބަދަލު ނޫން ކަމެވެ. Dhiraagu
މާލެ މިވަނީ ތޮއްޖެހިފައެވެ. ދޮޅު ލައްކައަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ. މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މިވަނީ އިންތިހާއަށް ގިނަވެފައެވެ. ލޮރީ، ކާރު ފަދަ ވެހިކަލްތައް ގެނެވެނީ ގަރާޖެއްގައި ރަޖިސްޓްރީކޮށްގެން ނަމަވެސް ފެނިގެން ދަނީ އެފަދަ ވެހިކަލްތަކުގެ "ގަރާޖަކަށް މަގުމަތި" ވެފައިވާ މަންޒަރެވެ.

ޓްރެފިކް ބާރު ބޮޑުވުން ކުޑަކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރެވޭނީ މައްސަލައާއި ގުޅުންހުރި ކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހައްލުކުރުމުންނެވެ. މިކަންކަމަށް ހައްލު ގެނެވޭނީ އެކަށިގެންވާ ގޮތަށް ގާނޫނާއި ގަވާއިދުތައް ބައްޓަން ކުރެވި ހަރުދަނާ ގޮތެއްގައި ކަންކަން ބެލެހެއްޓިގެންނެވެ. އެންމެންގެ އެއްބާރުލުންވެސް މިކަމުގައި ބޭނުންވާނެއެވެ.

ވެހިކަލް އިތުރުވެއްޖެ. ގަރާޖަކީ މަގުމަތި.

މާލޭގައި ވެހިކަލް އިތުރުވެއްޖެއެވެ. މާލެ ގެންނަ ވެހިކަލްތަކުގެ ގަރާޖުގެ ގޮތުގައި ފެނިގެންދަނީ މަގުތަކެވެ. ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެހިކަލްތައް ފެންނަނީ މަގުމަތިންނެވެ. ކޮންކްރީޓް މިކްސްޗާ ޓްރަކްތައް ވެސް ފެނިގެންދަނީ މަގުތަކުގައި "ގަރާޖު" ހަދާފައިވާ މަންޒަރެވެ. މަގުމަތީގައި "ވެރިއަކުނެތި" ވެހިކަލްތައް ހުންނަ މަންޒަރު ފެނެއެވެ. ކަމާބެހޭ ފަރާތްތަކުން ނުކުމެ ވެހިކަލް ނަގާ މަންޒަރު ފެނުނު ނަމަވެސް މާލެ ގެނެވޭ ވެހިކަލްތަކަށް ކޮންޓްރޯލެއް ނެތެވެ.

ވެހިކަލް އެތެރެ ކުރެވޭ މިންވަރު ކޮންޓްރޯލް ކުރަންވެއްޖެ

މާލޭގަައި ވެހިކަލްގެ އަދަދު އިތުރުވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެކަށީގެން ނުވާ މިންވަރަށް ވެހިކަލް އިތުރުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނާއިރު، އެކަމަށް ހައްލެއް ހޯދުން މިހާރު ލަސްވެއްޖެއެވެ.

ބައެއް ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި މިހާރު ޓެކްސީ ޕާކުކޮށްލާނެ ޖާގައެއް ލިބެނީ އެތައް އިރަކު ދުއްވާ ފަހުންނެވެ. މިއީ ގަރާޖު ސިޓީ ހައްދައިގެން މަގުމަތީގައި ޓެކްސީ ޕާކު ކުރަން ޖެހުމުން ދިމާވާ މައްސަލައެވެ.

މަގުތައް ހަނި. ޖާގަ އިތުރު ކުރެވޭނެ މާ ގިނަ ގޮތްތަކެއް ނެތް

މާލޭގެ ގިނަ މަގުތަކަކީ ހަނި މަގުތަކެކެވެ. ގިނަ މަގުތަކަކީ އިތުރަށް ފުޅާ ކުރެވެން ހުރި މަގުތަކެއް ނޫނެވެ. ބޮޑުތަކުރުފާނު މަގުން ބައެއް، ފުޅާކޮށްލެވުނު ނަމަވެސް އޭގެ އަސަރު މުޅި މާލެއަށް ނުކުރާނެއެވެ.

