Raajje ah Gondi Gehlunee Khaarijee Siyaasathuge Dhoahalhi Kamun: Idhikolhu Faraaithah
image
ސަރުކާރުގެ އިސް އޮފިޝަލުން އދ. ގެ މަޖިލީހުގައި--ފޮޓޯ ޓްވިޓާ
0 ކޮމެންޓް
 

ރާއްޖެއަށް ގޮނޑި ގެއްލުނީ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުން: އިދިކޮޅު ފަރާތްތައް

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ނުކުރެވުނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އދގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑި އަށް ވާދަކޮށްފައިވަނީ ރާއްޖެ އާއި އިންޑޮނޭޝިޔާއެވެ. އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިޔާ ކުރިއަށް އޮތް ދެ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 144 ވޯޓު ހޯދައިގެންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޔޫއެންއެސްސީ އަށް 2019 އިން 2020 ރަށް ރާއްޖޭގެ ނަން ހުށަހެޅުމަކީ ލިބިގެން ދިޔަ ފަހުރެއް ކަމަށެވެ. ނަމަވެސް 46 ވޯޓު ލިބިގެން ދިއުމުން މިހާރުގެ ސަރުކާރާއެކު ރާއްޖޭގެ ދަރަޖަށް ދަށަށް ގޮސްފައިވާ މިންވަރު ހާމަވެއްޖެ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ބުނެ ރައީސް ޔާމީންގެ ވެރިކަމުގެ "ހުތުރު މޫނު" ފޮރުވައި ނުލެވޭނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި އަހުމަދު ނަސީމް ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަށް ރާއްޖެއިން ވާދަކޮށް 46 ވޯޓުވެސް ލިބިގެން ދިޔައީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންގެ ބުރަ މަސައްކަތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.


އެ ޓްވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި އޮފިޝަލުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައުއާމެދު އަމަލުކުރައްވާ ގޮތް ފެނިގެން ހިނގައްޖެ ކަމަށާއި ރާއްޖެއަށް ހައްގުވަނީ ސުން ވޯޓު ކަމަށް މާރިޔާ ވިދާޅުވިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށެވެ. ވަކިވެގަތުމާއި އަދި އިސްލާމީ ދުނިޔޭގެ ގައުމުތަކާ އެކު އޮތް ޒަމާންވީ ގުޅުންތައް ހަމައެއް ލަމައެއް ނެތި ކަނޑާލުމުގެ ނަތީޖާ ފެނުނީ ވަރަށް ދެރަކޮށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ދުނިޔޭގެ އެތައް ގައުމަކަށް ބިޒްނަސް ކްލާހުގައި ދަތުރު ކުރިއިރު، ދިވެހިންނަށް ލިބުނު ހުތުރު ނަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޓެގް ކުރައްވާ މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމުގައި އިސްކޮށް އުޅުނު ފަރާތްތައް ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

"ސެކިއުރިޓީ ކައުންސިލް އަކީ މަސްވެރިކަމާ ގުޅުންހުރި ތަނެއްކަމަށް ހީކޮށް ސަރުކާރުން ކެމްޕެއިން ހަވާލިކުރީ ފިޝަރީސް މިނިސްޓަރަށް. އެހެންވެދާނެ. ޔާމީން ނޫނީ އ.ދ ގައި ތަޤުރީރުނުކޮށް ދައުރެއް ހަމަކުރިި ވެރިއެއް ނެތް. އެންމެފަހުން މަސް ނުބޭނުނީމަ ގޯސްމިވީ ކަނޑު." މަހުލޫފު އިތުރަށް ވިދާޅުވިއެވެ.

އދގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ދިވެހިރާއްޖެއިން ވާދަކުރުމަކީ ރައީސް ޔާމީން ގައުމާ މެދު ދެކިވަޑައިގަންނަވާ ހުވަފެން ފުޅު ހާމަވެގެން ދިޔަ ކަމެއް ކަމަށާއި ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށް އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ރައީސް ޔާމީނަށް ތައުރީފު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އަބްދުއް ރަހީމް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ ސެކިއުރިޓީ ކައުންސިލް ގޮނޑި ގެއްލިގެން ރައީސް ޔާމީނަށް ތައުރީފު ކުރުމަކީ "ޔާމީން 100 ބުރީގެ އިމާރާތަކުން ފުންމާލީމަ" ތައުރީފު ކުރުން ކަހަލަ ކަމެއް ކަމަށެވެ.

"ޔާމީން ގެ ސަރުކާރުން ސެކިއުރިޓީ ކައުންސިލް އަށް ވާދަކުރުމަކީ، ޔާމީން މިއަހަރުގެ ރިޔާސީ އިންތިހާބުގަ ވާދަކުރުމެކޭ މާބޮޑު ތަފާތެއް ނެތް" މަހުލޫފު އިތުރަށް ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ ބަލިވީ ސަރުކާރު ކަމަށާއި ދިވެހިންގެ ބޮލުގައި ލަދު އަޅުވާނެ ކަމެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަރުގެ ފުރުސަތު ބޮޑު ފަހަރެއްގައިވެސް، ބޮޑު ތަފާތަކުން ރާއްޖެ ބަލިވެ، އިންޑޮނޭޝިޔާ ހަތަރު ވަނަ ފަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ހަމަތަކަށް އިންކާރު ކުރުމުގެ ނަތީޖާ އަދި ހާރިޖީ ސިޔާސަތުގެ ދޯހަޅިކަން ފެނިގެން ހިނގައްޖެ ކަމަށެވެ.


ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން އަދާ ކުރެއްވި ދުންޔާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ނަތީޖާއިން ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަން ހާމަ ވެއްޖެ ކަމަށެވެ. މިނިވަން އިންސާފުވެރިން ޖުޑިޝަރީއެއް ބޭނުންވާ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުގައި އިހުތިރާމު ހޯދަން ޖެހިފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ހިޔާލު