Firihen Kudhin Nurse Kamah Shauguverikuruvan Firihen Nurse Aku School Thakah
image
ނަރުސްކަމަށް ފިރިހެންކުދިން ޝައުގުވެރިކުރުވަން ހިންގި ހަރަކާތުގެ ތެރެއިން އުދައިޝާން ސްކޫލެއްގެ ދަރިވަރުންތަކަކާއެކު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އުދައިޝާން މުހައްމަދު
1 ކޮމެންޓް
 

ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން ފިރިހެން ނަރުހަކު ސްކޫލުތަކަށް

ނަރުސްކަމަކީ ހަމައެކަނި އަންހެން ކުދިން އުޅެންޖެހޭ ދާއިރާއެއްގެ ގޮތުގައި ސިފަކުރެވިފައި އޮތް ސިފަކުރުން ބަދަލުކޮށްލުމަށް ފިރިހެން ނަރުހަކު ތެދުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީ ހޮސްޕީޓަލުގައި މަސައްކަތްކުރަމުން އަންނަ ހަމައެކަނި ފިރިހެން ނަރުސްކަމުގައިވާ ށ. ފޯކައިދޫ، އުދައިޝަން މުހައްމަދު، ދިވެހިން ޒަމާންވީ އެވިސްނުން ބަދަލުކޮށްލުމަށް ފިޔަވަޅެއް އެޅުމުގެ ގޮތުން ސްކޫލުތަކުގެ ފިރިހެން ކުދިންނަށް އަމާޒުކޮށް ނާސިން ދާއިރާއާ ގުޅޭ ތަފާތު އެކިއެކި މައުލޫމާތު ހިއްސާކޮށް ދިވެހި މުޖުތަމައު ނަރުހުންނާއި މެދު ދެކޭގޮތް ބަދަލުކޮށްލުމަށް ހަރަކާތްތަކެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.

ވީއެފްޕީ އާ ވާހަކަ ދައްކަވަމުން އުދައިޝާން ބުނީ، އެ ހަރަކާތަކީ މިމަހުގެ 6 އަކުން 12 ގެ ނިޔަލަށް ކުރިއަށްދާ ނަރުހުންގެ ހަފުތާއާ ދިމާއޮތް އަމިއްލައަށް އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ. އެހަރަކާތުގައި އުދައިޝާން އާއެކު ކުޅުދުއްފުށީ ކެމްޕަހުގައި ނާސިން ކޯސް ފުރިހަމަކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފިރިހެން ކުދިން ބައިވެރިވެފައިވާކަމަށް ވެސް އޭނާ ބުނެއެވެ. ކުޅުދުއްފުށީގެ ސްކޫލުތަކުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެހަރަކާތުގެ މަގުސަދަކީ ނާސިން ދާއިރާއަށް ފިރިހެން ކުދިންގެ ޝައުގުވެރިކަން އުފައްދާ އެދާއިރާގައި މަސައްކަތްކުރާ ފިރިހެން ކުދިންގެ އަދަދު އިތުރުކުރުންކަމަށް ހަރަކާތް ރޭވި އުދައިޝާން ބުނެއެވެ.

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި އަފީފުއްދީން ސްކޫލުގެ ފިރިހެން ދަރިވަރުން ބައިވެރިވި އެ ހަރަކާތް ހިންގުމަށް އެދެ ސްކޫލަށް ދިޔައިރު އެކުދިން ހީކޮށްގެން ތިބީ ނަރުސްކަމަކީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަ ވަޒީފާއެއްގެ ގޮތުގައިކަމަށް އުދައިޝާން ބުނެއެވެ. އެހެންނަމަވެސް އިވެންޓުގެ ތެރެއިން ހިޔާލު ބަދަލުވެ، ނަރުސް ކަމަކީ ހުރިހާ ޖިންސަކަށް ހަމަހަމަ ކަމާއެކު އަދާކުރެވޭނެ ވަޒީފާއެއްގެ ގޮތުގައި އެކުދިން ދެކިފައިވާކަމަށް އުދައިޝާން ބުނެއެވެ. އަދި އެ ހަރަކާތުގެ ތެރެއިން ނާސިން ދާއިރާއަށް ގިނަ ދަރިވަރުން ޝައުގުވެރިކަން ފާޅުކޮށް އެދާއިރާއަށް ގުޅޭނެކަމަށް ބުނެފައިވާކަމަށް އުދެއިޝާންގެ ވާހަކާގައި ފާހަގަކުރެއެވެ.

ހޮސްޕިޓަލުތަކަށް ބަލިވެގެން އަންނަނީ ހަމައެކަނި އަންހެނުން ނޫންކަން ފާހަގަކޮށް އުދައިޝާން ބުނީ ރާއްޖޭގެ ހޮސްޕިޓަލުތަކަށް ކޮންމެހެން ވެސް ފިރިހެން ނަރުހުން ބޭނުންވާކަމަށެވެ. "ރާއްޖޭގަ ކޮންމެހެންވެސް އެބަ ބޭނުންވޭ ފިރިހެން ނަރުހުން. އެއީ ހޮސްޕިޓަލުތަކުގަ އެޑްމިޓް ވަނީކީ ހަމައެކަނި އަންހެން ޕޭޝަންޓުންނެއް ނޫން." އުދައިޝާން ބުނެއެވެ.

ބޭސް އެޅުމުން ފެށިގެން ސާޖަރީތައްކުރާއިރު ޑޮކްޓަރުންނާއިއެކު ނަރުހުން ހަރަކާތްތެރިވާންޖެހޭއިރު އެއީ ހަމައެކަނި އަންހެނުން ކުރާ މަަސައްކަތްތަކެއް ނޫންކަމުން އެދާއިރާއާ ގުޅޭގޮތުން ދެކޭ ޖިންސީ ތަފާތު ވިސްނުންތަކުން ދުރުވާންޖެހޭކަމަށް އުދައިޝާން ބުނެއެވެ.

އުދައިޝާންގެ އެމަސައްކަތާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފުތައް ކުރަމުންނެވެ. އުދައިޝާން އަކީ ރާއްޖޭގައި މަސައްކަތްކުރާ ހަ ވަނަ ފިރިހެން ނަރުހެވެ.
ނަރުހުން ފޯކައިދޫ
ހިޔާލު

ރީލް

ވަރަށް ރަނގަޅު ކަމެއް!! 👏🏻👏🏻👏🏻