Enme Aniyaaveri Marah Ahareh: Insaafeh Nulibey, Hus Shakuvaa
image
ސ.ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު---
3 ކޮމެންޓް
 

އެންމެ އަނިޔާވެރި މަރަށް އަހަރެއް: އިންސާފު ނުލިބޭ، ހުސް ޝަކުވާ

ނިމި ދިޔަ އަހަރުގެ އެޕްރީލު މަހުގެ 23 ވަނަ ދުވަހުގެ އިރު ފެނުން ތޮޅިލީ މުޅި ރާއްޖެ ސިއްސުއްވާލުމަށްފަހުއެވެ. އުމުރުން 29 އަހަރުގެ ދިވެހި ޒުވާނަކަށް ދެވުނު ރަހުމު ކުޑަ ހަމަލާއިންނެވެ. ރާއްޖޭގައި އައިޓީގެ ދާއިރާއިން އެންމެ ހުނަރުވެރި މީހުންގެ ތެރޭގައި ގުނާލެވޭ އެ ޒުވާނާވަނީ އިރުއެރުމުގެ ކުރިން ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. Dhiraagu
ސ.ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދަށް ހަމަލާދީފައިވަނީ އެޕްރީލު މަހުގެ 23 ވީ ހޮނިހިރު ވިލޭރޭގެ 2:30 އެހާކަށްހާއިރުއެވެ. ރަހުމު ކުޑަ ހަމަލާތަކަށްފަހު ޒަހަމުތަކާއެކު ޔާމީން މަރަށް ތެޅެމުން ދަނިކޮށް ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ގޮޅިންނެވެ. ޒަހަމުތަކާއެކު ޔާމީން ފެނުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 22 ވަނަ ދުވަހުގެ ރޭ 2:59 އެހާއިރުއެވެ. އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވަނީ 3:15 އެހާކަށްހާއިރުއެވެ. ޔާމީން 3:45 އެހާއިރު މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިހާތަނަށް ދިން އެންމެ ރަހުމު ކުޑަ ހަމަލާ

ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޔާމީންގެ ހަށިގަނޑުގެ 35 އަށްވުރެ ގިނަ ތަން ވަނީ ޒަހަމު ކޮށްލާފައެވެ. އޭގެތެރެއިން އެންމެ ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔާމީންގެ މޭ މައްޗަށެވެ. ހިތާ ދިމާލުން ފުންކޮށް 14 ފަހަރު ތޫނު އެއްޗެއް ހަރާލާފައިވެއެވެ. މޫނު މައްޗަށާއި ބޮލަށް ވެސް ތޫނު އެއްޗަކުން ހަމަލާ ދީފައިވެއެވެ. ކަނާތު ފައިގެ ފަލަ މަސްގަނޑާއި ބުރަކަށި ވެސް ފުންކޮށް ޒަހަމުކޮށްލާފައިވެއެވެ.

ދަތްދޮޅިއާއި ލަގޮނޑިއަށް ވެސް ހަމަލާ އަމާޒުކޮށްފައިވާ އިރު ކަރުގެ ކަނާތް ފަރާތުން ވެސް އިތުރު ހަމަލާއެއް އަމާޒުކޮށްފައިވެއެވެ.

ޔާމީން މަރާލީ އެތައް އިންޒާރަކަށްފަހު

ޓްވިޓާގައި ޔާމީން ފާޅު ކުރަމުން ދިޔަ ހިޔާލުތަކާއި ގުޅިގެން ޔާމީނަށް ދިޔައީ އެތައް އިންޒާރެއް ލިބެމުންނެވެ. އެއީ އޭނާ މަރާލުމުގެ ވެސް މާކުރިންނެވެ. މަރުގެ އިންޒާރުތައް ދެމުން ދިޔަކަން ޔާމީން ގެންދިޔައީ ފުލުހުންނަށް ރިޕޯޓު ކުރަމުންނެވެ. އަދި ފުލުހުންގެ ފަރާތުން އެ އިންޒާރުތަކަށް އަޅާލުމެއް ނުލިބުމުން ޔާމީން ޓްވިޓާގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައިވެއެވެ. ޔާމީނަށް ލ؛ިބެމުން ދިޔަ އިންޒާރުތަކަށް އަޅާ ނުލާ ފުލުހުން ތިއްބާ ޔާމީން މަރާލުމުން ޔާމީންގެ އާއިލާއާއި އެތައް ބައެއްގެ ފާޑު ކިއުން ފުލުހުންނަށް އަމާޒުވިއެވެ. އަދި ޔާމީންގެ މަރުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށް ވެސް އެތައް ބަޔަކު ބުނަމުން ދިޔައެވެ.ޔާމީން މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ކަނޑައެޅުމަށް އާއިލާއިން ސިވިލް ކޯޓުގައި ދައުވާ ވެސް ކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމުން މިހާރުވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.

ޔާމީން މަރާލީ މައްސަލާގައި ހައްޔަރު ކުރި ފަރާތްތައް

ޔާމީން މަރާލި މައްސަލާގައި ފުރަތަމަ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަފުތާއެއް ފަހުންނެވެ. އެއީ ޔާމީން އުޅެމުން ގެންދިޔަ ގެ ހުންނަ ސަރަހައްދުގައި އުޅެމުން ދިޔަ މީހެކެވެ. ޔާމީން މަރާލި މައްސަލާގައި ޝާމިލުވާ އެންމެން ހައްޔަރު ކުރިކަން ފުލުހުން ހާމަ ކުރީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ފަރާތްތަކުގެ މައުލޫމާތުތައް ފުލުހުން ހާމަކޮށްފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ/އަންނާރުމާގޭ އިސްމާއީލު ހައިޝަމް ރަޝީދާއި، މާލެ/މ.އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ/ސިންދުބާދުގޭ މުހައްމަދު ދިފްރާންއާއި، މާލެ/މ.ކުދެހިގެ ހަސަން ޝިފާޒާއި، މާލެ/މ.ތާއިފު އިސްމާއީލު ރަޝީދާއި، މ.ކޮޅުފުށި/އީސްޓު ހުސައިން ޒިޔާދުއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީނަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވެފައިވަނީ މ ތޯއިފް އުމުރުން 25 އަހަރުގެ އިސްމާއީލް ރަޝީދުއާއި، ހ އަންނަރުމާގޭ އުމުރުން 21 އަހަރުގެ އިސްމާއީލް ހައިޝަމް ރަޝީދު އާއި، މ އިރާސްމިކްގޭ އުމުރުން 22 އަހަރުގެ އަހުމަދު ޒިހާން އިސްމާއީލެވެ.

ޔާމީން މަރާލީ ކީއްވެ؟

ޔާމީންގެ މަރުގެ ތަހުގީގަށްފަހު މިދިޔަ އޮގަސްޓު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނި ގޮތުގައި ޔާމީން ރަޝީދު މާރާލީ ދީނަށް ފުރައްސާރަ ކުރާ މީހުން ބަލައި ނުގަންނަ ބައެކެވެ. އަދި ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ފުލުހުންގެ މޭޖަ ކްރައިމް މެނޭޖުމެންޓު ސެންޓަރުގެ މެނޭޖަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ހަރަކާތްތެރިވި މީހުން ގަބޫލު ކުރާ ގޮތުގައި ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށާއި ޔާމީން މަރާލީ އެގޮތަށް ގަބޫލުކޮށްގެން ކަމަށެވެ.

ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވި މީހުންނަކީ ކިޔަވައިގެން ތިބި ބައެއް ކަމަށެވެ. ނަމަވެސް އެމީހުންނަކީ ދީނީ ކަންކަމުގައި ބަސް ބުނެވޭ ވަރަށް ދީނީ ތައުލީމު ހުރި ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަކީ ރާއްޖެއިން ބޭރުގެ ބައެއް ސްކޮލަރުންގެ ދަރުސްތައް ބަލާ ބައެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޔާމީން މަރާލުމުގައި ސިޔާސީ ބަޔަކު ވެސް އަދި ޖަމާއަތަކުން ވެސް ބައިވެރި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ކަމަށް ވަކި ބަޔަކު ހިތްވަރު ދިން ކަމަށް އެނގިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ބަޔަކު ފަންޑު ކުރިކަން އެނގިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޔާމީންގެ ޝަރީއަތް

