Saafu Candidateh Nere Dhakkan Keridhaanetha?
image
2013 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން---ފޮޓޯ:ރައީސްނަޝީދު.ކޮމް
1 ކޮމެންޓް
ފާތުމަތު މަޝާ
 

ސާފު ކެންޑިޑޭޓެއް ނެރެ، ދައްކަން ކެރިދާނެތަ؟

ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މިދުވަސްވަރު އެންމެ ބާރަށް ދެކެވެމުންދާ އެއްވާހަކައަކީ އިދިކޮޅު އިއްތިހާދުން ނިކުންނާނޭ ކެނޑިޑޭޓެއްގެ ވާހަކައެވެ. ނިކުންނަން އެންމެ ހައްގުކަން ބޮޑީ ކާކުތޯ އުފެދޭ ސުވާލުގެ ވާހަކައެވެ. އެއްފަރާތުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ ގެ ރައީސް މުހައްމަދު ނަޝީދެވެ. އަނެއް ފަރާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވާއިރު 40000 އަށްވުރެ ގިނަ ވޯޓުން ރައީސް ނަޝީދު ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް އަދި މިހާތަނަށް ރައީސް ނަޝީދަށްވެސް ގާސިމަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެފައިވާއިރު، އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ މި ތަނުން ނެރޭނެ "އެއް" ކެނޑިޑޭޓަކީ ކޮބައިކަމާ ދޭތެރޭ އުފެދޭ ޚިޔާލު ތަފާތުވުމެކެވެ. މި ދެބޭފުޅުންނަށް ކުރިމަތި ނުލެއްވޭނަމަ ދެން ނެރޭނެ ބޭފުޅަކާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުމެކެވެ. dhi2
އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓަކާ މެދު ހިޔަލު ތަފާތުވުން އުފެދިފައިވަނިކޮށް ގާސިމް ވަނީ ހޮނިހިރު ދުވަހުގެ ރޭ ބަޔާނެއް ނެރުއްވާފައެވެ. ރައީސް ނަޝީދަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށް އެ ބަޔާނުގައި ގާސިމް ވަނީ ވިދާޅުވެފައެވެ. ޝަރުތުހަމަވާ ކެންޑިޑޭޓެއް ދެއްކުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. ގާސިމްގެ އެވާހަކަތަކަށް ރައްދު ދެއްވާ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރެން ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށާއި ނެރޭނީ އެއް ކެންޑިޑޭޓު ކަމަށާއި ރައީސް ޔާމީން ބޮޑުތަކުން ބަލި ކުރާނެ ކަމަށެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުތައް އެމަގަށް ހުރިއިރު ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގައި ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާއިރު އަދި މިހާތަނަށް އިދިކޮޅު އިއްތިހާދުން ނެރޭނެ ކެނޑިޑޭޓެއް ކަނޑަނޭޅި ލަސްވެގެންދިއުމަކީ އެތައް ބައެއްގެ ޝަކުވާއެކެވެ. ގައުމުގެ ކަންކަން ފާލުން ނެއްޓިފައިވާ ކަމަށް ބުނަމުންދާއިރު އިދިކޮޅުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަކީ ނުހަނު ހައްސާސް ކަމަކަށް ވަނީ ވެފައެވެ.

އިދިކޮޅުން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅުމަކީ ހައްސާސް މައްސަލައަކަށް ވިޔަސް ހުރިހާ ފަރާތެއް އެއްބަސްވާ ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭންޖެހޭ ހާލަތެއް މެދުވެރިވަމުންދާއިރު އެއްބަޔަކު ބުނަމުންދަނީ އަދިވެސް ރައީސް ނަޝީދަށް ކުރިމަތިލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އިދިކޮޅު މެމަބަރުންނާއި ދޭތެރޭ ކޮށްފައިވާ ޣައިރު ގާނޫނީ ހުކުމްތައް އަދި ބާތިލް ކުރެވޭނެ ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ގާސިމް އަށް ވެސް ވާދަކުރެވޭނެ ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ.

އިދިކޮޅުގައި ތިބި ބޭބޭފުޅުންނަށް ބަލާއިރު ކޮންމެ ބޭފުޅެއްގެ މައްޗަށް ވެސް ކޮންމެވެސް ތުހުމަތެއް ދަނީ ކުރަމުންނެވެ. އެހެންކަމުން މިދަނޑިވަޅުގައި އެންމެނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އިދިކޮޅު ކޯލިޝަނުން ދެއްކުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ ބޮޑު ޒިންމާއަކަށް ނޫނީ ނުވާނެއެވެ.

