Salah Ah Foul Kuri Massalagai Sergio Ramos Aa Dhekolhah Dhauvaa Kuranee
image
މުހައްމަދު ސަހާލް އާއި ސާޖިއޯ ރާމޮސް ވެއްޓެނީ ފޮޓޯ:---
0 ކޮމެންޓް
 

ސަލާހްއަށް ފައުލް ކުރި މައްސަލާގައި ސާޖިއޯ ރާމޮސްއާ ދެކޮޅަށް ދައުވާ ކުރަނީ

ލިވަޕޫލުގެ ހުނަވެރި ފޯވާޑް މުހައްމަދު ސަލާހް ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ގަސްތުގައި ވައްޓާލާ އޭނާއަށްދިން އަނިޔާގެ ބަދަލު ހޯދުމަށް ކަމަށް ބުނެ މިސްރުގެ ވަކީލަކު ސާޖިއޯ ރާމޮސްއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިއެވެ.
ސާޖިއޯ ރާސްމޮސް އަތުން 1.2 ބިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅުމަށްފަހު މިސްރުގެ ޓީވީ ޗެނަލެއް ކަމަށްވާ ސަދާ އަލް ބަލަދްއަށް ދިން އިންޓަވިއުއެއްގައި އެ މައްސަލަ ހުށަހެޅި ވަކީލު، ވަހްބާ ބުނީ ރާމޮސް ސަލާހްއަށް އަނިޔާކުރީ ގަސްތުގައި ކަމަށާއި އެކަމުގެ އަދަބު އޭނާއަށް ލިބެން ޖޭހޭނެ ކަމަށެވެ. ވަހްބާ އަމިއްލަ ގޮތުން މި މައްސަލަ ކޯޓަށާއި ފީފާއަށް ހުށަހަޅާފައިވާއިރު އޭނާ އަކީ ލިވަޕޫލުގެ ކުޅުންތެރިޔާ ސަލާހްގެ ރަސްމީ ލޯޔަރެއް ނޫނެވެ.

"ރާމޮސް ސަލާހްއަށް ވައްޓާލީ ގަސްތުގައި، އޭނާއަށް އަދަބު ލިބެންޖެހޭ. އަހަރެންވާނީ މި މައްސަލަގައި ލޯ ސޫޓެއް ފައިލް ކުރުމުގެ އިތުރުން ފީފާއަށް ވެސް މައްސަލައެއް ހުށަހަޅާފައި." އޭނާ ބުނެފައިވެއެވެ.

ރާމޮސްއާ ދެކޮޅަށް ވަހްބާ، ހުށަހެޅި މައްސަލާގެ އިތުރު ތަފްސީލު ހާމަ ކުރަމުން އޭނާ ބުނީ ބަދަލުގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ހޯދަން ދައުވާ ކުރީ، ފައުލްކޮށް އަނިޔާ ކުރުމުގެ ސަބަބުން ސަލާހްއަށް ލިބުނު ނަފްސާނީ ގެއްލުމާއި ޖިސްމާނީ ގެއްލުމުގެ އިތުރުން އޭނާގެ ޕްރޮފެޝަނަލް ކެރިއަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ކަމަށެވެ. ވަހްބާ ބުނީ މި މައްސަލަ އޭނާއާ އެއްކޮޅަށް ނިމި އެފައިސާ ލިބިއްޖެނަމަ، އެ ފައިސާ ހަދިޔާ ކުރާނީ މިސްރުގެ "ލޯންގް ލިވް އިޖިޕްޓް" ފަންޑަށް ކަމަށެވެ.

ވަހްބާ ރާމޮސްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ރާމޮސް އޭނާ ސަލާހްއަށް ފައުލް ކުރި ކަމަށް ބުނެފައިވެއެވެ. ނަމަވެސް މެޗުގެ ރެފްރީ ނިންމާފައިވަނީ އެއީ ފައުލެއް ނޫން ކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ 28 ވަނަ މިނެޓުގައި ބޯޅައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދިޔަ ސަލާހް ހިފެހެއްޓުމަށް ރިއާލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް މަސައްކަތް ކުރަނިކޮށް ދެ ކުޅުންތެރިން ވެއްޓި، ސަލާހްގެ ކޮނޑު ބިންމަތީގައި ޖެހި އޭނާގެ ކޮނޑަށް ވަނީ އަނިޔާވެފައެވެ. މިކަމާއި ގުޅިގެން ލިވަޕޫލުގެ ކޯޗު ނޫސްވެރިންވާ ވާހަކަ ދައްކަމުން ސަލާހްގެ އަނިޔާ ސީރިއަސް ކަމަށް ބުނެފައިވާއިރު މިސްރުގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަލާހްގެ އަނިޔާ އެހާ ސިރީއަސް ނޫން ކަމަށާއި ވޯލްޑް ކަޕުގައި އޭނާއަށް ކުޅޭނެ ކަމަށެވެ.

ކުޑަ ދުވަސްކޮޅެއް ތެރޭގައި އެތައް ބަޔެއްގެ ލޯބި ހޯދާފައިވާ މުހައްމަދު ސަލާހްއަށް އަނިޔާވެ އޭނާ ދަނޑުން ފޭބުމާއެކު ގިނަ ބަޔެއްގެ ހިތަށްވެރިވި ސުވާލަކީ އޭނާ ވޯލްޑް ކަޕުން ފެންނާނެތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ސަލާހް މިއަދު އޭނާގެ ފޭސްބުކް މެދުވެރިކޮށް ބުނީ އޭނާ އަކީ ހިތްވަރު ކުރާ މީހެއް ކަމަށާއި ހިތްވަރުކޮށް، އަނިޔާއިން ސަލާމަތްވެ، ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހިޔާލު