Green Streets Balikoh New Radiant Thaavaluge 1 Vana Ah
image
ނިއުގެ ސެންޓޭ (ކ) ގްރީންގެ ފަރުއްކޮ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
0 ކޮމެންޓް
 

ގްރީން ސްޓްރީޓްސް ބަލިކޮށް ނިއު ރޭޑިއަންޓު ތާވަލުގެ އެއް ވަނައަށް

މާލޭ ލީގުގައި ވާދަވެރި ގްރީން ސްޓްރީޓްސްއާ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓު ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ.
މި ސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ނިއު ރޭޑިއަންޓުން މި މެޗު ކާމިޔާބު ކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނިއުއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ނިއުގެ ދެ ވަނަ ލަނޑު ޖެހީ ގުއިލެމް އެވެ.

މެޗުގައި ނިއުއިން ދެ ގޯލުގެ ލީޑެއް ނެގިކަމުގައި ވީނަމަވެސް ކުޅުމަށް ގެނައި ބަދަލަކާއެކު ގްރީން އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 19 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ތެރެއަށް އަނބުރާ އައިސްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީންގެ ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ގުއިލެމް ވަނީ އިތުރު ލަނޑެއް ޖަހާ ނިއުގެ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަ ހާފު ނިމުނީ 1-3 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެއެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ދަގަނޑޭ ލަނޑެއް ޖަހާފައިވާއިރު 68 ވަނަ މިނެޓުގައި އަލީ ފާސިރު ވަނީ ނިއުއަށް ފަސް ވަނަ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނިއުގެ ހަ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ފަސް މެޗުން 13 ޕޮއިންޓް ހޯދާ ނިއު ރޭޑިއަންޓު ތާވަލުގެ އެއް ވަނައަށް ޖެހިލިއިރު ދެ ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު އޮތް އީގަލްސް އެވެ. ތިން ވަނާގައި މާޒިޔާ އޮތްއިރު ހަތަރު ވަނާގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
ހިޔާލު