ޓްރެފިކް ބާރު ބޮޑުވަނީ ކީއްވެ

ޓްރެފިކް ބާރު ބޮޑުވެ، ތޮއްޖެހުން އިތުރުވާން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.

މީގެ ކުރިން އޮތް ގޮތުން، އެމްޕީއެލް ސަރަހައްދާއި ބާޒާރު މަތި ސަރަހައްދުގެ ޓްރެފިކް ދުވާލުގެ ވަގުތުތަކުގައި ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދެއެވެ. ސަބަބަކީ އެކި ބޭނުންތަކަށް ބޮޑެތި ވެހިކަލްތައް މަޑުކޮށްގެން މުދާ އަރުވާ، މުދާ ބޭލުވުމުގެ މަސައްކަތް ކުރަމުން ދިއުމެވެ. ނަމަވެސް ދުވާލު ގަޑީގައި މިކަމަށް މިހާރު މިވަނީ ވަރަށް ބޮޑު ހައްލެއް ލިބިފައެވެ.

ލޮރީއަކުން ގުދަނަކަށް މުދާ ބާލާ ވަގުތާއި ގުދަނަކުން ލޮރީއަކަށް މުދާ އަރުވާ ވަގުތުތަކާއި، ފިހާރައަކަށް މުދާ ބާލާ ވަގުތަކީ ޓްރެފިކަށް ބާރު ބޮޑުވެގެންދާ ވަގުތެކެވެ. ފަހަތުން އަންނަ ވެހިކަލްތަކަށް ކުރިއަށް ނުދެވި އޭގެ އަސަރު ޖެހިގެން ހުރި މަގުތަކަށް ކުރެއެވެ.

ގެނައި އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫން

މާލޭގައި މުދާ އުފުލޭ ވަގުތަށް ބަދަލު ގެނައުމަކީ ހަމަ ޖެހޭ އުސޫލެއް ނޫނެވެ. އުސޫލުގެ ދަށުން މަނާ ވަނީ ހަމައެކަނި މުދާ އުފުލުމެވެ. އެ ވަގުތު މާލޭގެ މަގުތަކުގައި ބޮޑެތި ލޮރީ، ޕިކަޕް ދުއްވުމަކީ މަނާ ކަމެއް ނޫނެވެ. އެހެންކަމުން މުދާ އުފުލުން މަނާ ގަޑީގައި މަގުތަކުގައި ލޮރީ ދުއްވުމުން ޓްރެފިކަށް ބާރު ބޮޑު ނުވާނެތޯ ސުވާލު އުފެދެއެވެ.

ހައްލަކީ ކޮބާ

އާބާދީއާއެކު މާލޭ ތެރޭގައި ދުއްވާ ވެހިކަލުތައް ވެސް އިތުރުވަމުން ދިޔައީ ގަބޫލު ވެސް ކުރަން ދަތި މިންވަރަކަށެވެ. ނަމަވެސް މާލެ ތޮއްޖެއްސުމަކީ ކުއްލިއަކަށްވީ ކަމެއް ނޫނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މާލޭގެ އާބާދީ އިތުރުވުމާއި ވެހިކަލުތައް އިތުރުވުމުން ދިމާވަމުންދާ މައްސަލަތަކަކީ ލައްކަ ދުވަހުގެ އިހުމާލުން ދިމާވެފައިވާ މައްސަލަތަކެކެވެ.

