Sitee: Aharenge Loabivaa Dharifulhu, Julius ah– Hulhuvaalevifaivaa Sitee eh
image
(ކ)- ޖޫލިއަސް، (މ) ޖޫލިއަސްގެ މަންމަ ރިޓްސޫ، (ވ) ޖޫލިއަސްގެ ބައްޕަ އަދި ރިޓްސޫގެ ފިރިމީހާ ޕީޓާ
ރިޓްސު ނަކަން
0 ކޮމެންޓް
 

ހުޅުވާލެވިފައިވާ ސިޓީއެއް: އަހަރެންގެ ލޯބިވާ ދަރިފުޅު، ޖޫލިއަސްއަށް

މަންމައިންގެ ދުވަހުގެ މުނާސަބަތުގައި،
ލޯބިވާ ޖޫލިއަސްއަށް،

މިއަދަކީ، ދުނިޔޭގެ ހުރިހާ މަންމައިންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. މިއަދަކީ މަންމައިންގެ އިޙްސާސްތައް، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. މަންމައަކަށްވީތީ އުފެދޭ ހުރިހާ އިޙްސާސްތަކެކެވެ. އުފަލާއި، ހިތްހަމަޖެހުމާއި، ހިތް ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، ދަރިންނަށްޓަކައި ވާ ޤުރުބާނީތަކާއި، މުޅި ޢުމުރަށް ދެމިގެންދާ ހަނދާންތައްވެސް މެއެވެ.

ދަރިފުޅަށްވެސް އެނގޭނޭ ފަދައިން، ދަރިފުޅުގެ މަންމަ ވަޒީފާ އަދާކުރަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގައެވެ. މިޖަމްޢިއްޔާގެ މަޤްޞަދަކީ، ހަމަ ކޮންމެ ދަރިމައިވުމަކީވެސް ބޭނުންތެރި ދަރިމައިވުމަކަށް ހެދުމާއި، ވިހެއުމަކީ ރައްކާތެރިކަމަކަށް ހެދުމާއި، ކޮންމެ ކުއްޖަކީ، އެކުއްޖެއްގެ ޤާބިލްކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ވާޞިލުވުމުގެ ފުރުޞަތުތައް ލިބިފައިވާ ކުއްޖަކަށް ހެދުމެވެ. މި މަޤްޞަދުތަކަކީ، މަންމައިންނާ ވަރަށް ބޮޑަށް ގުޅިފައިވާ މަޤްޞަދުތަކެކެވެ. ދަރިފުޅު ފުރާ ޢުމުރަށް އަރައިގެން އަންނައިރު، ދަރިފުޅުގެ މަންމަގެ ހައިސިއްޔަތުން މަންމައަށް ދުނިޔެ ފެންނަ ގޮތާއި، އަދި، ދަރިފުޅުގެ އަމިއްލަ ޙަޔާތުގައި ނިންމާ ނިންމުންތައް ނިންމަނީ ކޮން ސަބަބުތަކަކާހުރެ ކަން ދަރިފުޅަށް އެނގި، ސާފުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މަންމައަށް ޤަބޫލު ކުރެވެއެވެ.

މަންމަގެ ޙަޔާތުގައި މަންމަ ނިންމި މުހިއްމު ނިންމުންތަކެއްގެ ވާހަކަ މިސިޓީގައި ދަރިފުޅަށް ކިޔައިދެވޭތޯ ބަލާނަމެވެ.

ޢާއިލާއެއް ރޭވުން
މަންމަގެ ޒުވާން ޢުމުރު، ޖަޕާނުގައި، ޢާއިލީ މުޖްތަމަޢެއްގައި ހެދިބޮޑުވުމަކީ، 'ތިންވަނަ ސަޤާފަތުގެ' ކުއްޖެއްގެ ގޮތުން ދަރިފުޅު ތިޔަ ތަޖުރިބާ ކުރާ ކަންތައްތަކާ ވަރަށް ތަފާތު ތަޖުރިބާއެކެވެ. ދަރިފުޅު އުފަންވީ ފީޖީގައެވެ. އޭގެ ފަހުން، އިޓަލީއާއި އިތިއޯޕިއާއާއި ވިއެޓްނާމުގައި ދިރިއުޅުނެވެ. މިހާރު ތިޔަ ދިރިއުޅެނީ ދަރިފުޅުގެ ޖަޕާނު މަންމައާއި ޖަރުމަން ބައްޕައާއެކު ސްރީލަންކާގައެވެ.