ޔާމީން މަރާލި މައްސަލާގައި މާލެ/އަންނާރުމާގޭ އިސްމާއީލު ހައިޝަމް ރަޝީދާއި، މާލެ/މ.އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ/ސިންދުބާދުގޭ މުހައްމަދު ދިފްރާންއާއި، މާލެ/މ.ކުދެހިގެ ހަސަން ޝިފާޒާއި، މާލެ/މ.ތާއިފު އިސްމާއީލު ރަޝީދާއި، މ.ކޮޅުފުށި/އީސްޓު ހުސައިން ޒިޔާދުގެ މައްޗަށް ދަނީ ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރަމުންނެވެ. ޔާމީން މަރާލި މައްސަލާގައި އެ މީހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ އިރު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ދައުލަތުން އެދިގެން ސިއްރުކޮށްފައެވެ.

ޔާމީންގެ މައްސަލާގައި ވާނުވާ ބަލަން އެތައް ބަޔަކު ޝައުގުވެރިވާ އިރު އަޑުއެހުންތައް ދައުލަތުން އެދިގެން ސިއްރު ކުރުމުން ޔާމީންގެ އާއިލާއައި ބައެއް އަމިއްލަ ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ޔާމީންގެ މަރަށް އެއް އަހަރު މިއަދު ފުރުނު އިރު އަޑުއެހުންތައް ހުޅުވާލައިގެން ގެންދިއުމަށް މިދިޔަ ހަފުތާގެ ތެރޭގައި އާއިލާއިން ވަނީ ކަމާ ބެހޭ މުއައްސަސާތަކުގައި އެދިފައެވެ.

ޔާމީންގެ އާއިލާ: އިންސާފު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް

ޔާމީންގެ މަރަށް އަހަރެއް ފުރުނު އިރު ޔާމީނަށް އިންސާފު ހޯދަން އާއިލާއާއި ޔާމީންގެ ރައްޓެހިން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ޔާމީން މަރާލިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ ޝަރީއަތް ސިއްރު ކޮށްގެން ގެންދިއުމަށް ބޭނުން ނުވާ ކަމަށެވެ. ހުސައިން ރަޝީދުވަނީ ޔާމީންގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ ސުވާލު އުފައްދާފައެވެ. އަދި އެފަދަ ކަމަކަށް ދައުލަތުން އެދޭތީ ވެސް ސުވާލު އުފެދޭ ކަމަށް ހުސައިން ރަޝީދު ބުންޏެވެ.
ހިޔާލު

ދެކޭމީހާކިޔާމީހާ

ތެދެކެވެ! ކަންއޮތީ ތިޔަހެނެވެ.
މަރްޙޫމް ޑރ. އަފްރާޝީމްގެ މައްސަލާގައި ނުފުރޮޅާ އެންމެގައުކޮޅެއްވެސް ނުބާއްވާނެކަމަށް ވިދާޅުވި ޕޮލިސްކޮމިޝަނަރަށްފަހު އެތަކެއް ކޮމިޝަރުންނެއް ގޮސްއައިސްވެއްޖެއެވެ. ވީއެއްކަމެއްނެތެވެ. މިކަމަށްވީ އަހަރުތާއެވެ!
ޤަބޫލުކުރިޔަސް، ނުކުރިޔަސް، މިއަދު ފުލުހަށް ވަގުހޯދަން ދެވޭކަށްނެތެވެ.
މުސާރަޙަލާލުކުރަންކަމަށް ރީތިހައިގޮތްގޮތަށް އެކިދަޅައިގައި އެކިހެދުމުގައި ވާހަކަދެއްކިދާނެއެވެ.

ހައްގުބަސް

ޔާމީން މަރާލުމުގެ ކުށުގައި ހައްޔަރު ކުރި މީހުންނަކީ ހަމަ ޔަގީނުންވެސް ދީނީ މީހުންނެއް ނޫން މަސްތުވާތަކެތި ބޭނުން ކޮއްގެން އަބަދު މަގުމަތީގައި އެބުރޭބައެއް އެކަން އެ ކުރީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން ހަމަޔަގީން ފުލުހުން އެ ދައްކަނީ ސީދާ ދޮގު ވާހަކަ ހަގީގަތް ފޮރުވަން ވެގެން

އިސާން

އިންސާފު ލިބޭ ކަމެއް އެބައޮތްތޯ؟