Massakathuge Vaguthakee Dhuvalu, Reygandakee Nidhumai Alhukamuge Vaguthakah Hadhan Jehey
image
މާލޭސިޓީގެ މަގެއް---
0 ކޮމެންޓް
ޝެއިހް އަބްދުލް ހާދީ ހުސައިން
 

މަސައްކަތުގެ ވަގުތަކީ ދުވާލު، ރޭގަނޑަކީ ނިދުމާއި އަޅުކަމުގެ ވަގުތަކަށް ހަދަން ޖެހޭ

މަސައްކަތް ކުރުމަކީ އިސްލާމްދީނުގައި ނުހަނު އަހަމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. އަދި މަސައްކަތުގެ ހަމަ އެކަނި މަޤްޞަދަކީ ފައިސާ ނުވަތަ މުދާ ހޯދުން ކަމުގައި ނުވެއެވެ. ޙަޤީޤަތުގައި މަސައްކަތުގެ އަޞްލަކީ އެ މަސައްކަތުންނާއި އަދި އެ މަސައްކަތެއް ކޮށްގެން ހޯދޭ އެއްޗަކުން މާތްﷲ އަށް ކުށްތަންވުމެވެ. ޙަޤީޤީ މަޤްޞަދަކީ އެއީއެވެ. kobadoctor
ކީރީތި ޤްރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ (فإذا قُضِيَتِ الصَّلَاةُ فَانْتَشِرُوا فِي الْأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ) " ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! " އިސްވެދިޔަ އާޔަތުގެ މާތްﷲ އަންގަވާފައިވއެވަނީ ހުކުރު ނަމާދު ކޮށްނިމުމާއެކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟްލުވަންތަކަމުން ދެއްވާ ރޯދި ހޯދުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެއްގަމުގައި ރިޒްޤު ހޯދުމުގެ ފަހިކަން ދެއްވި ފަދައިން ކަނޑުން ރިޒްޤު ހޯދުމުގެ ފަހިކަންވެސް ދެއްވިއެވެ.

މާތްﷲ ވަޙީ ކުރައްވަނީ: (رَبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُوا مِنْ فَضْلِهِ إِنَّهُ كَانَ بِكُمْ رَحِيماً) މާނަ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި ކަލާނގެއެވެ. (އެއީ) އެކަލާނގެ فضل ވަންތަކަމުގެތެރެއިން (ކަންކަމަށް) ތިޔަބައިމީހުން އެދިއުޅުމަށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ. "

ކެއުން ބުއިމަށް ކުރެވޭ މަސައްކަތުގައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކުން ބަނޑުފުރާ މުއްތި ކުރުމަށެވެ. ކަންނެތްކަމާއެކު ތިބެ އެހެން މީހުންގެ މަސައްކަތުން ހޯދާ ތަކެތިން ކެއުމަކަށް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.: (ما أَكَلَ أَحَدٌ طعامًا قطُّ، خيراً من أن يأكلَ من عملِ يدِه، وإنَّ نبيَّ اللهِ داودَ عليهِ السلامُ كان يأكلُ من عملِ يدِه) މާނަ: "މީހަކު ކައިބޮއެ ހަދައި ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ އޭނާގެ އަމިއްލަ މަސައްކަތުން ލިބޭ ތަކެއްޗެވެ. ހަމަކަށަވަރުން ﷲ ގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމް ވެސް ފަރިއްކުޅުއްވީ އެކަލޭގެފާނު އަމިއްލަފުޅު މަސައްކަތް ކުރައްވައިގެން ލިބިލެއްވި އެއްޗަކުންނެވެ."

މިގޮތުން އިންސާނުން މަސައްކަތް ކުރެއްވުމަށް މާތްﷲ ވަނީ ފިތުރީ އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ. މީގެތެރޭގައި ދުވާލަކީ މަސައްކަތުގެ ވަގުތަށް ހައްދަވާ ރޭގަނޑަކީ އަރާމުގެ ވަގުތެއްގެ ގޮތުގައި ލެއްވިއެވެ. (وَجَعَلْنَا اللَّيْلَ لِبَاسًا (10) وَجَعَلْنَا النَّهَارَ مَعَاشًا (11) މާނަ:" އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. އަދި ދިރިއުޅުމަށް މަސައްކަތް ކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ." އަދިވެސް އެހެން އާޔަތެއްގައި ވެއެވެ. (وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُواْ فَضْلاً مِّن رَّبِّكُمْ) މާނަ:" އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުން، فضل ވަންތަކަން އެދި އުޅުމަށްޓަކައެވެ."

ރެއާއި ދުވާލު ލައްވާފައިވަނީ ވަނީވެސް އިސްވެ ދެންނެވުނު ޙިކްމަތަށްޓަކައެވެ. މުޅި ދުވަހަކީ ދުވާލު ގޮތުގައި ލައްވާ އެއްވެސް އަރާމެއްނެތި މަސައްކަތުގައި އުޅެން ވެއްޖެ ނަމަ މި އިންސާނާ އިސާހިތަކުގެ ހަލާކުވެދާނެއެވެ. އަދި ބިމުގައި އުޅޭ އެހެނިހެން ދިރޭ ތަކެތިވެސް ހަމަ މިފަދައެވެ.

މިޞްރުގެ ސައިންސު ވެރިއެއް ކަމުގައިވާ ޕްރޮފެސަރ ޑރ. ޒަޣަލޫލު އައްނައްޖާރު ވިދާޅުވަނީ ޢަމަލީ ތަޖުރިބާ އާއި ތަފާތު ދިރާސަތުގެ ޢަލީގައި އިންސާނާގެ ނިދީގެ ތެރެއިން އެންމެ ފައިދާހުރި ނިންޖަކީ ރޭގަނޑުގެ ނިދިކަމާއި އަދި ޚާއްޞަކޮށް ރޭގަނޑުގެ ކުރީބައިގެ ނިދިކަން ހާމަވެއެވެ. ދުވާލު ގިނަ ވަގުތު ނިދުމަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ބޮޑު ކަމެކެވެ. އިންސާނާގެ ލޭގެ ހިނގުމަށް ބަދަލު އައުމާއި މީހާ ފަލަވުމާއި އަދި ނަފްސާނީ ގޮތުން ތަފާތުތަކެއް އަންނަ ކަމެއްކަމެވެ.

މިހެން ކަމުން އަހަރެމެންގެ ހަޔާތުގެ ވަގުތުތައްވެސް އިންސާނީ ފިތުރަތުގެ އުސޫލުން ތަރުތީބު ކޮށްލުމަކީ ދުޅަހެޔޮ މުޖުތަމަޢުއަކަށް ވަރަށް މުހިއްމު ކަމެކެވެ. މަސައްކަތުގެ ވަގުތުތަކަކީ ދުވާލު ކަމަށް ހަދައި ރޭގަނޑަކީ ނިދުމާއި އަޅުކަމުގެ ތެރެއިން ޖިސްމާއި ނަފްސަށް ރާޙަތު ލިބޭ ވަގުތަކަށް ހަދަން ޖެހެއެވެ. ހަމަ މިއާއެކު ޖަމާޢަތުގެ މަސްލަޙަތަށްޓަކައި ރޭގަނޑުގެ ވަކި ވަގުތުތަކެއް މަސައްކަތް ކުރަން ޖެހުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ވެސް ނޫނެވެ. އަދި އެއީ އެނޫން ގޮތެއް ނެތިއްޖެނަމަ ކޮންމެހެން ކުރަން ޖެހޭނެ ވެސް ކަމެކެވެ.
ހިޔާލު