މަންމަގެ މާމަ (ދަރިފުޅުގެ މުނިމާމަ) ގެ 6 ކުދިން ތިއްބެވެ. 1930 އާއި 1940 ގެ އަހަރު ތަކުގައި، ބޮޑު ޢާއިލާއެއް އޮތުމަކީ ޖަޕާނުގައިވެސް އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް އާދައިގެ ކަމެކެވެ. ނަމަވެސް، ވަގުތާއި ޙާލަތު ދިޔައީ ބަދަލު ވަމުންނެވެ. މަންމަގެ މަންމަ (ދަރިފުޅުގެ މާމަ) ގެ ތިބީ އެންމެ ދެ ކުދިންނެވެ. އެއީ މަންމައާއި ދަރިފުޅުގެ ބޮޑުބޭބެއެވެ. މަންމައާއި ބޮޑުބޭބެއާ ދެމީހުންނަށް ރަނގަޅު ތަރުބިއްޔަތެއްދީ، ކިޔަވައިދިނުމަށް މާމަ، ޚާއްޞަ ސަމާލުކަމެއް ދިނެވެ. މަންމަ، ޢާއިލާ ރޭވުމާ ހަމައަށް އައުމުން ބޭނުންވީ އެންމެ ކުއްޖަކު ހޯދާށެވެ. އެއީ ދަރިފުޅު އެކަންޏެވެ. އެއީ މަންމަ ބޭނުންވި ގޮތެވެ. މިނިންމުން ނިންމީ މަންމައާއި ދަރިފުޅުގެ ބައްޕައާ ދެމީހުން ގުޅިގެންނެވެ.

ހަމަ ކޮންމެ މީހަކަށްވެސް، އެމީހަކު ކުދިން ހޯދާނެ ދުވަސްވަރާއި، ހޯދާނެ ކުދިންގެ ޢަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އޮންނާނެކަން ދަރިފުޅު ހަނދާން ކުރައްޗެވެ. އެއަށް ކިޔަނީ ޢާއިލާ ރޭވުމެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބިފައިވާ އަސާސީ ޙައްޤެކެވެ. މިޙައްޤު ލިބިދީފައި އޮތުމުން، ކޮންމެ ދަރިމައިވުމަކީ، ޤަޞްދުގައި، އަދި ބޭނުންވެގެން ވާ ދަރިމައިވުމެއްކަން ކަށަވަރު ކުރެވެއެވެ. އަދި އެކަމުގެ ސަބަބުން، ބެލެނިވެރިކަމުގެ ސިފައަށް (ދަރިން ތަރުބިއްޔަތު ކުރުމަށް) ރަނގަޅު އަސަރުތެކެއް ކުރެއެވެ.

ވަޒީފާ އަދާކުރާ އަންހެނަކަށްވުން
މަންމަ ބޮޑުވެގެން އައިއިރު، "އަންހެނަކަށްވީތީ، ވަކިން ޚާއްޞަކޮށް، އަމިއްލަ މަސައްކަތުން ދިރިއުޅެންވާނެ" ކަމަށް މާމަ އަބަދުވެސް މަންމަ ގާތު ބުނެއެވެ. މިއީ އޭރު އެހާ ޢާންމު ކަމެއް ނޫނެވެ. އެޒަމާނުގައި، ޖަޕާނު އަންހެނުންގެ ފަރާތުން މުޖްތަމަޢު ބަލަނީ، މީހަކާ އިނދެގެން، ދަރިން ހޯދައިގެން ގޭގައި އިންނާނެ ކަމަށެވެ. ނަމަވެސް، މާމަގެ ވިސްނުން ތަފާތެވެ. މާމައަކީ ނަރުހެކެވެ. ވަޒީފާ އަދާކޮށްގެން އިތުރު ފައިސާ ހޯދިއެވެ. މަސައްކަތްކުރާ އަންހެނަކަށް ވުމަކީ މާމަގެ އަމިއްލަ ނިންމުމެކެވެ. މާމައަކީ، މާމަގެ ވަޒީފާއާމެދު ނިކަން ފަޚުރުވެރިވާ މީހެކެވެ.

