Sentey Ge Hattrick Aaeku New Thahtaa Gaathah
image
އަލީ ފާސިރު ސެންޓޭ ފޮޓޯ:-- ނިޝާން އަލީ
0 ކޮމެންޓް
 

ސެންޓޭގެ ހެޓްރިކާއެކު ނިއު ތައްޓާ ގާތަށް

ރޭ މާލޭ ލީގުގައި އީގަލްސް އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓުން ލީގު ތަށި ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރޭގެ މެޗު ކާމިޔާބު ކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނިއު ރޭޑިއަންޓްގެ ފަރާތުން މެޗުގެ ކުރީކޮޅު ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި ސެންޓާ އެޓީމަށް ފުރަތަމަ ލަނޑު ޖަހާ ލީޑުނަގައިދިންއިރު އޭގެ 5 މިނެޓު ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހާ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ 15 ވަރަކަށް މިނެޓުފަހުން ހަމްޒާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ތިން ލަނޑާއެކު މެޗުގެ ފުރަތަމަ 30 މިނެޓު ނިމުނުއިރު ނިއު ރޭޑިއަންޓު ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް އަތުލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓު ކުރީގައި އޮވެއެވެ.

ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅުމެއް ދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އީގަލްސްގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ފާސިރު ވަނީ މެޗުގައި އޭނާގެ ހެޓްރިކު ފުރިހަމަކޮށްފައެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. މި މެޗުގައި އީގަލްސްއިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓުކޮޅަކަށް ވެފައިވަނިކޮށް، އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް އެޑުއާޑޯ އެވެ.

މި މެޗުން މޮޅުވެ ނިއު ރޭޑިއަންޓުން ތިން ޕޮއިންޓު ހޯދިއިރު އެޓީމަށް ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. މި ތިން ޕޮއިންޓު ހޯދުމަށް އެޓީމަށް އަދި 3 މެޗު ބާކީ އެބައޮތެވެ.
ހިޔާލު