YeYe Coffee inn Genesdhin Oagatheri Hithakun aa Eku Mujuthamauah Bodu Message eh
image
ޑޮކިއުމެންޓްރީގެ މަންޒަރެއް ނަގަނީ--ފޮޓޯ ބީއެޗްއެމް
0 ކޮމެންޓް
 

ޔޭޔޭ ކޮފީން ގެނެސްދިން " އޯގާތެރި ހިތަކުން" އާއެކު މުޖުތަމައުއަށް ބޮޑު މެސެޖެއް

މި މުޖުތަމައުގައި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ އެތައް ބަޔަކު އުޅެމުންދެއެވެ. ދިރިއުޅެމުންދާ މާހައުލުން ދިމާވާ ކަންކަމުން ނަފްސާނީ އެތައް މައްސަލައެއް ތަހައްމަލު ކުރަމުން އަންނަ އެތައް ބަޔަކު އުޅެމުންދެއެވެ.
ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކުރަމުން އަންނަ ސިންގަޕޫރުގެ "އައުލް" ބްރޭންޑްގެ ޔޭޔޭ ކޮފީން ފޯރުކޮށްދިން އިޖުތިމާއީ މެސެޖް "އޯގާތެރި ހިތަކުން" އަކީ ހަގީގީ ހާދިސާއެއް ދައްކުވައިދޭ 10 މިނެޓްގެ ޑޮކިއުމެންޓްރީއެކެވެ.

ޑޮކިއުމެންޓްރީގައި ގެނެސްދެނީ އިންސާނީ ހައްގުތަކަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ، އަދި ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ދަރިއެއް ފަދައިން ބަލަހައްޓަމުން އަންނަ ޝިއާޒްގެ ވާހަކައެވެ. ޝިއާޒުގެ ހާލަތާއި ޝިއާޒަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތެވެ. އެތައް ބައެއްގެ ތައުރީފު ލިބިގެންދިޔަ މި ޑޮކިއުމެންޓްރީ ހަދާފައިވަނީ މޫވީ މޯލްޑިވްސް އިންނެވެ. މި ޑޮކިއުމެންޓްރީ ޑައިރެކްޓްކޮށްފައިވަނީ މުހައްމަދު ޝަރީފް (ބާރު) އެވެ. ކެމެރާ އަދި އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ހުސެއިން އިމްތިޔާޒެވެ. ޑޮކިއުމެންޓްރީގައި ފެނިގެންދާ ޑްރޯން މަންޒަރުތައް ނަގާފައިވަނީ ހަމްދާން ޝަރީފެވެ.

"ޔޭޔޭ ކޮފީގެ ސަޕްލަޔާ، އައުލް އިންޓަނޭޝަނަލްގެ ބޭފުޅުން ބޭނުންވަނީ ރާއްޖޭގައި ލެގަސީ ޕްރޮގްރާމެއް ހިންގަން. މި ޑޮކިއުމެންޓްރީ އުފެދިގެން އައީ އެކަމުގެ ތެރެއިން. މިފަދަ ޑޮކިއުމެންޓްރީއެއް އުފެއްދުމުގެ ހިޔާލު ދެއްވީ އަޅުގަނޑުމެންގެ އެކައުންޓް މެނޭޖަރެއް ކަމުގައިވާ އެސްކޭ ޓާރން" ޑޮކިއުމެންޓްރީ އާ ގުޅޭ ގޮތުން ވީއެފްޕީއާ ވާހަކަ ދައްކަވަމުން ބީއެޗްއެމް ޓްރޭޑާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އިބްރާހިމް މައުމޫނު ވިދާޅުވިއެވެ.

ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑައިރެކްޓަރު މުހައްމަދު ޝަރީފް (ބާރު) ވިދާޅުވި ގޮތުގައި ޑޮކިއުމެންޓްރީ އަށް ގިނަ ބައެއްގެ ޕޮޒިޓިވް ކޮމެންޓް ލިބިފައިވެއެވެ.

"ހިޝާން ދެއްކި ވާހަކަތަކެއް އަޅުގަނޑުމެންނަށް ޑޮކިއުމެންޓް ކުރެވިފަ މިވަނީ. އަޅުގަނޑުމެން ކޮށްފަ މިހުރީ ލިންކް ގުޅުވާލަން ކޮށްފަ ހުރި ކަމެއް." މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ވީއެފްޕީ އާ ވާހަކަ ދައްކަވަމުން އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި މުޖުތަމައުއަށް ދެވުނު މި މެސެޖާއެކު ނާއުންމީދުވެފައި ތިބި އެތައް ބަޔަކަށް އުންމީދުތަކެއް ލިބިއްޖެއެވެ. ވަރަށް ގިނަ މީހުންނަށް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުރި ކަމަށް ވިދާޅުވެ ހިޝާން ވިދާޅުވީ ޑޮކިއުމެންޓްރީއާއެކު ވަރަށް ރަނގަޅު ބަދަލުތަކެއް މުޖުތަމައުއަށް އައިސްފައިވާ ކަމަށެވެ.