ރައީސް ނަޝީދާއި ގާސިމުގެ ނަމުގެ ފަހުން ދެން އެންމެ ބާރަށް އަޑުއިވެމުންދަނީ އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ނަމެވެ. އިބޫގެ ނަމަށްވުރެ ފަހަތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައީސް ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބުގެ ނަން ވެސް ދަނީ އިވެމުންނެވެ. މިއީ ވެސް ކެންޑިޑޭޓަކަށް ވެދާނެ ބޭބޭފުޅުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝަރުތު ފުރިހަމަ ވާ ކެންޑިޑޭޓެއްގެ ނަން ރައީސް ނަޝީދު އަދި ޖޭޕީ ގެ ގާސިމް ހާމަކުރައްވާފައި ނެތް ކަމުގައިވިއަސް އެކަމަށް އެންމެ ގާބިލް ބޭފުޅަކީ އިބޫ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު އިބޫ ގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައެއް އޮތުމާއި އިބޫގެ މައްޗަށް ތަހުގީގުކޮށްފައިވާ މައްސަލައެއް ފުލުސް އޮފީހުގައި ޕާކުކޮށްފައި އޮތުމުން ގާސިމް ޝަރުތު ކުރެއްވި ފަދަ "ސާފު" ކެނޑިޑޭޓަކަށް ނުވެއެވެ. އެހެން ކަމުގައި ވަނީނަމަ ދެން ނެރެވޭނެ "ސާފު" ކެނޑިޑޭޓަކީ ކޮބައި ހެއްޔެވެ؟ މި ހައްސާސް ދަނޑިވަޅުގައި ދެން އޮތް ގޮތަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ފަރާތަކަށް ފުރުސަތު ދިނުމެވެ. އެ ފުރުސަތު ލިބޭ މީހާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ތަޖުރިބާކާރު އަދި ޖޭޕީ ގެ ޝަރުތުތައް ފުރިހަމަވެފައި ރައްޔިތުންގެ ރުހުން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވުން މުހިންމެވެ.

އެސިފަތައް ހުރި ސާފު ކެންޑިޑޭޓެއް ނެރުމަކީ ވެސް ދަތި އުނދަގޫ ކަމަކަށްވާއިރު ސިޔާސީ ލީޑަރުން އެއްބަސްވާން ޖޭހޭ އެއް ހަގީގަތެއް އެބަ އޮތެވެ. އެއީ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެވޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމު ކުރަން ޖެހިފައިވާ ކަމެވެ. އެކަން ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރަން އެންމެ ރަނގަޅުވާނީ ކޮން ބޭފުޅަކާތޯ ކުރެވޭ ސުވާލަކީ ވަރަށް ބޮޑު ހައްސާސް ސުވާލެކެވެ. ސަބަބުތައް ބައިވަރު އެބަހުއްޓެވެ.

އެހެންކަމުން ގައުމުގެ ހާލަތު މަޖުބޫރުކޮށްފައިވާ ގޮތުން އިދިކޮޅުން ނެރޭ ކެންޑިޑޭޓަކީ ސިޔާސީ ޕާޓީތަކުގެ ނުފެންނަ އަނދިރި އެޖެންޑާ ކުރިއަރުވަން ބޭނުންވާ ބޭފުޅަކަށް ވެސް ވެގެން ނުވާނެވެ. އަދި ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތަށް އިސްކަންދޭ ބޭފުޅަކަށް ވެސް ވެގެން ނުވާނެވެ. އަދި އެފަދަ އެއްވެސް ޑިމާންޑެއް ވެސް ސިޔާސީ ލީޑަރުން ކޮށްގެންނުވާނެއެވެ. އެ ޝަރުތުތައް ގަބޫލުކޮށް ސިޔާސީ ލީޑަރުން ދައްކާ ކެންޑިޑޭޓަކީ ސިޔާސީ މައިދާނުން އެކަހެރިވެ ނަމަވެސް ރައްޔިތުންގެ ރުހުން ވެސް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ހަދަން ޖެހެ އެވެ.

އެހުރިހާ ޝަރުތެއް ހަމަވާ ކެންޑިޑޭޓަކަށް ފުރުސަތު ދިނުމަށް ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އެއްބަސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަން ޖެހެއެވެ. މިހާތަނަށް އެ ބޭބޭފުޅުން ކުރެއްވި މަސައްކަތުގެ އަގެއް ހޯދުމުގެ ނިޔަތެއް ވެސް އޮވެގެން ވެސް ނުވާނެވެ. ސުވާލަކީ އެ ފަދަ ބޭފުޅަކަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ފުރުސަތު ދޭން ތައްޔާރު ބާވައެވެ؟ ތައްޔާރު ނަމަ އެކަމަށް ރައްޔިތުންގެ ކުރިމަތީގައި އެހަތަރު ލީޑަރުން އިގުރާރުވާށެވެ. އެއަށްފަހު އެ ފަދަ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމަށް ހުޅުވާލާށެވެ. އޭރުން ދެން ވާގޮތެއް އެނގިދާނެވެ. ފަހަރެއްގަ ތިޔަ ހޯދަން އުޅޭ "ސާފު" ކެންޑިޑޭޓެއް ލިބިދާނެވެ.
ހިޔާލު

އަހްމަދް

އެފަދަ ކެނޑިޑޭޓަކީ ގުނބޯކެންޑިޑޭޓް
"މިސްޓަރު:ބާތިލު
ގ.ޑިމޮރެސީގެ/ ބޮޑުތަނުން ބަލިކުރާގޯޅި. މާލެ
މިހާރު އުޅޭ އެޑްރެސް :ބަކިންހަމްޕެލަސް.
ބޮޑުކައްކާ.ޔޫކޭ ހެހޭ.