"ވެހިކަލުތައް އިތުރުވަމުން ދިޔަ ވަރުގެ ރިސާޗެއް އޮތީ ކުރިން ވެސް ހަދާފައި. އަޅުގަނޑުމެން ދިޔައީ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒު ކުރަން މަސައްކަތް ކުރަމުން. އެތެރެ ކުރާ ވެހިކަލުތަކުގެ މުއްދަތަށް ބެލުން، ދުވަސްވީ އެއްޗެހި އެތެރެ ނުކުރެވޭ ގޮތް ހެދުން. ވަރަށް ގިނަ ކަންތައްތައް އެބަހުރި ކުރެވޭނެ. މުދާ އުފުލުން ކޮންޓްރޯލުކޮށްގެން ދާއިމީ ހައްލެއް ނުލިބޭނެ. އެކަމުން ކުރާނެ މަންފާއެއް ވެސް ނެތް. އެއީ ރައްޔިތުންގެ ޑިމާންޑަށް އުފުލާ މުދާތަކެއް،" ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޓްރެފިކު މައްސަލަތަކަށް ހައްލު ގެނެވޭނީ ދިގު މުއްދަތަށް ބަހާލައިގެން އަޅާ ފިޔަވަޅުތަކަކުން ކަމަށް ހަދަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އަޅާ ކޮންމެ ފިޔަވަޅަކުން ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ. މިއަދު ދިމާވަމުންދަނީ ވެސް އެ މައްސަލަ ކަމަށް އަމީން ވިދާޅުވިއެވެ.

"މިހެން ދިމާ މިވީ ހަރުދަނާ ސިޔާސަތުތަކެއް ނެތުމުން. ވިޔަފާރިތަކާއި ބޭނުންތަކާއި އަދި ޑިސެންޓްރަލައިޒޭޝަންގެ ސިޔާސަތުތައް ތަންފީޒު ކުރަން ނޭނގުމުން. މިހާރު ރޭގަނޑު ހައަކުން ހެނދުނު ހައަކަށް އޮތަސް އަދި ކާކަށްތޯ އެނގެނީ ރޭގަނޑު 12 ގެ ފަހުން މުދާ އުފުލާ ގޮތަށް ބަދަލު ނުކުރާނެ ކަމެއް ވެސް،" އަމީން ވިދާޅުވިއެވެ.
ހިޔާލު

ކޮލެޖް ބޯއީ

މާލޭގެ މަގު ފުޅާކުރަންވީ. މަގުގެ ދެފަރާތުން ބަދަލުދީފައި ބިން ނަގަންވީ. ގަޓު ރައީސަށް ވާނެ. ފަހުން މުއިއްޒުވިޔަސް ހެޔޮ.

ރަޝީދު

ވެހިކަލްތައް އެތެރެކުރެވޭ އަދަދު މަދުކުރަންވީ، 10 އަހަރަށް ވުރެ ދިގުމުއްދަތެއްގެ ވެހިކަލް މާލޭގައި ނުދުއްވަންވި. ހަލާކު ކޮށްލައިގެން ބާވެހިކަލް ނަމުގައި އެތެރެކުރާ އެއްޗެހިންވެސް ބޮޑު ޑިއުޓީއެއް ނަގަންވި. މަގުމަތީގައި ޕާކް ކުރާ ޕްރައިވެޓް ކާރުތަކުން ބޮޑު އަދަދެއްގެ ޕާކިންފީއެއް ނަގަންވި.

މިކްސް

ސަހަރާތައް ވަށާގެން ތަނބުޖަހާ ޝީޓުއަޅާފަ މަތީގައި ޕާކްކުރެވޭގޮތަށް ހަދަންވީ.

އިސްމިކް

ފީނަގާގެން ރައްކާތެރިކަމާއެކު ޕާކްކުރެވޭ ސެކިުރިޓީ ބަލަހައްޓާ ޕާކިންގ ލޮޓެއް ހަދާބަލަ. އޭރުން ވަރަށް ގިނަބަޔަކު އެތަނުގައި ޕާކްކުރާނެ. މާލޭގައި ނުދުއްވާ އެތައް ވެހިކަލެއް ވެސް އެބަހުރި އެތަކެތި ބަހައްޓާލަން ތަނެއް ހަދާބަލަ.