މާމަގެ ނަޞޭޙަތާއެކު، މަންމަ ބޮޑުވެގެން އައިއިރު، ގޭގައި އިންނަ އަތްބަކަށް ވުމަކީ މަންމަ އެއްވެސް އިރަކު ވިސްނި ކަމެއް ނޫނެވެ. ޔުނައިޓެޑް ނޭޝަންސްގައި މަސައްކަތް ކުރުމަކީ މަންމަ ދެކެމުން އައި ހުވަފެނެކެވެ. ނިޔު ޔޯކުގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރިތާ މާގިނަ ދުވަހެއް ނުވެ، ޔުނައިޓެޑް ނޭޝަންސްއިން މަންމައަށް ވަޒީފާއެއް ލިބިއްޖެއެވެ. މަންމަގެ ހުވަފެން ޙަޤީޤަތަކަށްވިއެވެ. އެތަނުގައި މަންމަ އަދާކުރާ ވަޒީފާއާމެދު ވަރަށް ހިތްހަމެޖެހުނެވެ. އަދި ކާވެނި ކޮށްގެން، ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެންވެސް، މަސައްކަތް ކުރުން ހުއްޓާލުމުގެ އެއްވެސް ޚިޔާލެއް މަންމަގެ ނެތެވެ. އެ ނިންމުމަކީ މަންމަ ވިސްނާފައި ނިންމި ނިންމުމެކެވެ. ޖަޕާނާއި، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް އަންހެނުން، މާބަނޑުވުމުން ވަޒީފާ އަދާކުރުން ހުއްޓާލައެވެ. މަންމަގެ މެޓަރނިޓީ ލީވް، 16 ހަފްތާއަށްވުރެ ދިގުވި ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް، އެސަބަބާހުރެ ވަޒީފާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެމެވެ.

ޢާއިލާގެ ހަމައެކަނި ވަޒީފާ އަދާކުރާ މީހާއަށްވެފައި، ވަޒީފާ އަދާކުރާ މަންމައަކަށް ވުމަކީ، އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ވަޒީފާގައި ހޭދަކުރާ ވަގުތާއި ޢާއިލާއާއެކު ހޭދަކުރާ ވަގުތު ހަމަހަމަކަމާއެކު ގެންގުޅޭނެ ގޮތާބެހޭ ޢަމަލީ ގޮންޖެހުންތަކާއި، މުޖްތަމަޢުގައި ޢާންމުކޮށް މީހުން ޤަބޫލުކުރާ އުޞޫލުތަކާ ޚިލާފަށް އުޅޭތީ ކުރިމަތިވާ ގޮންޖެހުންތަކެއްވެސް ހުއްޓެވެ. ދަރިފުޅުގެ ބައްޕައާއި މަންމައަކީ ތަފާތު ދެ ސަޤާފަތެއްގެ ބަޔަކަށްވާތީ، ވަކި އެއް ޤައުމެއްގެ ސަޤާފަތާ އެއްގޮތަށް އުޅެން ނުޖެހުނު ނަމަވެސް، ދަރިފުޅުގެ ޢުމުރުން ހަގުއިރު، ދަރިފުޅު ބަލަން ގޭގައި ނުހުރުމަކީ މަންމައަށް ވަރަށް އުނދަގޫވި ކަމެކެވެ. ނަމަވެސް މިހާރު މަންމަ ޤަބޫލުކުރާ ގޮތުގައި، މައިގަނޑު ގޮތެއްގައި ދަރިފުޅުގެ ބައްޕަ، ދަރިފުޅު ބަލައި ބޮޑު ކުރުމަކީ ދަރިފުޅަށް ވަރަށް ރަނގަޅު ކަމެކެވެ. ކުދިން ބެލޭނީ ހަމައެކަނި މަންމައިންނަށް ކަމަށް ބުނެ ދައްކާ ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ. ބައްޕައިންނަށްވެސް ރަނގަޅަށް ކުދިން ބެލޭނެކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަރިފުޅުގެ ބައްޕަގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި މަންމަގެ ޙަޔާތުގައި މިއަދު މިހިސާބަކަށް ނާދެވުނީހެވެ. އެކަމަށްޓަކައި، މަންމަ، ބައްޕައަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.