"ބީއެޗްއެމް އާއި އައުލް ކުންފުނިން ކުރި މަސައްކަތުން ދިވެހިންނަށް ވަރަށް ގިނަ ފައިދާތަކެއް ވެގެން ހިނގައްޖެ. މީހުންނަށް އައި ހޭލުންތެރިކަމަކީވެސް ވަރަށް ބޮޑު ކުރި އެރުމެއް. އަޅާލުމާއި ރޫހު އާލާވެއްޖެ." ހިޝާން ވިދާޅުވިއެވެ.

މިފަދަ ޑޮކިއުމެންޓްރީއެއް ހެދުމުގައި ބީއެޗްއެމް ޓްރޭޑާސް އިން އިސްނަގާފައިވާތީ ހިޝާން ވަނީ ބީއެޗްއެމް ޓްރޭޑާސް އަށް ޝުކުރު އަދާކޮށްފައެވެ.

ޝިއާޒަށް އެހީތެރިވެދިނުމުގައި އެތައް ބައެއްގެ އެހީތެރިކަން ވަނީ ލިބިގެން ގޮސްފައެވެ. އެކަން ހިޝާން ފާހަގަ ކުރަނީ ހިތުގެ އެންމެ ފުންމިނުން ޝުކުވެރިކަމާއެކުގައެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު. ނޫސްވެރިޔާ ސާއިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އެޗްއާރުސީއެމްގެ ބޭފުޅުންވެސް ވަރަށް ރަނގަޅު އެތަނުގެ މުވައްޒަފުން ޝިއާޒް މެންނާ ބައްދަލުކޮށް އެޗްއާރުސީއެމްގެ ފަރާތުން ކޮށްދެވޭނީ ކޮން ކަމެއްތޯ އެ ބޭފުޅުން ބެއްލެވި. އެންސްޕާގެ ބޭފުޅުންވެސް ވަރަށް ރަނގަޅު އެ ބޭފުޅުންނަށްވެސް ކޮށްދެވޭނީ ކޮން ކަމެއްތޯ ވަނީ ބަލާފަ." ހިޝާން ވިދާޅުވިއެވެ.

ޝިއާޒަށް ދީނީ ނަސޭހަތް ދެވުމުގެ ސަބަބުން އެކަމުގެ ހެޔޮ އަސަރު ވަރަށްބޮޑަށް ކޮށްފައިވާކަން ހިޝާން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީއަށް ހިޝާން ވަނީ ޝުކުރު އަދާކޮށްފައެވެ. ހިޝާން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށްވެސް ޝުކުރު އަދާކޮށްފައެވެ.

ހިޝާން ވިދާޅުވި ގޮތުގައި ޝިއާޒަށް ހަރަދު ކުރަމުން ދަނީ ހެޔޮ އެދޭ ފަރާތެއް ކަމުގައިވާ ހުސައިން އިރުފާނެވެ. ހިޝާން ވަނީ ނާރުގެ ޑޮކްޓަރު އަހުމަދު ރަޝީދާއި އައިސީޕީ ޑރ. އައިޝަތު އަލީ ނާޒް އާއި މަހިބަދޫން ޝިއާޒް މެންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަރީފަށް ޝުކުރު އަދާކުރައްވާފައެވެ.

"އެވިޑް ކޮލެޖްގެ މުޝްތާގް ގެ ދެއްވި ފުރުސަތެއްގައި ޝިއާޒް މިހާރު ކިޔަވަމުން އަންނަނީ އެވިޑް ކޮލެޖްގައި. ޝިއާޒް ބޭނުން ވަރަކަށް ކިޔަވަންވީ." ހިޝާން ވިދާޅުވިއެވެ.

ބީއެޗްއެމް އިން ބުނި ގޮތުގައި މިއީ މުޖުތަމައުއަށް ދިން މެސެޖެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބީއެޗްއެމް އާއި އައުލް އިންޓަނޭޝަނަލް ގުޅިގެން މިފަދަ މެސެޖްތައް ގެނެސްދިނުމަށް މަސައްކަތްކުރާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

ހިޔާލު