2 Kidney Fail Vefaivaa Mi Mamma Ehee Ehge Inthizaarugai
image
ސައުދިއްޔާ މުހައްމަދު--
0 ކޮމެންޓް
 

ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެހީއެއްގެ އިންތިޒާރުގައި

ލ. ގަމު ސައުދިއްޔާ މުހައްމަދަކީ ހަތަރު ކުދިންގެ މަންމައެކެވެ. އުމުރުން 62 އަހަރުގެ ސައުދިއްޔާ ދެ ކިޑްނީ ފެއިލްވެފައިވާކަން އާއިލާއަށް އެނގުނީ މީގެ ފަސް ވަރަކަށް އަހަރުކުރިންނެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ދަށަށް ދިޔަ ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އެކަމަށް ކުރެވޭނެ މާބޮޑުކަމެއް މިއަދު އެއާއިލާގައި ނެތެވެ. އެހެންކަމުން ސައުދިއްޔާގެ ފަރުވާއަށް އެހީވުމަށް އޭނާގެ ފިރިހެން ފަރިފުޅު އަބްދުލް ހަމީދު އަބްދުﷲ އާއްމުންގެ ކިބައިން އެދެއެވެ. Dhiraagu
ސައުދިއްޔާގެ ބަލި ހާލާ ގުޅޭގޮތުން ވީއެފްޕީއާ ވާހަކަ ދައްކަމުން އޭނާގެ ފިރިހެން ދަރިފުޅު ހަމީދު ބުނީ އޭނާގެ މަންމަގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2013 ވަނަ އަހަރުގެ ތެރޭގައި ޑޮކްޓަރަށް ދައްކާ ގިނަ ޓެސްޓުތަކެއް ހެދުމުންކަމަށެވެ.

"ވަރަށް ކުރިއްސުރެ މަންމަގެ ފައިގަ އިންނާނެ ފާރުގަނޑެއް. ޑޮކްޓަރަށް ދައްކައިގެން އެކަމަށް ބޭސް ވެސް ކާނެ. އެހެން އުޅެނިކޮށް އެއްދުވަހު ނިދާހޭލިއިރު މަންމަގެ މޫނު ދުޅަވެފަ، ބަނޑު ހުރީ ފުއްޕާފައ." ކިޑްނީ ބަލީގެ ޝިކާރައަކަށް ސައުދިއްޔާ އާ ގުޅޭ ގޮތުން އޭނާގެ ފިރިހެން ދަރިފުޅު ހަމީދު ކިޔައިދިނެވެ.

ލަސްނުކޮށް ސައުދިއްޔާ ޑޮކްޓަރަށް ދެއްކިއެވެ. އޭރު ޑޮކްޓަރުން ބުނީ ސައުދިއްޔާ ހުރީ "ގޭސް" ވެފައި ކަމަށެވެ. އެހެން ނަމަވެސް ސައުދިއްޔާގެ ހާލަތު ރަނގަޅުވެފައި ނުވާތީ ދެވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމަށް އާއިލާއަށް މަޖުބޫރުވިއެވެ. އަދި ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުން ބުނީ ސައުދިއްޔާގެ ކިޑްނީ ފެއިލްވެފައިވާ ކަމަށެވެ.

"މިހާރު މަންމައަށް ރަނގަޅަށް ނުވެސް ކެވޭ. ކުޑަ ތަންކޮޅަކަށް ހިނގާލާއިރަށް މީހާ ހުންނަނީ ވަރުބަލިވެފައި." މަންމަގެ ހާލަތާއި ގުޅޭ ގޮތުން ދަރިފުޅު ހަމީދު ކިޔައިދިނެއެވެ.

ހަމީދު ބުނި ގޮތުގައި އޭނާގެ މަންމަގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ.

ޑިޕްރެޝަންވެސް ތަހައްމަލުކުރަމުން އަންނަ ސައުދިއްޔާގެ ދެ ކިޑްނީވެސް މިހާރު މަސައްކަތް ކުރަނީ އެންމެ އަށް ޕަސެންޓަށްކަމަށް ހަމީދު ބުނެއެވެ. ސައުދިއްޔާގެ ކިޑްނީ ވީހާވެސް އަވަހަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ އިރު ކިޑްނީ ހޯދުމުގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.

"އާއިލާގެ މީހަކު ކިޑްނީއެއް ދީފައި އިނީ. އޭނާގެ ކިޑްނީ އާ މަންމަގެ ކިޑްނީ ގުޅޭތޯ މިހާރު ޓެސްޓުތައް ދަނީ ހަދަމުން." ހަމީދު ބުނެއެވެ.

ސައުދިއްޔާއަށް ކިޑްނީ ލިބިއްޖެނަމަ، ބޭރަށް ގޮސް ފަރުވާ ކުރުމަށް ގިނަ ހަރަދުތަކެއް ހިނގާނެއެވެ. އެހެންކަމުން ވެވެން އޮތް އެންމެ ކުޑަ މިންވަރަކުން ނަމަވެސް މާލީ ގޮތުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމީދު އާއްމުންގެ ކިބައިން އެދެނީ އާދޭހާއެކުއެވެ.

ސައުދިއްޔާ މުހައްމަދަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކުން އާއިލާއާ ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް އެދެމެވެ.

ސައުދިއްޔާ މުހައްމަދަށް އެހީތެރިވުމަށް:
ފޯނު ނަމްބަރު: 7618806 - އަބްދުލް ހަމީދު އަބްދުﷲ/ ސައުދިއްޔާގެ ދަރިއެއް
7570464 - ހުސައިން އާރިފް/ ސައުދިއްޔާގެ ދަރިއެއް

ބީއެމްއެލް އެކައުންޓް ނަމްބަރު- 7703465080101 - ސައުދިއްޔާ މުހައްމަދު
7730000135365 - ސައުދިއްޔާ މުހައްމަދުގެ ޑޮލަރު އެކައުންޓް
ހިޔާލު