Nerah Eri Boatah Eheetherivumugai Guraidhoo Rayyithun Dhekki Namoonaa
image
ބޯޓުން އޮޔާދާތަކެތި ރަށަށް އަރުވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ނެރަށް އެރި ބޯޓަށް އެހީތެރިވުމުގައި ގުރައިދޫ ރައްޔިތުން ދެއްކި ނަމޫނާ

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި "ނިޔާމަ" ބޯޓު ތ. ގުރައިދޫ ނެރުމައްޗަށް އަރާ ގެއްލުންތަކެއް ލިބުމާއި ގުޅިގެން ގުރައިދޫ ރައްޔިތުން ދެއްކި ލާމަސީލު ނަމޫނާގެ ވާހަކައަކީ މިއަދު އެންމެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ އެއް ވާހަކައެވެ. އަންހެނަކަށް ފިރިހެނަކަށް ބެލުމެއް ނެތި ނިޔާމަ ބޯޓަށް އެހީވުމަށް ގުރައިދޫ އިން ދެއްކި ނަމޫނާ އިން އެކަނިވެސް ދިވެހިންގެ އަހުވަންތަކަމާއި އެއްބައިވަންތަކަން ފެނިގެން ހިނގައްޖެއެވެ. ބޯޓު ފުންކުރުމުން ފެށިގެން ބޯޓުގެ މުދާތައް އޮޔާދިޔަ ނުދީ ސަލާމަތް ކުރުމަށް ގުރައިދޫ ރައްޔިތުން އިސްނަގާ މަސައްކަތް ފެށީީ އަމިއްލަ މުދާތަކެއް ސަލާމަތް ކުރުމަށް އުޅޭ ބީދައިންނެވެ.
ބޯޓު އެކީއެކަށް މިހާރު އަޑިއަށް ގޮސްފައިވާއިރު ބޯޓު ނެރަށް އަރައި، އަޑިއަށްދިޔަ މަންޒަރު ދުށް ގުރައިދޫ ކައުންސިލުގެ ނައިބް ރައީސް ތައުފީގު އަލީ ވިދާޅުވީ، މުދާތައް ސަލާމަތް ކުރުމަށް ގުރައިދޫ ރައްޔިތުން ޑިންގީތަކުގައި ނިކުތް ކަމަށެވެ. " ބޯޓު ނެރަށް އަރައި މާ އިރުތަކެއް ނުވަނީސް އެކީހެން އަޑިއަށް ގޮސްފަ އޮތީ. އިތުރަކަށް އަޑިއަށްދާކަށް ނެތް. އިވިފަ އޮތް ގޮތުން ވިއްޔާ ބޯޓުގަ ހަތް މިލިއަނެއްހާ ރުފިޔާގެ މުދާހުރި. އެހެންވީމަ އަޅުގަނޑުމެނަށް އޭގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި މި ސަލާމަތް ކުރެވުނީ." ތައުފީގު ވިދާޅުވެއެވެ.


ޑިންގީތަކުގައި މުދާ ހޮވަމުން ދިޔައިރު ގުރައިދޫ ނެރުމަތިން ފެށިގެން ގޮނޑުދޮށާ ހަމައަށް ރައްޔިތުން ލައިނެއް ހަދައިގެން މުދާތައް ދިޔައީ ރަށަށް އަރުވަމުންނެވެ.

"ބޯޓުގަ ހުރި ފެނާއި އެކިކަހަލަ ބިސްކޯދައި، ހިކި ކިރުގެ ވައްތަރުތަކާއި، ރެޑްބުލް، ގޭހާއި، ސިމެންތި ލަކުނޑި، ފޮތި ފިޔާ އަލުވި ތަރުކާރީގެ ބާވަތްތަކާއި ކުކުޅު ވެސް، ދެން އޭގަ ނެތް ބާވަތެއް ނެތް ހަމަ." ތައުފީގު ވިދާޅުވެއެވެ.

ބައެއް ބާވަތްތައް ހަލާކުވެފައި ހުރިނަމަވެސް ގުރައިދޫ މީހުންނަށް ސަލާމަތް ކުރެވުނު ހުރިހާ މުދަލެއް ދޯނީގެ ވެރިފަރާތާއި ހަވާލު ކުރެވޭނެ ކަމަށް ތައުފީގު ވިދާޅުވެއެވެ. އެގޮތުން ކުކުޅު ފަދަ އަވަހަށް ހަލާކުވާނެ ޒާތުގެ މުދާ ގޭގޭގެ ޕްރިޖްތަކަށް ލާފައިވާނެ ކަމަށް ތައުފީގު ވިދާޅުވެއެވެ.

ނެރަށް އެރި ބޯޓުން އޮޔާދަނިކޮށް ސަލާމަތްކުރި ބައެއް މުދާ- ފޮޓޯ: ސޯޝަލް މީޑިއާ-
ނުގެއްލޭނެހެން ނޯޓުކުރުމަށްފަހު މުދާތައް ގޭގެއަށް ގެންގޮސްފައިވާކަން ފާހަގަކޮށް ތައުފީގު ވިދާޅުވީ ގުރައިދޫ ރައްޔިތުންނަކީ މީހުންނަށް ދިމާވާ އެފަދަ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށެވެ.

ބޯވާރޭގައި އަދި އެހިސާބަށް އެހާމެ، ކަނޑުގަދައިރު ގުރައިދޫ ރައްޔިތުންގެ ފަރާތުން ނިޔާމަ ބޯޓަށް ވެދިން އެހީތެރިކަމަށް އެބޯޓުގެ ވެރިޔާ އަލީ ޒާހިރު ވެސް ޝުކުރު އަަދާ ކުރެއެވެ. އެހާދިސާގައި ބޯޓަށް ލިބުނު ގެއްލުމުގެ ތަފުސީލު އަދި ނޭނގޭއިރު އެމްއެންޑީއެފް އާ ގުރައިދޫ ރައްޔިތުން ގުޅިގެން އަންނަނީ ބޯޓު ފުންކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރަމުންނެވެ.

ގުރައިދޫ ނެރުގެ އުތުރު ފަރާތަށް ބޯޓުއެރިއިރު އޭގައި 11 މީހުން ދަތުރު ކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ތިން ދިވެހިންނާއި އަށް ބިދޭސީން ހިމެނެއެވެ. އެހެންނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހިޔާލު