ރޭ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގައި ދިވެހި ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރޫ އެފްސީ ބައްދަލު ކުރި މެޗު ބެންގަލޫރޫއިން ކާމިޔާބުކޮށްފިއެވެ.
ބެންގަލޫރޫއިން ރޭގެ މެޗު ކާމިޔާބު ކުރީ ފަހުވަގުތު ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ނިއު ރޭޑިއަންޓުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅެ ނިއުއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅު ހަމަލާތަކެއް ބެންގަލޫރޫގެ ގޯލަށް އަމާޒުކޮށްލާފައެވެ. ނަމަވެސް ހާފުގެ މެދުތެރެއެއްހާ ހިސާބުން ބެންގަލޫރޫއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ވެސް ރަނގަޅު ކުޅުމެއް ދެއްކީ ބެންގަލޫރޫގެ ޓީމުންނެވެ. ނަމަވެސް ދެހާފުގެ ބޮޑުބައި ވެސް ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިފައެވެ. ބެންގަލޫރޫއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިންނެވެ. މި ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސުނިލް ޗެތުރީގެ ބޯޅައަކުން ކާމިޔާބު ކުރީ ނިޝޫ ކުމާރު އެވެ.
މެޗުން ހޯދި މޮޅާއެކު ބެންގަލޫރޫ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކީ ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ނިއު އަށް ލިބިފައިވަނީ ތިން މެޗުން ހަ ޕޮއިންޓެވެ.