ޔޫ.އެން.އެފް.ޕީ.އޭގައި މަސައްކަތް ކުރުން
ޔޫ.އެން.އެފް.ޕީ.އޭގެ މަސައްކަތައިގެން މަންމަ އެހާ ވަރަކުން އުޅެނީ ކީއްވެގެންބާއޭ ދަރިފުޅުގެ ހިތަށް އަރައިފާނެއެވެ. ދަރިފުޅަށް ނޭނގުނު ނަމަވެސް، އެކަންތައްވެސް ގުޅިފައި އޮތީ ދަރިފުޅާއެވެ. ފީޖީގައި ދަރިފުޅު ވިހެއިތާ ތިންވަނައަށް ވީ ދުވަހު، ދަރިފުޅު ވަރަށް ބޮޑަށް ބަލިވިއެވެ. ވަގުތުން ފީޖީގެ ޕަބްލިކް ހޮސްޕިޓަލުގައި ދަރިފުޅު އެޑްމިޓު ކުރީމެވެ. ދަރިފުޅުގެ ޞިއްޙީ ފަރުވާއަށް ނިއުޒީލެންޑަށް ފޮނުވުމަށް މަންމަގެ އޮފީހުން ދިޔައީ ތައްޔާރުވަމުންނެވެ. ޒުވާން މަންމައެއް، ބޭރު ޤައުމެއްގައި މިކަހަލަ ކަމެއް ދިމާވުމުން މަންމައަށް މުޅިން ގޮތްހުސްވިއެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. މަންމަ ބޭނުންވީ އެންމެ ކަމެކެވެ. އެއީ ދަރިފުޅު މަރުނުވެ، ސަލާމަތްވުމެވެ.

ނަޞީބަކުން، ތިން ހަފްތާގެ ފަރުވާއަށްފަހު ދަރިފުޅު ރަނގަޅުވިއެވެ. ނަމަވެސް، އެ ތިން ހަފްތާއަކީ މަންމަގެ ޙަޔާތް ބަދަލުކޮށްލި ތިން ހަފްތާއެވެ. މަންމަ ވަޒީފާ އަދާކުރާ ތަނުގެ ގޮތުން، ދުނިޔޭގައި ލިބެންހުރި އެންމެ ރަނގަޅު ޞިއްޙީ ފަރުވާ ލިބެން ހުރުމަކީ ކިހާ ބޮޑު ނަޞީބެއްކަން އެނގުނެވެ. އަދި އެފަދަ ނަޞީބެއް ނެތް އެތައް މަންމައަކާއި ބައްޕައެއް ތިބިކަން އެނގުމުން ވަރަށް ހިތްދަތިވިއެވެ. އެހިސާބުން، މަންމަގެ ޙަޔާތުގައި މުހިންމު ތިންވަނަ ނިންމުން ނިންމީމެވެ. އެއީ، މައިން ބަފައިންނަށް، އެމީހުންގެ ޅަ ދަރީންގެ ޞިއްޙަތާއި ދުޅަހެޔޮކަމާބެހޭ ގޮތުން (އެއްވެސް ސަބަބަކާ ނުލައި) ކަންބޮޑުވެ، ހިތްދަތިވާން ނުޖެހޭ ދުނިޔެއެއް ބިނާކުރުމަށް ކުރެވެން އޮތް ކަމެއް ކުރުމެވެ.

އިންސާނީ ޙަޔާތުގައި މައިގަނޑު އަސާސްތައް ކަމުގައިވާ، ދަރިމައިވުމުގެ ޞިއްޙަތާއި، މިންތީގެ ހަމަހަމަކަމާއި، ޒުވާނުން ބާރުވެރިވުކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި މަސައްކަތް ކުރުމަކީ މަންމަ ވަރަށް ފަޚުރުވެރިވާ ކަމެކެވެ.

މައެއްގެ ހައިސިއްޔަތުން ކަންކަމާމެދު ވިސްނާގޮތާއި، ދަރިފުޅުގެ މަންމަގެ ހައިސިއްޔަތުން މަންމަގެ ޙަޔާތުގައި މަންމަ ނިންމާފައި ނިންމުންތަކާބެހޭ ކޮންމެވެސް މަޢްލޫމާތުތަކެއް މިސިޓީން ދަރިފުޅަށް ލިބުނުކަމަށް މަންމަ ހީކުރަމެވެ. މިވާހަކަތައް ދަރިފުޅަށް މިކިޔައިދިނީ، ފުރާވަރުގެ ޒުވާނެއްގެ ހައިސިއްޔަތުން، ދަރިފުޅުގެ ޙަޔާތް ވޭތުކުރާނެ ގޮތާބެހޭ ގޮތުން މުހިންމު ނިންމުންތަކެއް ދަރިފުޅުވެސް ނިންމަންޖެހޭނެކަން އެނގޭތީއެވެ. އެނިންމުންތައް ނިންމަނީ، ރަނގަޅު މަޢްލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދަރިފުޅުގެ މުސްތަޤްބަލު އުޖާލާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެން އެންމެންނީ، އިންސާނުންނަށް ވީތީ، އަހަރެމެންގެ ޙަޔާތުގައި އަބަދުވެސް ކޮންމެވެސް ކަހަލަ މުހިންމު ނިންމުންތައްކެއް ނިންމަންޖެހެއެވެ. ތިޔަ ޢުމުރުގެ ހުރިހާ ޒުވާނުންނަށް، އެމީހުންގެ ޙަޔާތާއި ލޯބީގެ ކަންކަމާބެހޭ ގޮތުން ނިންމާ އެންމެހާ ނިންމުންތައް ބިނާކުރަނީ ރަނގަޅު، ޞައްޙަ މަޢްލޫމާތުތަކުގެ މައްޗަށް ކަމަށް ވުމާއި، އެނިންމުންތައް ނިންމުމަށް އެހީތެރިވުމަށް ބޭނުންވާ އެންމެ ރަނގަޅު ޚިދުމަތްތައް ލިބުމުގެ ޙައްޤަކީ، އިންސާނަކަށްވީތީ ތިޔަ ކުދިންނަށްވެސް ލިބެންޖެހޭ ޙައްޤެއްކަމަށް މަންމަ ޤަބޫލުކުރަމެވެ.

ދަރިފުޅު އަބަދުވެސް ހަނދާން ކުރައްޗެވެ. މަންމަގެ ޙަޔާތުގައި ނިންމި ހުރިހާ ނިންމުމެއްގެ ތެރެއިންވެސް، މަންމަ އެންމެ ފަޚުރުވެރިވާ، އަދި އެންމެ އުފާވާ، އެންމެ ރަނގަޅު ނިންމުމަކީ ދަރިފުޅު ހޯދުމަށް ނިންމި ނިންމުމެވެ.

އަބަދުވެސް ލޯބިވާ،
މަންމަ.

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހާ ގުޅިގެން، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަންސް ފަންޑް (ޔޫއެންއެފްޕީއޭ) ގެ ސްރީލަންކާގެ ރިޕްރެޒެންޓޭޓިވް އަދި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ރިޓްސު ނަކަން އޭނާގެ ހަމަ އެކަނި ހުރިދަރިފުޅަށް ފޮނުވާފައިވާ ސިޓީ އެކެވެ.
ހިޔާލު